އިދިކޮޅު ލީޑަރުން ގަންހިންގުން. ހެނދުނު ކޯޓަށް ޢަބްދުއްރަޙީމް، މެންދުރު ފަހުން ކޯޓަށް ރައީސް ޔާމީން

Loading

Facebook
Twitter
WhatsApp

މިއަދު ހެނދުނު ފެނުނީ، ޕީޕީއެން-ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ލީޑަރ ޢަބްދުއްރަޙީމް ޢަބްދުﷲ ކްރިމިނަލް ކޯޓަށް ގެންދެވުނުތަނެވެ. މެންދުރު ފަހުން ފެނުނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ކްރިމިނަލް ކޯޓަށް ހާޒިރުކުރިތަނެވެ.

ޢަބްދުއްރަޙީމްގެ މައްޗަށް އުފުލީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުން ކުރި ދުވަހު އެ ކޯޓުގެ ބޭރުގައި ކުރަމުން ދިޔަ މުޒާހަރާގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަވަގުރާނަ (ލަދު ހުތުރު ބަސް) ބޭނުން ކުރެއްވުމުގެ ދައުވާއެވެ.

ޤާނޫނުލް ޢުޤޫބާތުގައިވާ ގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައް ކުރުމަކީ ކުށެކެވެ. މި ކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަސް ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު ޢަބްދުއްރަޙީމްގެ މައްޗަށް މައްސަލަ ސާބިތުވިޔަސް އަންނާނެކަމަށް ބެލެވެނީ އެއްމަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ.

މިއަދު ކުރިއަށް ދިޔަ ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި ދައުލަތުން އަދުރޭއަށް ކުރާ ދައުވާ އިއްވިޔަސް، އަދުރޭގެ ފަރާތުން ދައުވާއަށް ޖަވާބުދާރީއެއް ނުވެއެވެ. އޭނާގެ ގާނޫނީ ވަކީލު އެދިވަޑައިގަތީ ދައުވާގެ ލިޔެކިއުންތައް ލިބުނީ މިއަދުކަމަށްވާތީ ޖަވާބުދާރީވާން ތައްޔާރުވުމުގެ ގޮތުން އިތުރު ފުރުސަތެއް ބޭނުންވާ ކަމަށެވެ.

ފަނޑިޔާރު ޙަސަން ސަޢީދު ނިންމެވީ ޖަވާބުދާރީ ވުމަށް އަންނަ ހަފުތާގައި ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަށެވެ.

ކޯޓުން ނިކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަނުން ޢަބްދުއްރަޙީމް ވިދާޅުވީ މިއީ ދޮގު ތުހުމަތުތަކެއް ކޮށްގެން އުފުލާފައިވާ ދައުވާއެއް ކަމަށާއި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ކޯޓަށް ހުށަހެޅިފައިވާ ދައުވާގެ ލިއުން ލިބުނީ މިއަދު ކަމަށެވެ.

“ ގާނޫނު ބުނާގޮތުން މައްސަލަ ކޯޓަށް ހުށަހަޅާތާ ފަސްދުވަހުގެ ތެރޭގައި ހުރިހާ ލިޔެކިޔުންތަކެއް ހަވާލުކުރަންޖެހޭ. އެހެން ނަމަވެސް އެލިޔުންތައް އަޅުގަނޑުމެންނާ ހަވާލުނުކޮށް މިއަދާ ހަމަޔަށް މިދިޔައީ. ޝަރީޢަތުގެ މަޖިލީހަށް ވަނީމަ ލިޔެކިއުންތައް ލިބުނީ.“ އޭނާ ވިދާޅުވިއެވެ. “ މިދައުވާއަކީ ސިޔާސީ ގޮތުން އުފުލައިގެން އުޅޭ ދައުވާއެއް. ސަރުކާރު މިއޮތީ ނޭވާހޮޅިއަށް އެޅިފައި. އެހެންވެ ސަރުކާރު ނުހިނގާކަން ރައްޔިތުންނަށް އެނގި ހާމަވެދާނެތީ، ވާދަވެރިންގެ މައްޗަށް ދައުވާކޮށްގެން މުޅި މަންޒަރުގެ ފޯކަސް ގެއްލުވާލަން މަސައްކަތް ކުރަމުން ގެންދަނީ. މިއީ އެގޮތުގެ މަތީން ކުރާ ދައުވާއެއް.“

ޢަބްދުއްރަޙީމް ވިދާޅުވިގޮތުގައި ސަރުކާރުން ބޭނުންވެގެން އުޅެނީ ސިޔާސީ ވާދަވެރިން ގަންހިންގުމުގެ ކަންތައްތަކެއް ކުރިއަށް ގެންދާށެވެ.

މަނީ ލޯންޑްރިންގެ ކުށެއް ސާބިތުވެ ފަސްއަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާއެއް ވެސް މިއަދު މެންދުރު ފަހުން ވަނީ ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.

ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިން، ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަޙުމަދު ކްރިކް ރިޟާ މެދުވެރިކޮށް، ރިޝްވަތުގެ ގޮތުގައި 1.3 މިލިއަން ޑޮލަރު ގަބޫލުކޮށް އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކުންފުނީގެ ދެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެއެވެ.

އެ ދައުވާތަކަށް ރައީސް ޔާމީން ވަނީ އިންކާރު ކުރައްވާފައެވެ.

ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ދިފާއުގައި ވިދާޅުވީ އެއީ ހިނގާފައިނުވާ ކަމެއްކަމަށެވެ. އަދި އެއީ ސިޔާސީ ބޭނުމަށްޓަކައި ޒާތީ ހަސަދަ ފިލުވަން ޕްރޮސެކިއުޓާ ކުރާ ދައުވާއެއް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލުގެ ވާހަކަފުޅުގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ހަމަހަމަކަމުގެ އުސޫލާ ޚިލާފަށް ކަމަށާއި އަސްލު ކުށްކުރި މީހުންނަށް ޚާއްޞަ އިނާޔަތްތަކެއް ދީގެން ހެކިންގެ ގޮތުގައި އެ މީހުން ހަމަޖައްސައިފައިވާކަމަށް ވިދާޅުވިއެވެ. އަދި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ޖަލަށްލާން ހުކުން ކުރިކަމަށްވިޔަސް އޭނާ ހުންނެވީ، ގޭބަންދުގައިކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ. އަދި ފުއްގިރި މައްސަލާގައި ވެސް މުއާމަލާތްތައް ހިންގެވީ އަދީބު ކަމަށް ޖަމީލު ކޯޓުގައި ހާމަކުރެއްވިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ރައީސް ޔާމީނުގެ ޝަރީޢަތުގެ އިތުރު އަޑުއެހުމެއް އަންނަމަހު ބާއްވާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ރައީސް ޔާމީން ކޯޓަށް ހާޒިރުކުރައްވައިގެން، ޝަރީޢަތުގެ މަޖިލިސް ކުރިއަށް ނުގެންގޮސް ވަގުތު ތަކެއް ހޭދަވެގެންދިޔައެވެ.

އެކަމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވައިގެން މީޑިއާއާ ވާހަކަފުޅުދައްކަވަމުން ޕީޕީއެމް-ޕީއެންސީގެ ލީޑަރ ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީނު ކޯޓަށް ހާޒިރުކުރައްވައި ޝަރީޢަތުގެ މަޖިލިސް ކުރިއަށް ނުގެންގޮސް، ގަޑިދޮޅުގަނޑިއިރު ބޭންދުމަކީ ރަހީނުކުރުން ފަދަ ކަމެއްކަމަށާއި އެއީ ރައީސް ޔާމީނަށް އަނިޔާކުރަން ގަސްތުގައި ކުރިކަމެއްކަމަށެވެ.

”ރައީސް ޔާމީނާ ދެކޮޅަށް ކުރާ ދައުވާއަކީ ފާސިގުން ބޭނުން ކޮށްގެން ކުރާކަމެއް. އެހެންވެ އިންސާފު ހޯދަން ދިވެހިރައްޔިތުން ނިކުންނަން އެބަޖެހޭ.“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ”ރައީސް ޔާމީނު މިނިވަން ކުރަން އެބަޖެހޭ. ރައީސް ޔާމީންފަދަ ލީޑަރަކު ބޭނުންކޮށްގެން މިގައުމު ހައްލަކަށް އެޅުވޭނީ.“

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާއި ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވި މީހުން މިއަދު މަގުމަތީގައި އިހުތިޖާޖުގެ ހިނގާލުމެއް ބާއްވާފައިވެއެވެ. އެމީހުން ޗާދަނީމަގުން މަޖީދީ މަގުން ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮށަށް ދިޔައިރު، ރައީސް ޔާމީން މިނިވަންކުރުމަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިސްތިއުފާދެއްވުމަށް އަޑުއުފުލާފައިވެއެވެ.

 

Loading

One Response

  1. މިވެރިންވެސް ކޮވިޑް ނިމެންދެން ގޭބަންދުގައި ބޭތިއްބޭނެ ގޮތެއް ނެތްތޯއެވެ. މަޖިލިސް އިން ގަރާރެއް ފާސްކުރެވޭކަށް ނެތްތޯއެވެ.

Leave a Reply to މޫސާ މުހައްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް