Skip to content
ޚަބަރު

ކެމިކަލްތަކާ ބެހޭ ބައިނަލްއަޤްވާމީ ފުރަތަމަ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

މަރްޔަމް މަލާކްމަރްޔަމް މަލާކް

ކެމިކަލްތަކާ ބެހޭ ބައިނަލްއަޤްވާމީ ފުރަތަމަ ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.

’ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް‘ (ޖީ.އެފް.ސީ) ގެ ބައިނަލްއަޤްވާމީ ފުރަތަމަ ކޮންފަރެންސް ކުރިއަށް ގެންދިޔައީ މި މަހުގެ 16 އިން 20 އަށް ސްވިޒަލެންޑުގެ ޖެނީވާގައެވެ.

މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާ އިން ބުނީ މި ކޮންފަރެންސަކީ ކެމިކަލް އަދި ކުނިން އިންސާނުންގެ ޞިއްޙަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، ޞިނާޢީ ދާއިރާގެ ފަރާތްތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ.

މި ކޮންފަރެންސްގެ ތެރެއިން މި އޮނިގަނޑު (ފްރޭމްވޯކް) ތަންފީޒުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައި ކަމަށް އެ ވުޒާރާއިން ބުނެއެވެ. އެގޮތުން، މަސައްކަތްތައް ކުރިއަށްދާ މިންވަރު ދެނެގަތުމަށް ބޭނުންކުރާނެ ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކެއް ކަނޑައެޅުމާއި، މިކަން ތަންފީޒުކުރުމަށް ދެ ޕްރޮގްރާމެއް އެކުލަވައިލުން ހިމެނެއެވެ. މީގެ އިތުރުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޤާއިމުކޮށްފައިވާ ’ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް ފަންޑު‘ ގެ މުއްދަތު 2035 ވަނަ އަހަރާ ހަމައަށް އިތުރުކުރުމަށް ވެސް މި ކޮންފަރެންސްގައި ވަނީ ފާސްކޮށްފައެވެ.

މި ކޮންފަރެންސްގައި މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕްރޮޖެކްޓް މެނޭޖަރ ޙަސަން އަޒްހަރެވެ. މިގޮތުން މި ފްރޭމްވޯކް ތަންފީޒުކުރުމަށް އެހީތެރިވުމުގެ ގޮތުން، މަސައްކަތުގެ ޕްރޮގްރާމާއި، މުވައްޒަފުން އަދި ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެކުލަވައިލި ’ކޮންޓެކްޓް ގްރޫޕް‘ ގެ ކޯ-ޗެއަރގެ މަޤާމު ވެސް ޙަސަން އަޒްހަރު ވަނީ ފުރުއްވާފައެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply