ކައުޘަރު

Loading

October 13, 2026
profile
Facebook
Twitter
WhatsApp

އަހަރެންނަށް ކައުޘަރު އެންމެ ފުރަތަަމަ ދިމާވީ ސައިހޮޓަލަކުންނެވެ. މާލެ އައި ދަތުރެއްގައި ސައިތައްޓެއް ބޯލަން ވަތްތަނާއެވެ.

ކައުޘަރަކީ މަސައްކަތު ވިސާގައި ރާއްޖެއައިސް އުޅޭ ތައިލެންޑު ރައްޔިތެކެވެ. ބަލާ ބެލުމަށް ތައިލެންޑު މީހަކަށްވުރެ އޭނާ ބޮޑަށް ވައްތަރީ ދިވެއްސަކާއެވެ. ހަމުގެ ކުލައެވެ. ލޮލުގެ ބައްޓަމެވެ. ރާޅުބާނި އިސްތަށިގަނޑެވެ. ހެދުންއަޅާފައި ހުރި ގޮތެވެ.

ދިވެއްސެއް ކަމަށް ހީކޮށް އަހަރެން ފުރަތަަމަ ވާހަކަދެއްކީ ދިވެހިބަހުންނެވެ. އިނގިރޭސި ބަހުން އޭނާ ބުނީ ދިވެހި ނޭނގޭ ކަމަށެވެ. ކޮށަކޮށައިގެން އަހަރެން އިނގިރޭސި ބަހުން ވާހަކަ ދެއްކިނަމަވެސް ކައުޘަރު އިޖާބަދިނީ އިޙުތިރާމާއެކުގައެވެ. މުޢާމަލާތުކުރުމުގައި ކައުޘަރުގެ ކިބާގައި ހުރީ އަދަބުވެރި އަބުއި ގޮތެވެ.

ސައި މޭޒު ސާފުކޮށް ދުފަން ގެނައި ވަގުތުކޮޅުގެ ތެރޭގައި އަހަރެން އޭނާއާ ވާހަކަދެއްކީމެވެ. އޭނާވެސް ތަޢާރަފުވެ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އޭނާގެ ޢާއިލާއަށް ރާއްޖެ އާ ނޫންކަން އެނގުނެވެ. މަންމައާއި ބޮޑުދައިތައަކީވެސް ރާއްޖޭގައި މަސައްކަތްކުރަން އުޅުނު ދެ މީހުން ކަމަށް އޭނާ ބުންޏެވެ. އަހަރެންވެސް އަހަރެންނަކީ ކޮން ރަށަކު ކާކުކަން ބުނެދިނީމެވެ.

”އަދި ދިމާވާނެ ދޯ!“އޭ ބުނެފައި އަހަރެން ހޮޓަލުން ނުކުތީމެވެ. އޭނާވެސް ހީނލަމުން އަދި އަހަރެމެން ރަށަށް ދާނަމޭ ބުންޏެވެ.

އޭގެ ހައެއްކަ މަސް ފަހުން އަހަރެންނަށް އޭނާ ފެނުނީ އަހަރެމެން ރަށު ރުއްގަނޑު ހޮޓަލުގައި ވޭޓަރަކަށް ހުއްޓައެވެ. އަހަރެން ފެނުމާއެކު ވަރަށް އުފަލުން އައިސް ވާހަކަދެއްކިއެވެ. މިހާރު މިކޮޅަށް ބަދަލުވީއޭވެސް ބުންޏެވެ.

ރުއްގަނޑު ހޮޓަލަކީ އުތުރު އަވަށު ޚާލިދު ހިންގާ ހޮޓަލެކެވެ. ޚާލިދަކީ އަހަރެންގެ އެންމެ ގާތް މިތުރު ވަލީދުގެ ތިމާގެ މީހެކެވެ.

ވަލީދުގެ ގޭގައި ކުރަމުން ދިޔަ މަސައްކަތެއްގެ މެދުތެރޭން އަހަރެންނާއި ވަލީދު ރުއްގަނޑު ހޮޓަލަށް ވަދެލީމެވެ. އެދުވަހު އަހަރެންނަށް ކަމެއް ފާހަގަވިއެވެ. އަހަރެމެން އެތަނުގައި ތިބިއިރު ކައުޘަރު ވަރަށް ގިނައިން ވަލީދާ ދިމާއަށް ބެލިއެވެ. އެއްޗެއް ބުނަން ހިތަށްއަރާފައިވެސް އެތަނުގައި ތަންކޮޅެއް ބައިހެޔޮކޮށް އޮތީމާ އަޅާނުލީއެވެ.

އޭގެ ފަހުން ދުވަހެއްގައި ވަލީދު އަހަރެންނަށް ގުޅިއެވެ. ބޮޑު ވާހަކައެއް ދައްކަންވެފައި އޮތް ވާހަކަ ބުންޏެވެ. އަބަދުވެސް ބޮޑު ވާހަކައެއް ނޫނީ ސިއްރެއްވިއްޔާ ވަލީދު ހިއްސާކުރާނީ އަހަރެންނާއެވެ. ”ވާހަކަދައްކާލަން ހޮޓަލަށް އަރަމާބަހީ“ އޭ ބުނުމުން ވަލީދު ނޫނެކޭ ކިޔާފައި ހަތަރެސްފައިން ހޯހޯ ގޮވައިގަތެވެ. ހީވީ ގައިގައި އަލިފާން ޖައްސަފާނެތީ އުޅުނުހެންނެވެ.

އަހަރެންނާއި ވަލީދު ތިބީ އަހަރެމެންގެ ގޭ ގަސްދޮށުގައި ހުރި ޖޯލިފަތީގައެވެ. ވާހަކަ ފެށުމުގެ ކުރިން ދެކޮޅު ހޯދައި ބަލާވަރުން ހީވަނީ ބަޔަކު އަހަރެމެންނަށް ޖާސޫސްކުރާތީ އުޅޭހެންނެވެ. އަހަރެން ކިޔައި އާދޭސްކުރުމުން ވަލީދު ވާހަކަ ފެށިއެވެ.

އެއީ މީގެ ވިއްސަކަށް އަހަރު ކުރިއެވެ. އަހަރެމެން ދެ މީހުންގެވެސް އުމުރުން އޭރު ވާނީ ފަންސަވީހަކަށް އަހަރެވެ. މާލެއަށް ކިޔަވަން ފޭބިގޮތަށް ވަޒީފާއެއް ހޯދައިގެން އޭނާ ހުރީ މާލޭގައެވެ. އަހަރެން އުޅުނީ ރަށުގައެވެ. ވަލީދު މާލޭގައި ހުރިއިރުވެސް އަހަރެންނަށް ވަރަށް ގިނައިން ގުޅައެވެ.

ގުޅާ ކޮންމެ ފަހަރަކުވެސް އަހަރެން އޭނާއަށް ނަސޭހަތްތެރިވަމެވެ. ހެޔޮ މަގުގައި ހުރުމަށެވެ. ވަލީދުގެ އުޅުން ހުންނަގޮތް އެނގޭތީއެވެ. އެހެން ބުނާއިރަށް އާނއެކޭ ބުނާނެއެވެ. އެކަމަކުވެސް ކޮށްލާ ބައެއް ކަންކަމުގެ ވާހަކަ އަހަރެންގެ ގާތުގައި ސިއްރުން ބުނާނެއެވެ. އަހަރެން ރުޅިއަންނާނެކަން އެނގިހުރެއެވެ. އެކަމަކު ވަލީދަށް ޔަގީންވާނެ ކަމަކީ ކޮންމެ ކަމެއް ކުރިއަސް އަދި ކޮންމެ ވާހަކައެއް ދެއްކިއަސް އަހަރެން އޭނާ ބޭޒާރު ނުކުރާނެކަމެވެ.

ވަލީދު ފެށީ އޭރު އޭނާ އަހަރެން ގާތުގައި ބުނެފައި އޮތް ބޮޑު ސިއްރެއްގެ ވާހަކައެވެ. މާލޭގައި ހުރިއިރު ”ގެންގުޅުނު“ ތައިލެންޑު ކުއްޖެއްގެ ވާހަކައެވެ. ނަމަކީ މޭއެވެ. މާލޭގެ ސެލޫނެއްގައި މަސައްކަތްކުރާ ކުއްޖެކެވެ.

ދެމީހުންގެ ގުޅުމުގައި ތަތްތެޅި ހޭވެރިކަންވީއިރު މޭ އިނީ ބަލިވެ ކަމެއް އޭރު ވަލީދު އަހަރެންގެ ގާތުގައެއް ނުބުނެއެވެ. ބުނިހާވެސް އެއްޗަކީ އޭނާ ވަޒީފާ ދޫކޮށްލާފައި ފުރައިގެން ދިޔަ ވާހަކައެވެ. އޭނާއަށް އޭގެ ފަހުން ނުގުޅޭ ވާހަކައެވެ. ހޯދޭނެ ގޮތެއްވެސް ނޭނގޭ ވާހަކައެވެ.

ގުޅޭނެ ގޮތެއް ވޭތޯ ވަލީދު އެ ސެލޫނަށްވެސް ދިޔައެވެ. ނަމަވެސް މޭއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭގޮތެއް ނުވިއެވެ. ވަރަށް ދުވަހު މަސައްކަތްކުރުމަށްފަހު އުންމީދު ކަނޑާލާފައި ވަލީދުވެސް ވަޒީފާ ދޫކޮށްލާފައި ރަށަށް އައީއެވެ. ދިރިއުޅުމެއް ފެށީއެވެ.

ނަމަވެސް ތިން ދަރިން ލިބި ބޮޑެތިވީފަހުން މި ލައިގަތީ ވަކި ކުޑަ ކަމެއް ނޫނެވެ. ކައިވެނިން ބޭރުން ލިބުނު ދަރި މިއަދު އެހެރީ ވަލީދުގެ ގާތަށް އައިހެވެ. ކައުޘަރެވެ.

މި ދުނިޔޭގެ މޭ ނެތްނަމަވެސް އެންމެ ފަހު ވަގުތާ ހަމައަށްވެސް ވަލީދު މަތިން އޭނާ ހަނދާންކުރިއެވެ. ދަރިފުޅަށް ކައުޘަރުގެ ނަމުން ނަންދިނީވެސް އެއީ ވަލީދަށް އެންމެ ރީތި ނަމަށް ވީތީއެވެ. ބައްޕައާ ބައްދަލުކުރަން ކޮންމެވެސް ދުވަހަކުން ގެންދާނަމޭ ބުނިނަމަވެސް އެދުވަސް ނުފެނި މޭ މަރުވީއެވެ.

މަސައްކަތު ވިސާގައި ކައުޘަރު ރާއްޖެ އައީވެސް ބައްޕައާ ބައްދަލުކުރުމުގެ ބޭނުމުގައެވެ. ބައްޕަ ހޯދުމުގައި އޭނާއަށް އެހީއަކަށްވީ ފަނަރަވަނަ އުފަންދުވަހު ޢާއިލާއިން ދިން ހަދިޔާއެވެ. މަންމަގެ ޑައިރީއެވެ. އެކަމަކު އޭގައި ހަމައެކަނި އޮތީ ބައްޕަގެ ރަށާއި ނަމެވެ. އިތުރު އެއްވެސް މަޢުލޫމާތެއް ނެތެވެ.

އެކި ގޮތްގޮތުން އުޅެމުންގޮސް ރާއްޖޭގައި މަސައްކަތްކުރާ ތައިލެންޑު މީހަކާ ކައުޘަރާ ދެމެދު ރައްޓެހިކަން އުފެދުނެވެ. އޭނާ މެދުވެރިވެގެން ވަޒީފާއަކަށް ރާއްޖެ އާދެވޭގޮތްވިއެވެ. ނަސީބު ރަނގަޅުކަމުން ވަޒީފާ ލިބުނީ ސައިހޮޓަލަކުންނެވެ. އެތަނުގައި އުޅެމުން ވަލީދުގެ ރަށަށް އޭނާ ބަދަލުވީއެވެ. ކޮންމެވެސް ދުވަހަކުން ބައްޕައާ ބައްދަލުވާނެކަމުގެ އުންމީދުގައެވެ. ނަމަވެސް އެއްވެސް މީހަކު ގާތުގައި އެވާހަކަ ނުދައްކައި ހުއްޓާ ބައްޕަ ފެނުނީއެވެ. މަންމަ ގެންގުޅުނު ފޮޓޯތަކުގައި ހުރި މީހާއާ ވަލީދާ އެއްވެސް ތަފާތެއް ނެތެވެ. ތުނި އިސްތަށިގަނޑު ނުރަވުން ފިޔަވައެވެ.

މީހަކު މެދުވެރިނުވެ ކައުޘަރު ފުރަތަމަވެސް ވާހަކަދެއްކީ ވަލީދާއެވެ. އޭނާއަކީ ކާކުކަން ވަލީދު ގާތުގައި ބުނީ ވަލީދު އުފާވާނެ ކަމަށް އުންމީދުކޮށްގެންނެވެ. ނަމަވެސް ކަންތައް ވީ ކައުޘަރު އުންމީދުކުރި ގޮތަކަށް ނޫނެވެ.

ކައުޘަރު މަޑުމަޑުން ވާހަކަ ދެއްކިނަމަވެސް ވަލީދަށް އެ އަޑު އިވުނީ ބޮޑު އިސްޕީކަރަކުން ގޮވައިލީމާ އިވޭހާ ބާރަށެވެ. ކުއްލިއަކަށް ވަލީދަށް ފެނުނީ ރަށު ރައްޔިތުން އޭނާއާ ދިމާއަށް އަންނާތީއެވެ. އެ އައިގޮތަށް އައިސް އެމީހުން އޭނާގެ ގަޔަށް ބޮލަށް އަރައިގަތެވެ. ހުތުރު ނަންތަކުން ގޮވައި ބިންމައްޗަށް ވައްޓާލައި އަނިޔާކުރަން ފެށިއެވެ.

އެހީއަކަށް އެދި އަތްދިއްކޮށްލަން ބެލިއިރު މަގުގެ އެއްފަރާތުގައި ތިބި ދަރިން ލޯއަޅައިގެންފައި ހިނގައިގަތީ ދުރަށެވެ. އަހަރެމެން ތިޔަކަހަލަ ވިޔާނުދާ މީހަކު ބޭނުމެއްނޫނޭ ބުނާހެންނެވެ. އަނބިމީހާވެސް އަޑުގެ ނެތްކޮޅަށް ވަރިއަށް ގޮވައިގަތެވެ. ރިހޭ ފައިމައްޗަށް ވެއްޓުނީ ފޮއި އެކަންޏެއް ނޫނެވެ. ދައިވެސް ވެއްޓުނީއެވެ.

(ނުނިމޭ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް