ޖަޕާނުގެ ގޮދަޑި ހަދާ ކުންފުންޏަކުން އިންތިޒާމް ކޮށްގެން ވަރަށް ތަފާތު ނިދުމުގެ މުބާރާތެއް ބާއްވައިފިއެވެ. އެއީ އެންމެ އަވަހަށް އަދި އެންމެ ގަދަޔަށް ނިދޭމީހަކު ހޮވުމަށް ބޭއްވި މުބާރާތެކެވެ.ހަފްތާއަކު 180 ގަޑިއިރާއި 200 ގަޑިއިރާ ދެމެދު މަސައްކަތް ކުރަންޖެހި ނިދި މަދުވެފައިވާ ފަރާތްތަކަށް އަމާޒު ކޮށްގެން ބޭއްވި މުބާރާތުގައި އެއްވަނަ އަށް ހޮވޭ ފަރާތަކަށް 2މިލިއަން ޔެން(12،645ޔޫއެސްޑޮލަރު) ދޭގޮތަށް އޮތީ އިއުލާން ކޮށްފައެވެ.
ހޯމަ ދުވަހު ބޭއްވުނު މުބާރާތުގައި ބައިވެރިވި ގިނަ މީހުންނަކީ އަވަހަށް ނިދޭކަމަށް އަމިއްލަޔަށް ދައުވާކުރާ މީހުން ކަމަށް ވީއިރު އަނެއް ބަޔަކު އައިސްފައިވަނީ އަރާމު ކޮށްލާ، ”ނެޕް“ ކޮށްލުމަށް ކަމަށް ވެއެވެ.
ބޮޑު ހޯލެއް ކަހަލަ ތަނެއްގައި އެނދުތައް ބެހެއްޓިފައިވާއިރު ތަނުގެ މާހައުލުވަނީ އަލި މަޑުކޮށް ފަސޭހައިން ނިދި އަންނަ މާހައުލަކަށް ހަދާފައި ކަމަށް ވެއެވެ. ކޮންމެ ބައިވެރިއަކުވެސް ނިދަން ޖެހެނީ 90 މިނެޓަށް ކަމަށްވާއިރު ކޮންމެ ބައިވެރިއަކުގެ ގައިގައިވެސް ސްލީޕް ޓްރެކިންގ ޑިވައިސް އެޅުވި ކަމަށް ވެއެވެ.
ބައެއްމީހުން ނިދިއިރު އެމީހުންގެ ސްޓަފްޑް ޓޯއީސް ވެސް ހިފައިގެން ތިބި ކަމަށް ވެއެވެ.
ނިދުމުގެ މުބާރާތް އިންތިޒާމް ކުރި ގޮދަޑި ކުންފުނި ”ކޮއާލާ ސްލީޕް“ ޖަޕާންގެ ކްރިއޭޓިވް ޑިރެކްޓަރ ބުނި ގޮތުގައި ޖަޕާނަކީ ނިދިމަދުވެފައިވާ ބަޔަކު އުޅޭ ގައުމެއްކަމުގެ ނަން އޮންނަނީ ވެފައެވެ.އަދި މުބާރާތުގައި ބައިވެރިވި އެންމެންވެސް ވަރަށް ސީރިއަސް ކަން އޭނާ ފާހަގަ ކޮށްފައިވެއެވެ.މީގެ އިތުރުން ހަމަ ނިދި ހޯދުމަށް ހިއްވަރު ދިނުމަށް މިފަދަ ގޮތަކަށް އެއްތަނެއްގައި ނިދުމުގެ ކަންކަން އިންތިޒާމް ކުރާނަމަ އެކަމުގެ ފައިދާ ފެނިދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕޮރޭޝަން (އޯއީޑީސީ)ގެ 2021 ވަނަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން އެޖަމިއްޔާގެ މެމްބަރު 38 ގައުމުގެ ތެރެއިން ޖަޕާން މީހުންނަކީ އެންމެ މަދުވަގުތު ނިދައިގެން އުޅޭ މީހުންނެވެ. މިގޮތުން ޖަޕާން މީހުން އެވެރެޖް ގޮތެއްގައި ނިދަނީ ދުވާލަކު ހަތްގަޑި އިރާއި 24 މިނިޓް ކަމަށް ވެއެވެ.
ޖަޕާނުގައި އާންމު ގޮތެއްގައި މީހުން ވަރަށް ގިނަ އިރު މަސައްކަތުގައި އުޅެއެވެ.އަދި ގިވަގުތުތަކެއް ދަތުރު ކުރުމަށް ހޭދަކުރަން ޖެހެއެވެ. މީގެ އިތުރުން ޖަޕާންގެ އިގްތިސދު އެގައުމުގެ ނައިޓް ލައިފް ނުވަތަ ރޭގަނޑުގެ ހަރަކާތްތަކަށް ވަނީ ބިނާ ވެގެންނެވެ.އެހެން ކަމާއެކު މީހުންނަށް ނިދުމަށް ލިބޭ ވަގުތު މަދުވަނީ އެވެ.
ނިދުމުގެ މުބާރާތް ކާމިޔާބް ކުރި ސުއީމީ ބުނީ އޭނާ ފައިސާ ބޭނުން ކުރާނީ ވަޒީފާ އަދާކުރާތަނާ ކައިރި ތަނަކަށް ބަދަލު ވުމަށް ކަމުގައެވެ.އަދި މުބާރާތުގައި ނިދަން ދިންކަހަލަ ”ޕްރިންސެސް“ އެނދެއް ގަންނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
![]()
