މި ހިނގާ ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބަށް ފަހު ވަގުތުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލަފާކުރައްވައިފިއެވެ. ނަމަވެސް، މި ހަނގުރާމަ މިއަށްވުރެ މާ ދިގުލައިގެން ހިނގައިދާނެ ކަމަށް އޮފިޝަލުން އަމިއްލަ ގޮތުން ދަނީ އިންޒާރު ދެމުންނެވެ.
ޓްރަމްޕް ވިދާޅުވީ އީރާނަށް އިތުރަށް މި ހަނގުރާމަ ދަމަހައްޓައިގެން ކުރިއަށް ގެންދިއުމުގެ ކުޅަދާނަކަން ނެތް ކަމަށާއި، ތެހެރާނުން ދަނީ އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން ކަމަށް ތުހުމަތު ކުރައްވާފައެވެ. އެހެންނަމަވެސް، ޓްރަމްޕްގެ ރިޔާސީ ދައުރުގެ ބާކީ އޮތް ދެ އަހަރު ދުވަހަށް ވެސް މި ހަނގުރާމަ ދެމިގެން ހިނގައިދާނެ ކަމަށް އެމެރިކާގެ އިސް މުޝީރުން ސިއްރިއްޔާތުގައި އިންޒާރު ދީފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ވަނީ ރިޕޯޓްކޮށްފައެވެ.
މި އެންމެ ފަހުގެ ކުރިއެރުންތައް ފެންމަތިވެފައި މިވަނީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެން އެ ޤައުމަށް ބައިނަލްއަޤްވާމީ ފިއްތުންތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައެވެ. ބުދަ ދުވަހު، އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ބޯޑް އޮފް ގަވަރނަރުން ވަނީ، ތެހެރާނުން ނިއުކްލިއަރ އެއްބަސްވުންތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ވޯޓު ދީފައެވެ.
މި ޤަރާރު ފާސްވީ 23 ޤައުމުގެ ވޯޓުންނެވެ. ތިން ޤައުމަކުން ދެކޮޅަށް ވޯޓު ދިންއިރު، އަށް ޤައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެއެވެ. މި ފިޔަވަޅާ ދެކޮޅަށް ވޯޓު ދިނީ ރަޝިޔާ، ޗައިނާ އަދި ނައިޖަރ އެވެ. މިއާއެކު، މި ހަނގުރާމައިގެ ވަށައިގެންވާ ޑިޕްލޮމެޓިކް ނުތަނަވަސްކަމުގެ އިތުރު ފަށަލައެއް ވަނީ އުފެދިފައެވެ.
އދ. ގެ ނިއުކްލިއަރ ވޮޗްޑޮގްގައި ހުންނަވާ އީރާނުގެ މަންދޫބު ވަނީ މި ޤަރާރު ބަލައިނުގަނެ ބޭރުކޮށްލައްވާފައެވެ. އަދި މި ޤަރާރަކީ އެމެރިކާގެ ނުފޫޒުގެ ދަށުން ފާސްކުރި، އެއްވެސް ނަތީޖާއެއް ނުނުކުންނާނެ ޤަރާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވަމުން ގެންދަވަނީ އީރާނުގެ ސަރުކާރު ވެއްޓުމާ ގާތްވެފައިވާ ކަމަށެވެ. އަދި ސީރިއާގެ ދެކުނުގައި އިސްރާއީލުން ”ސެކިއުރިޓީ ޒޯނެއް“ ގެ ގޮތުގައި ސިފަކުރާ ސަރަޙައްދު އެ ޤައުމުގެ ބާރުގެ ދަށުގައި އަދިވެސް ދަނީ ބާއްވަމުންނެވެ.
މި ހަނގުރާމައިގެ ސަބަބުން ހޮރުމުޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރާފައެވެ. އުޅަނދުތައް ދޫކޮށް ދިއުމަށް ފަޅުވެރިންނަށް އެންގުމަށްފަހު، އެމެރިކާގެ ސިފައިން ދާދިފަހުން ވަނީ އީރާނުގެ ތެޔޮ އުފުލާ ފަސް ޓޭންކަރެއް ހަލާކުކޮށްލާފައެވެ. ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން ދިން ޙަމަލާތަކާއެކު ހަނގުރާމަ ފެށުނީއްސުރެ، ސްޓްރެޓީޖިކް ގޮތުން މުހިންމު މި ކަނޑުގެ ސަރަޙައްދުގެ ކޮންޓްރޯލް އޮތީ އީރާނުން ނަގާފައި ކަމަށް އެ ޤައުމުން ބުނެފައިވާއިރު، ކަނޑުދަތުރުފަތުރުގެ ނިޒާމު ވަނީ ބޮޑުތަނުން ހުއްޓުމަކަށް އައިސްފައެވެ.
ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރަން ބޭނުންވާ އުޅަނދުތަކުން ތެހެރާނުގެ ހުއްދަ ހޯދުމަށާއި ޓްރާންސިޓް ފީ ދެއްކުމަށް އެ ޤައުމުން ލާޒިމުކުރަމުންދާއިރު، މީގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރާއި ހަކަތަ ފޯރުކޮށްދޭ މަގުތަކަށް އިތުރު ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި ހުރިހާ ކަމެއްގެ ޒިންމާ އެމެރިކާއިން ނަގަންޖެހޭނެ އެވެ.
![]()
