އެ ދަރިފުޅު (ފުރަތަަމަ ބައި)

Loading

September 10, 2026
profile
Facebook
Twitter
WhatsApp

އަހަރެންގެ ނަމަކީ ލިންޑާ ޕާކަރެވެ. އަހަރެން ދިރިއުޅެނީ ބްރައިޓަންގައި ހުންނަ ކުޑަކުޑަ ގެއެއްގައި އެކަނިމާއެކަންޏެވެ.

އަހަރެންގެ ފިރިމީހާ ވަނީ މީގެ އަށް އަހަރު ކުރިން މިދުނިޔެއާ ވަކިވެފައެވެ. އަހަރެންގެ ހުންނަ ހަމައެކަނި ދަރިފުޅު ޑެނިއަލް ދިރިއުޅެނީ އޭނާގެ އޭނާގެ އަންހެނުންނާއި ދެ ދަރިންނާއެކު ކެނެޑާގައެވެ. އެތަނަށް އޭނާގެ ދިރިއުޅުން ބަދަލުކުރިތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ.

އޭނާ އުޅެނީ ވަރަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. ދިރިއުޅެނީ ބޮޑު ގެއެއްގައެވެ. އަދާކުރަނީ ރަނގަޅު ވަޒީފާއެކެވެ.

ޑެނިއަލްއާ ޚިލާފަށް އަހަރެން ދިރިއުޅެނީ އެކަނިމާއެކަންޏެވެ. އަހަރެން ކުރަން އޮންނަހާވެސް ކަމަކީ ފަތިހާ ހޭލައިގެން ގޭތެރެ ކުނިކަހައި ސާފުކުރުމެވެ. ދެން އަހަރެންނަށް ފުދޭވަރަށް ކާއެއްޗެއް ކައްކާލައިގެން ކެއުމެވެ.

ހަވީރުއަތަށް އަޅާއިރު އަހަރެން އިންނަނީ ފޫހިވެގެން ހަލާކުވާވަރު ވެފައެވެ. އެކަކުވެސް އަހަރެން ދެކެލައި ހާލު ބަލައިލަން ނާންނާތީއެވެ.

ޑެނިއަލްވެސް ވަރަށް މަދުން ނޫނީ ގުޅާލައި ނުހަދައެވެ. އެކަމަކު ދޭތެރެއަކުން ފައިސާކޮޅެއް ފޮނުވައެވެ. ބައެއް ފަހަރަށް އޭނާ ބުނެއެވެ. ”މަންމާއެވެ! އަހަރެން ވަރަށް އަވަހަށް މަންމަ ގާތަށް ދާނަމެވެ.“

ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެން އުންމީދު ކަނޑައެއްނުލަމެވެ. ޑެނިއަލް އަދި އަންނާނެއޭ އަބަދުވެސް އަހަރެންގެ ހިތް ބުނެއެވެ. ޑެނިއަލްދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅެވެ.

ޑެނިއަލްގެ ކުޑައިރުގެ ފޮޓޯތައް އަހަރެންގެ ކޮޓަރީގައި ހުންނާނެއެވެ. ކޮންމެ ދުވަހަކު އެ ފޮޓޯތަކަށް ބަލަހައްޓައިގެން އެތައް އިރަކު އަހަރެން ހުންނަމެވެ.

އެއްދުވަހަކު އަހަރެންގެ ގޭގެ ދޮރުގައި މީހަކު ޓަކިދިނެވެ. އަހަރެން ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ޑެނިއަލްއެވެ. އަހަރެންނަށް ގަބޫލުކުރަންވެސް ދަތިވިއެވެ. އަހަރެން ބުނީމެވެ. ”ދަރިފުޅާއެވެ! ތިޔަ އައީހެއްޔެވެ؟“

ޖަވާބުގައި ޑެނިއަލް ހަމައެކަނި ހިނިތުންވެލީއެވެ. އޭނާގެ މޫނުމަތިން ފެންނަންހުރީ އުފާވެރިކަމެވެ. އުފަލުން އަހަރެންނަށް އޭނާގެ ގައިގައި ބައްދައިލެވުނެވެ. އަހަރެންގެ ދެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހިގަތެވެ.

ޑެނިއަލް އެތެރެއަށް ވަނެވެ. އަހަރެން އޭނާއަށް ސައި ހަދައިދިނީމެވެ. ސައި ބޮމުން ދިޔައިރު އަހަރެމެން އެކި ވާހަކަތައް ދެއްކީމެވެ. ސާރާ ކޮބައިތޯއެވެ. ދަރިންގެ ހާލު ކިހިނެއްތޯއެވެ. ޑެނިއަލް ބުންޏެވެ. ”އެންމެންގެ ހާލުވެސް ރަނގަޅެވެ.“

ޑެނިއަލް އަހަރެންގެ ގާތަށް އައީ ކީއްކުރަންތޯ އަހަރެން އެހީމެވެ. ޑެނިއަލް ބުންޏެވެ. ”މަންމަ މަތިން ހަނދާންވާ ވަރުންނެވެ. މަންމަ މިތަނުގައި އެކަނި އުޅޭތީ އަހަރެން ވަރަށް ކަންބޮޑުވެއެވެ. އަހަރެން މިހާރު ބޭނުންވަނީ މަންމަ އަހަރެމެންގެ ގާތަށް ކެނެޑާއަށް ގެންދާށެވެ.“

ބަސް ހުއްޓިފައި އަހަރެން އިނީމެވެ. ދެންވެސް ވާހަކަދެއްކީ ޑެނިއަލްއެވެ.“ މަންމަ މިހާރު ތިޔަ ވަނީ މުސްކުޅިވެފައެވެ. މިތަނުގައި އެކަނި އިނުމަކީ މާ ރައްކާތެރި ކަމެއް ކަމަކަށް ނުފެނެއެވެ. އަހަރެންނާއެކު ދާން ހިނގާށެވެ. އެތަނުގައި މަންމައަށް މާ އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ލިބޭނެއެވެ.“

އަހަރެން މަޑުމަޑުން ބުނީމެވެ. ”އެކަމަކު މިއީ މަންމަގެ ގެއެވެ. މަންމަ އުފަންވެ، އުޅެބޮޑުވި ބޮޑުވި ގެއެވެ. މަންމަގެ ޒަވާޖީ ހަޔާތް ހޭދަކުރި ގެއެވެ. މިގެ ދޫކޮށްފައި ދާނީ ކިހިނެއްހެއްޔެވެ؟“

ޑެނިއަލްގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. އޭނާ ބުންޏެވެ. ”މިއީ މިހާރު މުސްކުޅިވެ ވީރާނާވެފައި ހުރި ގެއެކެވެ. މިގޭގައި މަންމަ އުޅޭކަށް އެހާ ރަނގަޅެއް ނުވާނެއެވެ. އެކަމަކު ކެނެޑާއަށް ހިނގައްޖެނަމަ އެތަނުގައި މަންމަ ބޭނުންވާ ހުރިހާ ކަމެއް އޮންނާނީ ފުރިހަމަވެފައެވެ. އެގޭގައި މަންމައަށް ބޮޑު ކޮޓަރިއެއްވެސް ހުންނާނެއެވެ. މަންމަގެ މާމަ ކުދިންވެސް ކޮންމެ ދުވަހަކު ފެންނާނެއެވެ. އެހެންނޫނަސް ސާރާވެސް މިހާރު ބޭނުންވަނީ މަންމަ އަހަރެމެންގެ ކައިރީގައި އިންނާށެވެ.“

އެރޭ އަހަރެން އެކަނި އިނދެ ވަރަށް ވިސްނީމެވެ. ”ހަދާނީ ކިހިނެއްބާވައެވެ؟ ދާކަށް ބޭނުމެއްނޫނެވެ. އެކަމަކުވެސް ޑެނިއަލްއަކީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅެވެ.“

އަނެއް ދުވަހު ހެނދުނު ޑެނިއަލް އެހެން ހުށަހެޅުމެއް ހުށަހެޅިއެވެ. އޭނާ ބުންޏެވެ. ”މަންމާއެވެ! މި ގެ ވިއްކާލަމާ ހިނގާށެވެ! މަންމައަށް މިތަނުގެ ބޭނުމެއް ހިފޭނީއެއް ނޫނެވެ! މަންމަ ދެން ދާނީ އަހަރެމެންގެ ގާތަށް ކެނެޑާއަކަށް ނޫންހެއްޔެވެ! ގެ ވިއްކާލާފައި ލިބޭ ފައިސާ މަންމަ ބޭނުންވާ ކަންކަން ކުރަން ހުންނާނެ ނޫންހެއްޔެވެ!“

ޑެނިއަލްގެ މޫނަށް އަހަރެން ބަލައިލީމެވެ. އޭނާ ހިނިތުންވެލިއެވެ. އަހަރެން ހިތަށްއެރިއެވެ. އޭނާ އަހަރެންދެކެ ހަގީގަތުގައިވެސް ހާދަހާ ލޯބިވެއެވެ. އަހަރެންނާމެދު ހާދަހާ ވިސްނައެވެ.

(ތަރުޖަމާއެއް)

ނުނިމޭ

Loading

Leave a Reply

ފަހުގެ އަޕްޑޭޓް