އެމެރިކާގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީން ބުދަދުވަހުގެރޭ ބޭއްވި މިޑްޓަރމް ކޮންވެންޝަންގައި އެހެންވެސް އެފަދަ ކޮންވެސްޝަންތަކުގައި ހުންނަ ބައިތައް ހުރި ނަމަވެސް ގިނަމީހުން އަޅައިގަތް އެއްކަމަކީ ޓްރަމްޕް ވީ ބޮޑު ވައުދެކެވެ.
ޕާޓީގެ މެމްބަރުންނާއި މުޚާތަބް ކުރައްވާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ނޮވެމްބަރުމަހު އޮންނަ ކޮންގްރެސް އިންތިހާބްގައި ރިޕަބްލިކަން ޕާޓީ އަށް ދެޗެމްބަރު ކާމިޔާބް ކުރެވިއްޖެ ނަމަ އެމެރިކާގެ ކޮންމެ އެޑަލްޓަކަށް(ބޮޑުމީހަކަށް) ފަސްހާސް ޑޮލަރު ދެއްވާނެ ކަމުގައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މިކަމުގައި އޮތް ހަމަ އެކަނި ޝަރުތަކީ އެފައިސާ ޚަރަދު ކުރަން ޖެހޭނީ އެމެރިކާގެ އެތެރޭގައިކަމެވެ.
މިވައުދާއި ބެހޭ ގޮތުން ޓްރަމްޕް އިތުރު ތަފްސީލް ހާމަ ކުރައްވާފައެއް ނުވެއެވެ.މިފައިސާ އަންނާނީ ކޮންތަނަކުން ކަމެއް، ނުވަތަ ފައިސާ ޚަރަދު ކުރާ ގޮތް މޮނިޓަރ ކުރާނީ ކިހިނެއް ކަމެއް ވިދާޅެއް ނުވެއެވެ.
ޑިމޮކްރެޓުން ވަގުތުން ވަނީ އެއީ ހަމަ ހުސް ވައުދެއްކަމަށް ބުނަން ފަށާފައެވެ.އަދި އެފަދަ ވައުދަކީ ގާނޫނީ ގޮތުން ހުއްދަ ވައުދެއްތޯވެސް ގިނަ ފަރާތްތަކުން ބުނަމުން އައިސްފައި ވެއެވެ. އެހެނީ އިންތިހާބަކާ ގުޅުވާ ފައިސާ ބެހުމަކީ އެމެރިކާގައިވެސް ގާނޫނީ ކުށަކަށް ވާތީއެވެ.
އެމެރިކާގައި މިވަގުތު 270 މިލިއަން އެޑަލްޓުން ނުވަތަ ބޮޑެތި މީހުން ތިބިއިރު ކޮންމެ މީހަކަށް 5،000ޑޮލަރު ދިނުމަށް 1.3ޓްރިލިއަން ޑޮލަރު ބޭނުން ވާނެއެވެ.
މިއީ ކުރެވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯ މިސުވާލު އިހަށް އެއްކައިރީގައި ބާއްވާފައި ބަލާލާއިރު ޓްރަމްޕް ގެ މިވައުދު ވުމާއި އެކު އޭނާގެ ސަޕޯޓަރުން ވަރަށް ބާރަށް އަތްތިލަބަޑިޖަހާ ތަރުހީބު ދީފައި ވެއެވެ. އަދި އެ ފޮނިމީރު ހިނދުކޮޅުގެ ތެރެޔަށް ޓްރަމްޕް ގެނބިގެން ދިޔަކަމަށް ވެއެވެ.
![]()
