މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ކ. ހުރާ / ސާނީވިލާ، ޙުސައިން ޝާވިން (26އ) އާއި ތ. ތިމަރަފުށި / ވިލާ، މަރްޔަމް ޢިޝާ އަޝްރަފް (21އ) އާއި، ސ. ހުޅުދޫ / ރޭޝަމް، މުޙައްމަދު ނާހިލް (25އ)އެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް މާފަންނު ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 1.7 ކިލޯގެ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ޝާވިންއާއި ޢިޝާ އަޝްރަފް 15 ދުވަހަށް، އަދި މުޙައްމަދު ނާއިލް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވާކަމަށް ފުލުހުން ޚިދުމަތުން ބުނެއެވެ.
![]()
