ކައުންސިލްތަކަށް މުވައްޒަފުން ނަގަންވާނީ އެލްޖީއޭގެ ހުއްދަ ލިބިގެން ކަމަށް އަންގައިފި 

Loading

September 2, 2026
profile
Facebook
Twitter
WhatsApp

ކައުންސިލްތަކަށް މުވައްޒަފުން ނަގަންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު ކަމަށް، އެ އިދާރާއިން ކައުންސިލްތަކަށް އަންގަން ފަށައިފިއެވެ.

މިކަން އަންގައި އެލްޖީއޭއިން ފޮނުވަމުންދާ ސިޓީގައި ބުނެފައިވަނީ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލުގެ އާމްދަނީން ޚަރަދުވާގޮތަށް ވިއަސް މުވައްޒަފުން ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށެވެ.

މިގޮތުން، އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކާއި ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތްތަކެއް ކުރުމަށް ”ކޮންޓްރެކްޓް އެމްޕްލޯއިމެންޓް“ އަދި ”ވޭޖް އެމްޕްލޯއިމެންޓް“ ވަޒީފާތަކަށް މީހުން ނަގަންވާނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުކަން ވަނީ އަންގާފައެވެ.

މީގެތެރޭގައި، ވަގުތީ ބޭނުންތަކާއި ވަކި މަޝްރޫޢުތަކަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަލްޓަންސީ، އަދި އެ ނޫންވެސް އުޖޫރަދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިޢުލާންކުރަންވާނީވެސް އެ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހު ކަމަށް އެލްޖީއޭގެ ސިޓީގައި ވަނީ ބުނެފައެވެ. 

މި ގަވައިދަށް ޢަމަލުކުރަން ފަށާނީ އިއްޔެއިން ފެށިގެން ކަމަށްވެސް އެލްޖީއޭއިން ވަނީ އަންގާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް