މަންމަ ހައްޖުން އަންނާތީ ދަރިން ތައްޔާރުކުރީ މަންމައަށް އެންމެ މީރު ދިވެހި ކެއުމެވެ.
ބޯޓުން ފޭބުމާއެކު އެ މަންމަގެ މެއަށް އެރީ ދިލަ ތަދެކެވެ.
ހޮސްޕިޓަލުން ޔަގީންކޮށްދިނީ މަންމަގެ ފުރާނަ އޭގެ ދާއިމީ ގޮވައްޗަށް ދަތުރުކޮށްފައިވާކަމެވެ.
ކޮއްކޮ މާލެ އަންނާތީ ކޮއްކޮއަށް އެންމެ މީރު ކެއުން ބޮޑުދައިތަ ތައްޔާރުކުރިއެވެ.
ކުއްލިއަކަށް ދޯނި ބަންޑުންޖަހާލީއެވެ.
މީހުން ސަލާމަތްކުރަން އުޅުނު ސިފައިންނަށް ފެނުނީ ފުރާނަ ގޮސްފައިވާ އެ ތުއްތު ހަށިގަނޑެވެ.
ހުރި ހަމައެކަނި ދަރިފުޅު ނުކުތީ ބައްޕައާއެކު ބާޒާރުކޮށްލާށެވެ.
ނުގަވައިދުން ރާސްލާފައި އައި ޕިކަޕު ދިޔައީ އެ މައުސޫމު ފުރާނަ ހިފައިގެންނެވެ.
ފުރުމުގެ ކުރިން އެ ޒުވާނާ ދިޔައީ އެކުވެރިންނާ ބައްދަލުކޮށްލާށެވެ.
ތޮށިގަނޑު ކައިރީގައި ޖެހި ސަކަރާތުގައި އޭނާ ވެއްޓުނީ މޫދަށެވެ.
އަނެއް ދުވަހުގެ އިރުއެރިއިރު އޭނާގެ ހަށިގަނޑު ފެނުނީ ޖެހިގެން އޮތް ރަށުގެ ތޮށިމަތިންނެވެ.
ރޯދަ ކުރުކޮށްލަން އޭނާ ނުކުތީ އެކުވެރިންނާއެކު ބުރެއްޖަހައިލުމަށެވެ.
ހަމައެއް ލަމައެއް ނެތި ފަހަތުން އައި އުޅަނދަކުން ޖެހި އޭނާގެ ހަށިގަނޑާއި ފުރާނަ ދެތަންކުރީއެވެ.
އިސްކޫލުން ގެއަށް ދިއުމަށް އެ ނުކުތީ ގައުމުގެ މުސްތަގުބަލުގެ އެއް ތަނބެވެ.
މަގު ހުރަސްކުރަން އުޅެނިކޮށް އައި ފޯކުލިފްޓު އޭނާގެ ދެފައި ދަތިއެޅުވިއެވެ.
އޭނާ ނަގަން ގުދުވި އެކުވެރިޔާގެ މޫނަށް އެ ދޫކޮށްލީ އެންމެ ފަހުގެ ނޭވާއެވެ.
ތިމާގެ ގެއަކަށް ގޮސްފައި މަންމައާއެކު އޭނާ ދިޔައީ ގެއާ ދިމާއަށެވެ.
ބާރަށް ދުއްވާފައި އައި ބަހުގައި ސައިކަލުގައި ޖެހި ދެމައިން ވިއްސައިގެން ދިޔައެވެ.
ކައިވެންޏަށް އެތަކެއް އަހަރު ފަހުން ލިބުނު ހަމައެކަނި ފުރާނަ ފުރާވަރުގެ އެންމެ ޅަނދޮޅު ދުވަސްވަރު ވަކިވެގެން އެ ދިޔައީއެވެ.
އެ ވިއްސާރަ ރޭ މަސައްކަތުން އަވަދިވެގެން ސައިކަލުގައި އޭނާ ގެއަށް ދަތުރުފެށީ އަރާމުކޮށްލުމަށެވެ.
ކުއްލިއަކަށް ކަހާލައިގެން ވެއްޓުނު ވަގުތު
ފަހަތުން އައި ލޮރީ ދަށުވެ އޭނާ ޗަސްޗަސްވީއެވެ.
ކާފައަކު ދިޔައީ ކުދިންނަށް ހަދިޔާ ގަތުމަށް ދުރުގައި ހުރި ފިހާރައަކަށެވެ.
ސައިކަލު ޕާކުކޮށްފައި ނުފޭބެނީސް އައި ކާރުން ޖެހުމާއެކު އެ ފުރާނަ އުދުހިގެން ދިޔައީއެވެ.
ގަދަވެ ހެޔޮހާލުގައި ހުރި މުސްކުޅި އަންހެނަކު ތެދުވީ ދަމުނަމާދަށެވެ.
ވުޟޫކުރަން ވަތްތަނާ ސްޓްރޯކެއް ޖެހުނީއެވެ.
ތިން ދުވަހު ހަސްފަތާލުގައި އޮވެފައި ދުނިޔެއަށް އަލްވަދާއުކީ ދަރިންނާ ވަދާއީ ސަލާން ކޮށްލާނެ ފުރުސަތުވެސް ނުލިބިއެވެ.
މަރަކީ މިފަދަ އެއްޗެކެވެ.
އަންނާނީ އަންގާވެސް ނުލައެވެ.
ގެންދާކަށް ވަކި އުމުރެއް ނޯންނާނެއެވެ.
ހުރީ ތައްޔާރުވެގެންތޯވެސް އަހާނުލާނެއެވެ.
ބަލައި އައުމަށްފަހު ލަހެއް ފަހެއް ނޯންނާނެއެވެ.
ރުހުނަސް ނުރުހުނަސް ދަމާ ކޫއްތާފައި ނަމަވެސް ދާނީ ގޮވައިގެންނެވެ.
![]()
