އީރާން ހަނގުރާމަޔަށް 6 މަސް: ހަމައެކަނި ޔަގީންވީ އެމެރިކާގެ ބާރުވެރިކަން ނިމިއްޖެކަން

Loading

Facebook
Twitter
WhatsApp

އީރާން އާއި ދެކޮޅަށް އެމެރިކާއާއި އިޒްރޭލް ގުޅިގެން ދޭންފެށި ރަހުމެއް ނެތް ވަރުގަދަ ހަމަލާތަކަށް، ނުވަތަ އީރާން ހަގުރާމަޔަށް ހުކުރު ދުވަހު ހަމަސް ވެފައިވާއިރު ފާއިތުވި 180 ދުވަހުން ދުނިޔެއަށްވެސް ޔަގީންވި އެއްކަމަކީ ކުރިން އޮތް އެމެރިކާގެ ”އިމްޕީރިއަލް ޕަވަރ“ ނުވަތަ ހައިބަތު މިހާރު އެގޮތުގައި ނެތް ކަމެވެ. 

ހަގުރާމަ ފެށުމުގެ މަގްސަދެއް ކަމަށް އެމެރިކާއިން ބުނަމުން އައި އެންމެ ކަމެއްވެސް އެހަމަލާތަކުގެ ސަބަބުން ހުއްޓުވިފައެއް ނުވެއެވެ. އެމެރިކާއިން ހީކުރީ އެފަދަ ވަރުގަދަ ހަމަލާތަކެއްދީ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އަވަހާރަކޮށްލާ،ގައުމު ސުންނާފަތި ކޮށްލުމުން، އެމީހުން ވެނެޒުއެލާގެ ލީޑަރު ހައްޔަރުކޮށް ”އުފުރާލުމުން“ ވެނެޒުއެލާއިން ކަންތައް ކުރި ގޮތަށް އެމެރިކާގެ ކުރިމަތީގައި އީރާން އިސްޖަހާ ކުޑަކަކޫމައްޗަށް ތިރިވާނެ ކަމަށެވެ.އެމެރިކާ އިން ހީކުރީ ގަދަފަދަ ބާރާއެކު އެތައްހާސް ބޮމެއްއަޅާ ގައުމު ސުންނާފަތިކޮށްލުމުން އީރާނުގެ މިސައިލް އަދި ޑްރޯންގެ ސްޓޮކް ހުސްވެ އަސްކަރިއްޔާގެ ކަންތައް ނިމުމަކަށް އަންނާނެ ކަމަށެވެ.ނަމަވެސް އެއިން އެއްވެސް ކަމެއް ވެފައެއް ނުވެއެވެ.

އެމެރިކާގެ ހަމަލާތަކާއި ގުޅިގެން އީރާނުން ހޮރްމޫސް ކަނޑުއޮޅި ބަންދު ކުރުމުން ރައީސް ޑޮނަލް ޓްރަމްޕް އަށް ހަގީގަތުގައިވެސް ހައިރާންކަން ގެނުވިކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެފައި ވެއެވެ.އެމެރިކާއިން ހަމަލާ ދީފިނަމަ ހޮރްމޫސް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް އީރާނުން އައީ ކުރީއްސުރެ ބުނަމުންނެވެ.

ހަނގުރާމަ ފެށުނުތާ ހަމަސްވީއިރު ދުނިޔެއަށް ފެންނަމުންދަނީ ޓްރަމްޕް ގެ ”މޮޅު“ ފޮރިން ޕޮލިސީ މަސައްކަތް ނުކުރި ތަނެވެ. އާޔަތުއްﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން ސުޕްރީމް ލީޑަރުގެ މަގާމަށް ވަނީ ދަރިކަލުން މުޖްތަބާ ޚާމަނާއީ އައްޔަން ކުރެވިފައެވެ.ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސްތަކާއި އެހެންވެސް ތަންތަނަށް ހަމަލާދެމުން ގެންދިއުމުގެ ގާބިލުކަން އީރާންގެ އަސްކަރިއްޔާއަށް އަދިވެސް ލިބިފައިވާއިރު، ހޮރްމޫސް ކަނޑުއޮޅި އަދިވެސް އޮތީ އީރާނުން ބަންދު ކޮށްފައެވެ.އީރާނަށް ބިރުދައްކާ، އެކަހެރިކޮށް ބާއްވައިގެން އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާބޮމުގެ ވަރުގަދަ ހަމަލާތައް ދެމުން ގެންދިޔަ ނަމަވެސް އެމެރިކާގެ އެއްވެސް މަގްސަދެއް ހާސިލް ވެފައެއް ނުވެއެވެ.އަނެއްކޮޅުން އީރާނުން ވަނީ މިހަނގުރާމައިގައި ސްޓްރެޓީޖިކް ގޮތުން އެމެރިކާ ބަލިވެއްޖެކަން ދުނިޔެއަށް ސާބިތު ކޮށްދީފައެވެ. އެއް ޓްރިލިއަން ޑޮލަރަށް ވުރެ އަގުބޮޑު އެމެރިކާގެ އަސްކަރިއްޔާ ބަލިކޮށްލިތަން ފެނުނީ އަމިއްލަ ގައުމުގައި އުފައްދާ ޑިފެންސް އިންޑަސްޓްރިއަލް ބޭސްއެއް އޮންނަ ރީޖަނަލް ބާރަކުންނެވެ.މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ހަތިޔާރު ސްޓޮކް މިހާރުވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެފެށިހަނގުރާމައިގެ ސަބަބުން މުޅިދުނިޔެއަށް ދަނީ އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ.ދުނިޔޭގެ އުސޫލުތަކާއި ހަރުދަނާ ނިޒާމު ތައް މުގުރާފައި ނަމަވެސް އަމިއްލަ ގޮއްމުށުގެ ބާރު ދަމަހައްޓަން ތެޅިފޮޅޭ ”ރޯގް ސްޓޭޓެއް“ ގެ ގޮތުގައި ދުނިޔެއަށް އެމެރިކާ ދަނީ ފެންނަމުންނެވެ.މިއީ ދުނިޔޭގެ ފިނިހަނގުރާމަ ނިމުނު ފަހުންވެސް މިފަދަ މަންޒަރެއް އެންމެ ބޮޑަށް ފެންނަމުންދާ ފަހަރެވެ.

ހަނގުރާމަ ފެށުމުގެ ނަތީޖާއެއްގެ ގޮތުން ހޮރްމޫސް ކަނޑުއޮޅި ބަންދު ކުރުމުގެ ސަބަބަން މުޅިދުނިޔޭގައިވެސް މުދަލާއި ޚިދުމަތުގެ އަގުދަނީ ބޮޑުވަމުންނެވެ.ގައުމުތަކަށް ވަނީ އިގްތިސާދީ ކްރައިސިސްތަކާއި ޑިޒާސްޓާ ތައް ކުރިމަތިވެފައެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން މުޅި ދުނިޔެއަށް އިކޮނޮމިކް ޑިޕްރެޝަން ކުރިމަތިވުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑެވެ.

އެމެރިކާގެ ރައްޔިތުންނަށްވެސް ޓްރަމްޕް ފުރަތަމަ ވައުދުވީ އިތުރު ހަނގުރާމައެއް ނުފަށާނެ ކަމަށެވެ.ނަމަވެސް އެބަހަށް ފަރުވާލެއް ނުބަހައްޓާ އިޒްރޭލުގެ ހުވަފެނެއް ހަގީގަތަކަށް ހަދާދިނުމަށް އިޒްރޭލްގެ އަތުގައި ހިފައި ޓްރަމްޕް ހަނގުރާމައިގައި ބައިވެރިވިއެވެ.އެމެރިކާއިން ބުނަމުން ގެންދިޔައީ ބޭނުމަކީ އީރާނުން ނިއުކްލިއަރ ހަތިޔާރެއް އުފައްދަފާނެތީ އެކަން ހުއްޓުވާލުމަށް ކަމުގައެވެ. ނަމަވެސް ހަމަލާތަކަށްފަހު ވެސް އީރާނުގެ ނިއުކްލިއަރ ގާބިލިއްޔަތު ނައްތާލެވިއްޖެކަން ނުވަތަ ނޫންކަން އެމެރިކާއަށް ކަށަވަރު ކުރެވިއެއް ނުވެއެވެ.

އިޒްރޭލުން އިސްލާމީ އުންމަތާދެކޮޅަށް ޚާއްސަކޮށް ފަލަސްޔީން ރައްޔިތުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާތަކަށް ބަދަލު ހިފުމަށް އީރާނުން އިޒްރޭލަށް ހަމަލާތަކެއްދީ އެގައުމު ނައްތާލާނެކަމަށް އީރާނުން އައީ ކުރިންސުރެވެސް ބުނަމުންނެވެ.އެހެން ކަމުން ހަގީގީ ”ބުލީ“ އެއްފަދައިން އިޒްރޭލުން އީރާނަށް އިސްވެހަމަލާ ދިނީއެވެ. ”މޮޔަވެފައިވާ“ ޓްރަމްޕް ގެ މަދަދާއެކުއެވެ.

އެމެރިކާގެ އާބާދީގެ ބޮޑުބަޔަކަށް އިޒްރޭލުގެ ރަހުމެތް ނެތް ޖަރީމާތަކުގެ ތަފްސީލް ހަގީގަތުގައި ލިބިފައިވަނީ ހަނގުރާމަ ފެށުމަށްފަހުއެވެ.އަދި އެމީހުން ދައްކާ ޓެކްސް ފައިސާގެ ބޮޑުބައެއް އެފަދަ ހަނގުރާމަޔަކަށް ހޭދަކުރަމުން ގެންދާތީ އެކަމާ އެމެރިކާގެ ރައްޔިތުން ތިބީ ހޮޑުލަވައިގެންފައެވެ.

ހަނގުރާމަ ފެށުނުތާ ހަމަސް ފަހުން މިހާރު ދުނިޔެއަށް ފެންނަމުން ދަނީ ކުރިއްސުރެވެސް ދުނިޔެއަށް ފެންމުން އައި އެމެރިކާގެ ”އިމްޕީރިއަލް ޕަވަރ“ ނުވަތަ ހައިބަތު، އިޒްރޭލަށް މަދަދުވެރިވާ، އަމިއްލަ އެދުމުން ފޯވެފައިވާ މޮޔައެއްގެ ފެންނުހިފޭ ޕޮލިސީ ތަކުގެ ސަބަބުން ނެތިގޮސް އިގްތިސާދީ ޑިޒާސްޓަރ އެއްގެ އަނގަމަތީގައި ދުނިޔެ ވަނިކޮށެވެ.މިއީ ރަގަޅު ބަދަލަކަށް ވެސް ވެދާނެއެވެ. ހަމަގައިމުވެސް މުޅި އިންސާނިއްޔަތަށް ވެސް ހެޔޮގޮތެއް ވާން އެދޭނަމަ ވާދަވެރިކަމެއްނެތި ވަކި އެއް ގައުމަކަށް އޮންނަ އިންތިހާދަރަޖައިގެ ބާރުތަކަށް ނިމުމެއް އައުން އެއީ ކޮންމެހެންވެސް އަންނަންޖެހޭ ބަދަލެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް