މަންމައެއް ނުހޭލިއެވެ.

Loading

August 26, 2026
profile
Facebook
Twitter
WhatsApp

މިއީ އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ގޮންޑާ ސިޓީގައި ހިނގައިދިޔަ ހާދިސާއެކެވެ.

އުމުރުން އެންމެ ހަތް އަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވާ އަރްޕިތު އިނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ އޭނާގެ މަންމަ ގާތުގައެވެ. އުމުރުން ތީރީސް ފަސްއަހަރުގެ ގީތާ ދޭވީގެ އެހީތެރިއަކަށް އޭނާގެ ގާތުގައި ހުރި ހަމައެކަނި މީހަކީ ކުޑަކުޑަ އަރްޕިތުއެވެ.

މަންމައަށް ނިދިފައި އޮތުމުން އަރްޕިތު އިނީ މަންމަ ހޭލާނެ އިރެއްގެ އިންތިޒާރުގައި ކައިރީގައި އިށީނދެލައިގެންނެވެ. މިހެން އިނދެ ރެއަކާއި ދުވާލެއް ފާއިތުވެ ހިނގައްޖެއެވެ. މަންމައެއް ނުހޭލިއެވެ. އެހާއިރު ވީއިރު މީހެއްގެ ހިލަމެއްވެސް ނުވިއެވެ.

ބަނޑުހައިވެ ވަރުބަލިވެފައިވާ އަރްޕިތު ފަކީރު އިނީ ބިރުން ހަދާނެ ގޮތް ހުސްވެފައެވެ. އޭނާއަށް ވިސްނެނީ މަންމައަށް ގޮތެއް ވެއްޖެނަމަ ދެން ވާނެ ގޮތަކާމެދުގައެވެ. މި ދުނިޔޭގައި އޭނާގެ ހަމައެކަނި ހުރި މީހަކީ ލޯބިވާ މަންމަ ކަމަށް ވާތީއެވެ.

މަންމަގެ ފުރާނަ ދިޔަތާ އެއްދުވަސް ފާއިތުވީއިރުވެސް، ދުނިޔޭގެ ކަންކަން ފަހުމުނުވާ ތުއްތު އަރްޕިތު ހީކުރީ ބަލިކަމުން މަންމައަށް އަދިވެސް ނިދިފައި އޮތީ ކަމަށެވެ.

މި ޚަބަރު ކޮންމެވެސް ގޮތަކުން އެހިސާބުގެ ޖަމިއްޔާއަކަށް މި ލިބިއްޖެއެވެ. އެއާއެކު އަރްޕިތުއަށް އެހީތެރިކަން ފޯރުކޮށްދިނެވެ. މަންމަގެ ޖަނާޒާ ބާއްވައިދިނެވެ.

މި ހުރިހާ ކަމެއް ނިމި އަވަދިވީއިރުވެސް އެކުއްޖާގެ އާއިލާގެ އެއްވެސް މީހެއްގެ ޚަބަރެއް ނުވިއެވެ. އެހެންކަމާއެކު އެ ޖަމިއްޔާއިން ކުއްޖާއާ ހަވާލުވިއެވެ. އަރްޕިތު ބަލަހައްޓައި ބޯހިޔާވަހިކަން ދީ، އަދި ކިޔަވައިދިނުމުގެ ކަންކަން ޗައިލްޑް ވެލްފެއަރ ކޮމިޓީއަކާ ހަވާލުކުރިއެވެ.

މި ހާދިސާއިން އެތައް އިބުރަތެއް ލިބިދީފިއެވެ. ތުއްތު ތުއްތު ކުދިންނަށް އަޅާލާނެ މީހަކު ނެތި ޔަތީމުވުމުން އެކުދިންނަށް ލިބޭ ނިކަމެތިކަމެވެ. ފައިސާ ނެތްނަމަ އެންމެ ތުއްތު ކުއްޖާއާވެސް އަޅާލާނެ މީހަކު ވަރަށް މަދު ފަހަރެއްގައި ނޫނީ ނުވާކަމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް