މިނިވަން ދުވަހުގެ ޖަލްސާއަކަށް ދާން ބައެއް އެއްޗެހި ގަނެލަން ދަރިފުޅާއެކު ނުކުތް ދަތުރެއް ނިންމާލިއިރު އަހަރެމެން ތިބީ ވަރަށް ވަރުބަލިވެފައެވެ. ހިތަށްއެރިއެވެ. ގެއަށް ދާނީ ކޮންމެވެސް ތަނަކުން އެއްޗެއް ކާލައިގެންނެވެ.
އޭރު އަހަރެމެން ތިބި ދިމާ ކުރިމަތީގައި ރެސްޓޯރެންޓެއް ހުއްޓެވެ. އޮންލައިންކޮށް އެތަނުގެ މެނޫ ބަލައިލިއިރު މިރޭގެ ބަޖެޓަށް ފެތޭ ވަރަށްވުރެ އަގުތައް ބޮޑެވެ.
ތަންކޮޅަކަށް ހިނގާލިތަނާ އާދައިގެ ކެފޭއެއް ފެނިއްޖެއެވެ. ދެމައިން ވަދެ އިށީންތަނާ ވޭޓަރު އަތުވެއްޖެއެވެ. ބިދޭސީއެކެވެ. މެނޫ ކޮބައިތޯ އެހުމުން ”އަހަރެމެންނަށް ދޭހަނުވާ ދިވެހި ބަހަކުން“ ބުނީ މެނޫ ނޯންނަ ކަމަށެވެ. ބޮޑު ލިސްޓެއް ކިޔާލާފައި ބުންޏެވެ. ބޭނުން އެއްޗެއް ބުނާށެވެ.
މާ ގިނައިން ކެވޭ މީހަކަށް ނުވާތީ އަހަރެން އެހީމެވެ. ކޮއްތުރޮށީގެ ކުޑަ ސައިޒު ލިބޭނެހެއްޔެވެ؟ ވަގުތުން އާނއެކޭ ބުންޏެވެ. ބޭނުން ގޮތަކަށް ހަދައިދެވިދާނެ ވާހަކަވެސް ބުންޏެވެ. ކޮންމެެއަކަސް އަހަރެން އޯޑަރުދިނީ ކުޑަ ކޮއްތުރޮއްޓަކަށެވެ. ލުއި ގޮތެއް ހަދާލާނީއޭ ބުނެފައި ދަރިފުޅު ނެގީ ތައްޔާރުކޮށްފައި ހުރި ދެތިން ވައްތަރެއްގެ ހެދިކާއެކެވެ. ޚަރަދު ކުޑަކޮށްލަންވެގެން ދެމައިންވެސް އޯޑަރުދިނީ ކަޅުސަޔަށެވެ.
ކާތަކެތި ގެނައުމުން އަހަރެމެން ކާން ފަށައިފީމެވެ. ކޮއްތުރޮއްޓާއެކު ގެނައި ޕާޕަރުން އެތިކޮޅެއް ކާލީމެވެ. އޭގައި ލީ ދިހަބާރަ ފަހަރު ބޭނުންކޮށްފައި ހުރި ތެއްލި ތެޔޮގަނޑަކުން ލާ ކަހަލަ ރަހައެކެވެ. ކޮއްތުރޮށީގެ ރަހައިގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ރެސްޓޯރެންޓް ފެންވަރެއް ނުހުންނާނެތާއޭ، މިއީ ކަންމަތީ ކަޑައެކޭ ހިތަށްއަރުވައިގެން އެއްޗެއް ނުބުނެ އިނީއެވެ.
އިރުކޮޅަކުން ދަރިފުޅު އަނގަޔަށް ގޮތެއް ހަދާލިހެން ހީވެގެން ބަލައިލީމެވެ. އަނގަޔަށްލީ އެތިކޮޅު ޓިޝޫއަކަށް ވައްޓާލައިފިއެވެ. ކިހިނެއްވީހޭ އަހާލުމުން ނަގައި ދައްކާލީ އޭގައި އޮތް މަސް ކައްޓެކެވެ. ވޭޓަރަށް ގޮވާލާފައި އެ ދައްކާލުމުން އެހެން ހެދިކާއެއް ގެނެސްދީފިއެވެ.
އެކަހަލަ މިކަހަލަ ގޮތަކަށް، އެކި ވާހަކަތައް ދައްކަމުން އަހަރެމެން ކެއުން ނިންމާލައިފީމެވެ. އިސާހިތަކު ސައިތަށިތައް ގެނެސްފިއެވެ. އަހަރެން ލޯޖަހާފައި ބަލައިލިއިރު ކަމަކުދާކަށްނެތެވެ. ސައި ގެނެސްފައި ހުރީ ކިރުސައި ގިރާފައި ރަނގަޅަށް ނުވެސް ދޮވެ ހުރި ތައްޓެއްގައެވެ. ގަތް ފަކުރުން އިތުރު ސައިތައްޓެއް ބޯން ނުހަދައި ބިލު ގެންނަން ބުނެފީމެވެ.
އެވަގުތު އެހެން މޭޒެއްގައި ކާން އިން މީހަކު ވޭޓަރަށް ގޮވާލައިފިއެވެ. ވޭޓަރު ދިއުމުން ވަރަށް ނުރުހުންވެ އަޑުލައި ޝަކުވާ ކުރަންފެށިއެވެ. އޭނާ އޯޑަރުދިން ކާއެއްޗަށް އަޅާފައިހުރި ގެރިމަސް ހުރީ ކުނިވެފައޭ ކިޔާއަޑު އިވުނެވެ.
ބިލު އައުމުން ފޯނުން އަލިކޮށްފައި ބަލައިލީމެވެ. އަސްތާއެވެ. ކިރިޔާ ތިންސަތޭކައަށް ނާރައި އޮތްކަމެވެ. ދަރިފުޅު ގެނައި ހެދިކާ ނޫން އެއްޗެހީގެ ލިސްޓެއް އޮތްއިރު ގެނައި ބައެއް އެއްޗެހި ލިސްޓަކު ނެތެވެ. އެވީ ކިހިނެއްތޯ އެހުމުން ބުނީ އެއީ ސިސްޓަމުގައި ނުހުންނަ އެއްޗެއްސަށްވާތީ އޭގެ ބަދަލުގައި އޭގެ އަގަށްދޭ އެހެން އެއްޗެއްގެ ނަން ޖަހާފައި އޮތީ ކަމަށެވެ.
ރަނގަޅަށް ބެލިއިރު ކޮއްތުރޮށީގެ ނަން ބިލުގައި ނުވެސް ނެތެވެ. އޭގައިވެސް އޮތީ ހަތަރު ރޮއްޓާއި ކެއްކި ބިހަކާ މިކަހަލަ ލިސްޓެކެވެ. މިއީ ކާކުގެ ބިލެއްހޭ، ތިޔަ ދިނީ ނުބައި ބިލެކޭ ބުނީމެވެ. އިރުކޮޅަކުން ކޮންމެވެސް އެހެން މީހަކު އައެވެ. ބިދޭސީއެކެވެ. ކުރިން އައި މީހާއަށްވުރެ ”ފެނަށް ދިރިފައި“ ހުރި ފާޑު ޖަހައެވެ. އެ ވީ ގޮތް ކިޔައިދިނެވެ. ސިސްޓަމުގައި ކޮއްތުރޮށީގެ އެކި ސައިޒަށް އަގު ހަދާފައެއް ނެތެވެ. އެހެންވެ އެކި ބާވަތްތައް އެއްކޮށްގެން ކޮންމެވެސް އަގެއް ހަދާލީއެވެ.
ވީ ފޫހިން ބިލު ދައްކާފައި ނުކުމެގެން ގެއާދިމާއަށް ހިނގައިގެންފީމެވެ. ރަނގަޅު ރެސްޓޯރެންޓަކުން ކެވުނުނަމަ މިއަށްވުރެ މާ ރަނގަޅުވީހޭ ކިޔަމުންނެވެ.
ހެވެއްނޫންހެއްޔެވެ! މަށާ ދަރިއާ ދެމީހުންވެސް މާދަމާ ދާނީ ގައުމީ ހެދުމުގައި ޒަމާނީ ކުލަވަރު ޖައްސައިގެން މިނިވަން ދުވަހުގެ ޖަލްސާއަށް ވިއްޔާއެވެ. ޖަލްސާ ތައްޔާރުކުރުމާއި ސައިގެ އިންތިޒާމުން ފެށިގެން ތަން ސާފުކުރަންވެސް ތިބޭނީ ބިދޭސީންވިއްޔާއެވެ. އަހަރެމެން ތިއްތިވެލައިގެން ގޮސް އަރާމުގައި ތިބެފައި ކައިގެން އައިމާ ނިމުނީއެވެ. ބިދޭސީންނަށް މި ގައުމު ހިންގަން ހަވާލުކޮށްފައި އަނެއްކާވެސް އައިސް ބޮޑުވަރިހަމައިގައި ނިދީމާ ހުންނާނީ ގައުމުގެ މިނިވަންކަން ދެމެހެއްޓިފައެވެ.
![]()
