އިންޑޮނީޝިޔާގެ ޖަންގަލިތަކުގެ އެތައްހާސް ތަނެއްގައި ރޯވެ އަދަމުން ދިއުމާއި އެކު ބޮޑެތި ހިސާބުތަކަށް ބޯ ދުން ފެތުރެމުން ދާތީ،ބެލުންތަކެއް ބެލުމަށް ފަހު ޖަންގަލިތަކުގައި ރޯކުރިކަމަށް ޝައްކު ކުރެވޭ 72 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ. ޖަންގަލިތަކުގެ އިތުރުން ޕީޓްލަންޑް ކިޔާ ހުސް ސަރަހައްދުތަކުގައިވެސް ރޯވެ އަރަމުންދާ ބޯދުން ވަނީ އަވަށްޓެރި މެލޭޝިޔާ އަށް ވެސް ވަރަށް ބޮޑަށް ފެތުރެން ފަށާފައެވެ.
މޫސުމީ ގޮތުން ކުރިމަތިވާ އެލްނީނޯ ގެ ސަބަބުން ހަނަފަސްކަން އިތުރު ވުމުގެ ސަބަބުންވެސް ޖަންގަލީގެ ގަސްތަކުގައި ރޯވަމުންދާކަމަށް އެގައުމުގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖެމަންޓް އޭޖެންސީން ބުނެފައި ވެއެވެ.މީގެ އިތުރުން ގަސްތުގައި ރޯކުރުމާއި އަދި ފަރުވާ ކުޑަވުމުގެ ސަބަބުންވެސް ރޯވާން ދިމާވެފައި އެބަހުއްޓެވެ.
ހައްޔަރު ކުރެވުނު މީހުންނާއި ބެހޭ ގޮތުން މައުލޫމާތު ދެމުން ކްރިމިނަލް އިންވެސްޓިގޭޝަން އޭޖެންސީން ބުނެފައިވަނީ ބޯނިއޯގެ އިތުރުން ސުވަތުރާގެ ހަތަރު ޕްރޮވިންސެއްގައި ރޯވެ އަންދަމުންދާ 89 އަލިފާންގަނޑު ރޯވާން ދިމާވި ގޮތް ބަލާ ފިޔަވަޅު އަޅަމުންދާ ކަމުގައެވެ.ޝައްކުކުރެވޭ ގޮތުގައި އެއްބަޔަކު ޖަންގަލީގައި ރޯކޮށްފައިވަނީ ހިލޭ، ނުވަތަ އަގުހެޔޮކޮން ދަނޑު ބީން ހެދުމަށެވެ.މިގޮތުން ރޯކުރި މީހުން އެކަން ކޮށްފައިވަނީ ބައެއް ކުންފުނިތައް އެކަމުގެ ފަހަތުގައި ތިބެގެންތޯ ބެލުމަށް ތަހުގީގު ކުރާ ފަރާތްތަކުން ބަލަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.
ޖަންގަލިތަކުގައި ރޯކުރި މީހުންގެ ކުށް ސާބިތުވެއްޖެ ނަމަ ބޮޑެތި ޖޫރިމަނާތަކާއެކު 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޖަންގަލިތަކުގައި ރޯވެ އެނދުމަކީ އިންޑޮނީޝިޔާ އަށް އާންމުކޮށް ކުރިމަތިވާ މައްސަލައެކެވެ.އަދި މިކަމުން އަރާ ބޯދުމުގެ އަސަރު އަވަށްޓެރި ގައުމުތަކަށްވެސް ކުރަމުންދާތީ އެގައުމުތަކާއެކު އޮންނަ ގުޅުންތަކަށްވެސް ބުރޫއަރަމުން ދެއެވެ.
އިންޑޮނީޝިޔާގެ ތިމާވެއްޓާބެހޭ ވުޒާރާއިން ހާމަ ކޮށްފައިވާ ގޮތުގައި ބޯނިއޯއިން އެކަނިވެސް އަނދަމުންދާ 3،700 ތަން އާދީއްތަދުވަހުވެސް ފާހަގަ ކުރެވިފައި ވެއެވެ.އަދި ދެކުނު ސުމަޓްރާ އިން 1،700 ތަނުގައި ރޯވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.މިތަންތަނުން އަރަމުންދާ ދުމުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ވަނީ ދިވަރަކަށް މީޓަރަށް ބަދަލުވެފައެވެ.
އިދާރާތަކުން ބުނާ ގޮތުގައި ފަންސާހަކަށް ހެލިކޮޕްޓަރު ބޭނުންކޮށްގެން އަލިފާން ނިއްވުމަށްޓަކާ އާޓިފިޝަލް ވާރޭ އުފެއްދުމަށް ކްލައުޑް ސީޑިންގ ހަދާ ވޯޓަރ ބޮމްބިންގ ފަދަ ކަންކަން ދަނީ ކުރަމުންނެވެ.
އިންޑޮނީޝިޔާއިން އަރަމުންދާ ބޯދުން މެލޭޝިޔާގެ ޖައްވަށްވެސް ފޯރަމުން ދިއުމުގެ ސަބަބުން 200،000ކިޔަވާ ކުދިންނަށް އަސަރުކޮށް 600އެއްހާ ސްކޫލް ވަނީ ބަންދު ކޮށްފައެވެ.
![]()
