އިންޑޮނީޝިޔާގެ ބިންހެލުމަށްފަހު ވަގުތީ ހިޔާތަކުގައި ކާބޯތަކެތި ދަތިވެފައި

Loading

Facebook
Twitter
WhatsApp

އިންޑޮނީޝިޔާ އަށް ހޮނިހިރު ދުވަހު 7.7 އަދި 6.9 ގެ ބާރު މިނުގައި އައި ދެ ބިންހެލުމަށްފަހު ވަގުތީ ހިޔާތަކުގައި ތިބި މީހުންނަށް ފުދޭވަރަށް ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށް ދެވެމުން ނުދާކަމަށް ޚަބަރުތައް ބުނެފި އެވެ.


7.7ގެ ބާރު މިނުގައި ފަތިހު 5 ޖެހިއިރު ފްލޮރެސްޖަޒީރާ އަށް ފުރަތަމަ ބިންހެލުން އައުމަށްފަހު އޭގެ ހަގަޑިއިރު ފަހުން ފްލޮރެސްގެ އަނެއްކޮޅުގައިވާ ޕްރޮވިންސްއަށް 6.9 ގެ ބާރު މިނުގައި ދެވަނަ ބިންހެލުމެއް އައިސްފައި ވެއެވެ. ބިންހެލުމާއި ގުޅިގެން ފްލޮރެސް އިން ގިނަ އަދަދެއްގެ ގެތަކާއި އެހެން އިމާރާތްތައް ވެއްޓިފައިވާއިރު އެތައް ސަތޭކަބަޔަކު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުވެފައެވެ. ބިންހެލުމުގައި ސިއްހީފަރުވާދޭ ތަންތަން ހަލާކުވެ ބޮޑު ސަރަހައްދު ތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.
ފަހުގެ ޚަބަރުތައް ބުނާގޮތުން ދެދުވަސް ފަހުންވެސް ގުޑުންތައް އަންނަމުން ދިއުމާއި އެކު ޝެލްޓަރ ތަކަށް ފުދޭވަރަށް ކާބޯތަކެއްޗާއި ބޭސް ފޮނުވެމުން ނުދާ ކަމަށް ވެއެވެ. އެއްހިސާބެއްގައި ފަރުވާދޭންޖެހޭ އެތައްސަތޭކަ މީހުންނަށް ފަރުވާ ދިނުމަށް ދެތިން ޑަކްޓަރުންވެސް ނެތް ކަމަށް ވެއެވެ. ގެދޮރު ދޫކޮށް ނިކުތް ގިނަ ބަޔަކު، އިތުރު އިމާރާތްތައް ވެއްޓިދާނެތީ ހާމަޔަށް އޮތް މަގުމަތީވެސް ނިދަމުން ދާކަމަށް ވެއެވެ.
ހާލުގައި ޖެހިފައިވާ މީހުންނާބެހޭގޮތުން ސަރުކާރުން އެއްވެސް އެއްޗެއް އަންގަމުން ނުދާކަމަށާ ސާފު ފެނާއި ޒަރޫރީ ކާބޯތަކެތި ނުލިބި ބަޔަކު ބަނޑަށް ވެސް ޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ވެއްޓިފައިވާ ހޮސްޕިޓަލްތަކާކައިރީގައި ވަގުތީ ހޮސްޕިޓަލަކާއި ކްލިނިކްތައް ހަދާފައި ވީނަމަވެސް އެތަންތަނުންވެސް ބޭސްހުސްވެ ފަރުވާ ލިބެމުންނުދާކަމަށް ވެއެވެ.
ބިންހެލުންތަކަށްފަހު ބިންގނޑު ކަނޑައިގެންގޮސް މަގުތައް ހަލާކުވެފައިވާތީ އެހީގެ ތަކެތި ފޯރުކޮށް ދިނުމުގައި ބޮޑެތި ހުރަސްތައް ވަނީ ކުރިމަތިވެފައެވެ.
ދެބިންހެލުމުގައި މިހާތަނަށް 68 މީހުން މަރުވެފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ. އަދި ފަސްހާހެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމް ތަކުން އިމާރާތްތަކުގެ ދަށުގައި ބަޔަކު ތިބިތޯ ބަލާ ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން ދާކަމަށް ޚަބަރު ލިބެއެވެ.
އިންޑޮނީޝިޔާގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީން މައުލޫމާތު ދީފައިވާ ގޮތުގައި ބިންހެލުމުގައި އެއްހާހަށް ވުރެގިނަ ގެދޮރު ވެއްޓި، ނުވަތަ ގެތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު ވިއްސަކަށް ހެލްތު ފެސިލިޓީއާއި ސްކޫލް ތައް އަދި ސަރުކާރު އޮފީސް އިމާރާތްތައް ވެއްޓިފައި ވެއެވެ.
ހޮނިހިރު ދުވަހު އިންޑޮނީޝިޔާއަށް ކުރިމަތިވީ 2022 ވަނަ އަހަރުގެ ފަހުން ކުރިމަތިވި އެންމެ ބާރުގަދަ ބިންހެލުމެވެ. އެފަހަރުގެ ބިންހެލުމުގައި ހުޅަގުޖާވާއިން ވަނީ އެތައް ސަތޭކަ މީހުން މަރުވެފައެވެ.
އިންޑޮނީޝިޔާ އޮންނަ ސަރަހައްދަކީ އަލިފާން ފަރުބަދައިގެ ހަރަކާތްތައް ގިނަ ސަރަހައްދަކަށް ވުމާއިއެކު އެގައުމަށް ބިންހެލުން އައުމަކީ އާންމު ކަމެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް