ޖަޕަނުގެ އިރުމަތީފަޅީގެ ޗީބާ ޕްރީފެކްޗާ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ބޯކޮށްވާރޭ ވެހި ކުރިމަތިވި ހާދިސާތަކުގައި ހަތަރުމީހުން މަރުވެ، އެކަކު ގެއްލި އަދި ފަސްމީހުންނަށް އަނިޔާތައްލިބިފައިވާކަމަށް ޚަބަރު ލިބެއެވެ. ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމާއި ކަރަންޓް ކެނޑުން ފަދަ ހާދިސާތައް ކުރިމަތިވަމުން ދާތީ ލައްކައެއްހާ ގޭބިސީގައި ދިރިއުޅެމުންދާ މީހުން އެހެން ތަންތަނަށް ބަދަލުވުމަށް ދަނީ އަންގަމުންނެވެ.އަދި އެމީހުން ތިބުމަށް ދަނީ ވަގުތީ ހިޔާތައް ގާއިމް ކުރަމުންނެވެ.
ޗީބާ ސަރަހައްދުގައި ރޭވަނީ ފުރަތަމަ ފަހަރަށް އެންމެ މަތީ މޫސުމީ އިންޒާރު ކަމަށްވާ ލެވެލް ފަހެއްގެ އިންޒާރު އިއުލާން ކޮށްފައެވެ. ޖަޕާނުގެ މޫސުމާބެހޭ އިދާރާ ޖޭއެމްއޭ އިން ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމުގެ ގޮތުން މިހާރު ޗީބާގައި ތަޖްރިބާ ކުރަމުންދަނީ މީގެ ކުރިން ކުރިމަތިވެފައިނުވާ ވަރުގެ ބޯވާރޭ ކަމުގައެވެ.
ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރ އެން.އެޗް.ކޭގެ ޚަބަރުތަކުން ފެންނަ ގޮތުގައި ބޮޑެތި ސަރަހައްދު ތަކެއްގައި ފެންބޮޑުވެ ކާރުތަކުގެ މެދަކާހަމަޔަށް ވަނީ ފެންގަނޑު އަރާފައެވެ.
ޗީބާގެ ގަވަނަރު ކުމަގާއީ ތޮޝިހީޓޯ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މޫސުމާބެހޭ މައުލޫމާތު ވަގުތުން ވަގުތައް ފޯރުކޮށްދީ ،ލިބޭ ގެއްލުން ކުޑަކުރުމަށްވެސް މަސައްކަތް ކުރައްވަމުންގެންދަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މޫސުން ގޯސްވެ 23 ހާހަށް ވުރެގިނަ ގެއިން މިވަގުތުވެސް ވަނީ ކަރަންޓް ކެނޑިފައި ކަމަށް ޓޯކިޔާ އިލެކްޓްރިކްޓް ޕަވަރ އިން ބުނެފައި ވެއެވެ.
ޗީބާ ޕްރީފެކްޗާގެ އިތުރުން އިބަރާކީ ޕްރިފެކްޗާ އަދި ޓޮޗީގީ ޕްރިފެކްޗާ އަށްވެސް މޫސުން ވަރަށް ގޯސް ކަމަށް ޚަބަރުތައް ބުނެއެވެ. މިކަމާގުޅިގެން ދަތުރުފަތުރަށްވެސް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ.
![]()
