ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުމެއްއައުމާއި ގުޅިގެން މަދުވެގެން132 މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ކޮލަމްބިޔާގެ ހުޅަނގުގެ ސަރަޙައްދުތަކަށް 7.4ގެ ބާރުމިނުގައި އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަދުވެގެން 132މީހުން މަރުވެއްޖެ ކަމަށް ޚަބަރު ލިބެއެވެ.


ރެކްޓަރ މިންގަނޑުން 7.4ގެ ބާރުމިނުގައި އައި މި ބިންހެލުން އުފެދިފައި ވަނީ ބިމުގެ ސަޠަހައިގެ 107 ކިލޯމީޓަރު އަޑިންނެވެ. މިއީ ސަތޭކައެއްހާ އަހަރުތެރޭވެސް އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުންކަމަށް ރިޕޯޓްތައް ބުނެއެވެ. ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ވަޅުލެވިފައިވާ ކަމަށް ބެލެވޭތީ މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ.
ބިންހެލުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ،ބިންހެލުން ފެށުނު ކޮލަމްބިޔާގެ ސެން ހޯސޭ ޑެލް ޕާމާގެ ކައިރީގައި ޕެސިފިކް ކޯސްޓުގައި އޮންނަ ޗޯކޯ ކިޔާ ސަރަޙައްދަށެވެ. ބިންހެލުން އުފެދިފައި ވަނީ އެ ސަރަޙައްދުގައި ނަމަވެސް އެތައްސަތޭކަ މޭލުދުރުގައިވާ ޤައުމުގެ ބޮޑެތި ސިޓީތަކަށް ވެސް ބިންހެލުމުގެ ލޮޅުންތައް އިޙްސާސްކުރެވިފައިވެއެވެ.
އަދި ކާރިޘާގެ ސަބަބުން އެކި ސިޓީތަކުގެ ގިނަ އިމާރާތްތައް ވަނީ ވެއްޓިފައެވެ. މަރުވި މީހުންގެ އިތުރުން 480އެއްހާމީހުން ޒަޚަމްވެފައިވާ ކަމަށް އިދާރާރަކުން ބުނެފައިވެއެވެ.
ކޮލަމްބިޔާއަށް ވަރުގަދަ ބިންހެލުމެއް އައިސްފައި މި ވަނީ އެ ޤައުމުގެ ރައީސްގެ މަޤާމަށް އަބެލަރުދޯ ދެ ލަ އެސްޕްރީއެލާ ޙަވާލުވެވަޑައިގެންތާ ދެތިންދުވަސް ފަހުންނެވެ. އޭނާ ރައީސްކަމުގެ ހުވާ ކުރައްވައިފައި ވަނީ އޮގަސްޓު މަހުގެ 7ވީ ހުކުރު ދުވަހުއެވެ. އެއާއެކު އައު ސަރުކާރަށް މިވަނީ ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ.
ހާލަތު ބައްލަވާލެއްވުމަށް ޕްރައިވެޓް ޖެޓްގައި ބުރު ޖެއްސެވުމަށްފަހު ގައުމުގައި ކުއްލި ޙާލަތު އިޢުލާނުކުރައްވައި ޤައުމާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން އެސްޕްރީއެޔާ ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިމާރާތްތަކުގެ އަޑީގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ކަމަށެވެ. ޤައުމީ ސަރުކާރުގައި ހުރި ހުރިހާ ވަސީލަތެއް ޢާންމުންގެ ފުރާނަ ސަލާމަތް ކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ކޮލަމްބިޔާގެ އަވަށްޓެރި ޤައުމެއް ކަމަށްވާ ވެނެޒުއެލާއަށް ވެސް ބާރުގަދަ ބިންހެލުންތަކެއް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެ ކާރިޘާގައި 6,000އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް