ސައޫދީ އެރޭބިއާގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްނުވެ ސުލްހަވެރި ހައްލަކަށް ދިއުމަށްޓަކައި މަޝްވާރާގެ މޭޒު އިޚްތިޔާރުކުރުމަށް ބާރު އަޅުއްވައި ރައީސް ޓްރަމްޕަށް ފޯނުން ދަންނަވައިފިއެވެ. ބާރުގަދަ ހަމަލާތަށް އީރާނަށް ދިނުމަކުން އުފެދިގެން އުޅޭ ދެކޮޅުވެރިކަމަށް ހައްލެއް ނުހޯދޭނެކަމަށާއި މަޝްވަރާއަށް އިސްކަން ދިނުމަށް ސައޫދީ ވަލީއަހްދުގެ ފޯން ކޯލްގައި ރައީސް ޓްރަމްޕަށް ބާރު އަޅުއްވާފައިވާކަން ދޭހަވާ މޭރުމަކުން އެކްސިއޯސްގެ ޚަބަރުގައި ބުނެފައިވެއެވެ. އަދި މެދުއިރުމަތީގެ ހާލަތާދޭތެރޭ ސައޫދީ އެރޭބިއާއިން ކަންބޮޑުވުން ފާޅުކޮށް އެމެރިކާއިން ގަސްދުކޮށްފައިވާ ގޮތުގެ ތަފްސީލް ބޭނުންވާކަންވެސް މައުލޫމާތު ދެނެހުރި އެމެރިކާ 2 އޮފިޝަލަކުވެސް ވަނީ އެކްސިއޯސްއަށް ކިޔާދީފައެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ދޭ ކޮންމެ ހަމަލާއެއްގެ ނުރައްކާތެރިން މުޅިސަރަހައްދުން އުފުލަންޖެހެން އެކަށީގެންވާކަންވެސް ވަލީއަހްދުގެ ވާހަކަފުޅުގައި ވަނީ ރައީސް ޓްރަމްޕަށް ދަންނަވާފައެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް އިތުރު ހަމަލާތައް ދީގެން މަސްރަހް އިތުރަށް ހޫނު ނުކުރުމަށް ސަރަހައްދުގެ ބައެއް އެހެންގައުމުތައް ކަމުގައިވާ އެމިރެޓްސް އާއި ޕާކިސްތާނާއި ގަތަރާއި އަދި ތުރުކީންވެސް ވަނީ ރައީސް ޓްރަމްޕަށް ދަންނަވާފައެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ އަނެއްކާވެސް މެދުކަނޑާލުމަށްފަހު ސުކްހައިގެ ވާހަކަތަކަށް މަގުފަހިކުރަން އެމެރިކާއިން ގަސްދުކުރީ ކީއްވެގެންތޯ އެއީ މީޑިއާތަކުގައި ދައުރުވަމުންދާ ބޮޑު ސުވާލެކެވެ. އެ ސުވާލަށް އެމެރިކާއާއި އީރާނުން ދެމުންގެންދަނީ ދިމާ އިދިކޮޅު ޖަވާބެކެވެ.
އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ ވީހާވެސް އަވަހަށް ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަކަށް އައުމަށްޓަކައި އިތުރު ފުރސަތެއް ދިނުމަށް އެމެރިކާއާއި އިސްރާއީލުން ބޭނުންވަނީ ކަމަށެވެ. އަދި މިދިޔަ ހޯމަދުވަހު އީރާނާއެކު މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މެދުއިރުމަތީގެ ގައުމުތަކުން އެކަމަށް އެދި އެ މަނިކުފާނަށް ދަންނަވަމުން ގެންދަވާކަމަށެވެ.
އީރާނުން ލިބޭ ޖަވާބުގައި ބުނެފައިވަނީ ހިނގުރާމަހުއްޓާލުމުގެ ވާހަކަތައް އަލުން ފަށަން އުޅޭކަން އެނގިފައި ނުވާކަމަށެވެ. އަދި އެމެރިކާއިންއީރާނާ ދެކޮޅަށް ހަމަލާދޭން ފަށައިފިނަމަ މިފަހަރު ސައޫދީ އެރޭބިއާވެސް ހިމެނޭ ގޮތުގައި ޖީ ސީ ސީ ގައި ހިމެނޭގައުމުތަކުގެ ތެޔޮ ވަޅުތަކާއި ގޭސް ފަނޑުތަކުގައި އަލިފާން ޖަހާނެކަމަށެވެ. މިދިޔަ ހަފުތާގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ އެފަދަ ހާލަތެއްގައި ކުރިމަތިލާންޖެހިދާނެ ގެއްލުމާބެހޭގޮތުން ސައޫދީ އެރޭބިއާއާއި ތުރުކީގެ ޚާރޖީ ވަޒީރަށް ފޯނުކުރައްވައި އިންޒާރު ދެއްވާފައެވެ. އަދި ހަމަ އެވާހަތައް ޕާކިސްތާނުގެ މިލިޓްރީ ޗީފް ފީލްޑް މާރޝަލް އާސިމް މުނީރަށްވެސް ދަންނަވާފައެވެ. އީރާނުގެ ދިފާއީ ވަޒީރު މަޖީދު އިބްނު އަލް ރިޒާ ދެއްވާފައިވާ ޖަވާބުގައި އެމެރިކާގެ ކޮންމެ އިންޒާރަކީ އީރާނުން ތައްޔާރުވުމަށް ލިބޭ އިތުރު ފުރުސަތެއްކަމަށް ވަނީ ވިދާޅުވެފައެވެ.
އެމެރިކާއާއި ގަލްފް ސަރަހައްދުގައިތިބި އެމެރިކާގެ ބައިވެރިން އަތުގައި އީރާނުގެ ހަމަލާތައް ހުއްޓުވޭނެ އިންޓަރސެޕަޓަރ މަދުވުމުގެ ސަބަބުން އެ ގައުމުތަކުގައި ހުރި އެމެރިކާގެ މިލިޓްރީ ބޭސްތައް އީރާނުގެ ހަމަލާތަކަށް ހުޅުވިގެން ދިއުމުގެ ނުރައްކާތެރިކަންވެސް އޮތީ ވަރަށް ބޮޑުވެފައެވެ. ސެންޓަރ ފޯރ ސްޓްރާޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް ގެ އަންދާޒާގައި އެމެރިކާގެ މިލިޓްރީގައި ހުރި 2300 ޕެޓްރިއަޓް އިންޓަރސެޕްޓަރގެ ތެރެއިން މިހާރު ބާކީ ހުރީ ހަމައެކަނި 827 އިންޓަރސެޕްޓަރެވެ. އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ޑޭން ކައިން ވަނީ މި މައުލޫމާތު ރައީސް ޓްރަމްޕް އަށް ދަންނަވާފައެވެ. އެމެރިކާގެ ރައްޔިތުން ދިފާއުކުރުމަށްޓަކައި މިހާރު މަދުވެފައިވާ ޕެޓްރިއަޓިކް އިންޓަރސެޕްޓަރގެ މުހިންމުކަން ބަޔާންކޮށް އަދި އެކަމާދޭތެރޭ ހުރި ކަންބޮޑުވުންތައް ކޮންގްރެސްގައި ހިމެނިވަޑައިގަންނަވާ ޑިމޮކެރެޓިކް ސެނެޓަރ ކްރިސް ވާން ހޯލެން ވަނީ އޭ ބީ ސީ ނިއުސް އާއެކު ހިއްސާކޮށްފައެވެ.
ހަމައެއާއެކު ދުނިޔޭގެ ބާޒާރުގައި ތެޔޮތާންގީތަކުގެ ފޫ ފެންނަން ފަށައިފިކަމަށް އެނަލިސްޓުންގެ އިންޒާރުތައް ވެސް މީޑިއާތަކަށް ތިލަވާން ފަށައިފިއެވެ. އަދި ހޮރްމުޒް ކަނޑުއޮޅި ނުހުޅުވި ލަސްވާނަމަ ދެންޖެހޭނީ ތެޔޮ ތާނަގީ ތަކުގެ ފޫ ކަހާށެވެ. އަދި އެމެރިކާއާއި އިސްރާއީލުން ގުޅިގެން ކުރަމުންދާ ހަނގުރާމައިގާ ހޮރްމުޒް ކަނޑުއޮޅި ހުޅުމުގައިވެސް އީރާނުގެ މަގްސަދުން އެއްފަރާތް ކުރެވިދާނެ ކަމަކަށް ނުފެނެއެވެ. ހަނގުރާމައިގާ ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިޔަކަމުގައިވިޔަސް މުޅިދުނިޔޭގެ އިގްތިސާދު ރަހީނުކޮށްގެން ހިފާއްޓާލެވިދާނެކަން އީރާނުން ސާބިތުކޮށްދީފިކަމަށް އިސްރާއީލުގެ ކުރީގެ އިންޓެލިޖެންސް އޮފިސަރ ޑެނިސް ޗިޓްރްނޯވިޗް އެކްސް ގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފިއެވެ. އޭނާއަކީ މަގާމުގައި ހޭދަކުރި ދުވަސްތަކުގައި އީރާނުގެ މައްޗަށް ލޯއެޅުމުގައި ވަރަށް ޚާއްސަ މަގާމެއް ހޯދާފައިވާ އޮފިސަރެކެވެ.
އެމެރިކާގެ ހަމަލާތައް ހުއްޓާލުން އިއުލާންކުރުމާގުޅިގެން ހޮރްމުޒް ކަނޑުއޮޅި ހުޅުވުމުގެ މަޝްވަރާތައް އޮމާނާއެކު އަލުން ފެށިއްޖެކަމަށް އީރާނުން ބުނެފިއެވެ.
އީރާނާއެކު ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ހޯމަދުވަހު ފެށޭނެކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މައުލޫމާތު އެނގޭ މަސްދަރަކުން އެކްސިއޯސް ކިޔާދީފައިވާ ގޮތުގައި އީރާނަށް ބާރުގަދަ އިތުރު ހަމަލާ ނުދިނުމަށް ސައޫދީ އެރޭބިއާގެ ވަލީ އަހްދު މުހަންމަދު ބިން ސަލްމާނު ވަނީ ރައީސްޓްރަމްޕް އަށް ބާރުއަޅުއަވާފައެވެ.
އެމެރިކާއިން އީރާނަށް އިތުރު ހަމަލާއެއް ނުދޭނެކަން އިއުލާންކުރުމަކީ ރައީސްޓްރަމްޕްގެ މުނާފިގު ސިޔާސަތުގެ ސިފައެއްކަމުގައިބެލެވޭތީއާއި އަދި ކުއްލިއަކަށް މިފަހަރު އިއުލާންކުރެއްވުމުގައިވެސް ލޭވަސް ދުވާކަން އީރާނުން ވަނީ ހާމަކޮށްފައެވެ. އަދި ރުހުން ދިނުމުގެ ކުރިން ހުރިހާ ދިމާލަކުން ބަލާ ކަށަވަރު ކުރާނެކަންވެސް އީރާނުން ވަނީ ބުނެފައެވެ.
ގަލްފުގެ ގައުމުތަކަށް އީރާނުން އަންގާފައިވަނީ އެމެރިކާއިން އަލުން ހަމަލާތައް ފަށައިފިނަމަ އީރާނުން ދެން ހަމަލާތައް ފަށާނީ ދުރުރާސްތާ ހަތިޔާރު ބޭނުންކޮށްގެން ކަމަށާއި އަވަށްޓެރި ގައުމުތަކަށް ލިބިދާނެގެއްލުމަކާ މެދު ވިސްނާނެ ފުރުސަތު ނެތްކަމަށާއި ހޮރްމުޒް ކަނޑުއޮޅީއާއެކު ބާބުލް މަންދޫބް ވެސް ބަންދުކުރެވޭނެ ކަމަށެވެ. އީރާނުގެ ދުރުރާސްތާ ހަތިޔާރުން ދެވޭ ހަމަލާތައް ހުއްޓުވުމުގެ ކުޅަދާނަކަން އެމެރިކާއަށް ލިބިގެން ނުވާނެ ކަމަށްވެސް އީރާނުން އިންޒާރު ދީފައި ވެއެވެ.
އީރާނާ ދެކޮޅަށް އަލުން އެމެރިކާއިން ހަނގުރާމަ ފަށައިފިނަމަ ގަލްފް ކަނޑުއޮޅީގެ ލޮނުގަނޑުގައި ލޭގެ ކުލަ ފެނުން އެކަށީގެންވާ މޭރުމަކުން އީރާނުން ވާހަކަ ދައްކާފައިވުމުން ގަލްފްގެ ގައުމުތަކުން މި ހަނގުރާމައާއި ދުރުގައިތިބުން ރަނގަޅުވާނެކަން މިމައުޟޫއުގައި ވާހަކަދައްކަމުން ނޭވަލް ޕޯސްޓްގްރޭޓް ސްކޫލްގެ އޮފްޝޯން އޮސްޓޯވަރ ވަނީ ފައިނޭންޝަލް ޓައިމްސްއަށް ކިޔާދީފައިވެއެވެ.
ފެންނަފެނުމުގައި ގަލްފުގެ އެއްވެސް ގައުމަކަށް ބޮޑުގެއްލުމެއް ދޭން އީރާނުންބޭނުންވާކަމަށް ނުބެލެވެއެވެ. އީރާނުގެ މަގްސަދަކީ ހަނގުރާމަ ދިގު ދަންމާލައިގެން ބަލިކޮށްލުންކަމަށްވެސް އޮސްޓޯވަރ ބުނެފައިވެއެވެ.
އެމެރިކާގެ ސިޔާސީ މަސްރަހުން ފެންނަމުންދަނީ ބައެއް ރިޕަބްލިކަނުންވެސް ރައީސް ޓްރަމްޕް އާއި ދުރަށް ޖެހި އެމަނިކުފާނަށް ރުހުންއޮތް މިންވަރު ގައުމުގައި ވެއްޓެމުންދާތަނެވެ. އަދި މިހާރު މިޑްޓާރމް އިންތިޚާބު ބޯމަތި ވަމުން އަންނައިރު އެމެރިކާގައި ގޭހާއި ތަކެތީގެ އަގު އުފުލެމުންދިއުމަކީ އީރާނުން ބޭނުންވާގޮތެވެ. މަޝްވަރާތައް ކުރެވެމުންދާއިރު އީރާނަށް ހަމާލާދިނުމުގައިހުރި ނުރައްކާތެރިކަން ރައީސް ޓްރަމްޕް އަށް ވިސްނި ވަޑައިގަންނަވާނެއެވެ. އަދި އީރާނަށް ހަމަލާދިނުމަކުން ރައީސް ޓްރަމްޕްގެ މަގްސަދު ހާސިލު ނުކުރެވޭކަމަށްވެސް އޮސްޓޯވަރ ބުނެފައިވެއެވެ.
މިފަހަރު ވާހަކަތައް ނާކާމިޔާބުވުމުގެ ކޮޅުމަތި ފެނުމާއެކު އީރާނުން ހަމަލާތައް ފަށާނެކަމަށާއި ރައީސް ޓްރަމްޕްގެ ބަލިފައި އޮތީ ވަރަށް ރަނގަޅަށް ފެންނަން ކަމަށް އީރާނުގެ އޮފިޝަލަކު ވޯލްސްޓްރީޓް ޖާރނަލްވެސް ވަނީ ކިޔާދީފައެވެ.
![]()
