ކ. ތިލަފުށިން ފުރައިގެން ދަތުރު ކުރަމުންދަނިކޮށް އެ އަތޮޅުގެ ގާފަރު ކައިރިއަށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ސަލާމަތްކުރި 8 މީހުން ގާފަރަށް ގެންގޮސްފިއެވެ.
މިއަދު ހެނދުނު 08:48 ހިނގި އެ ހާދިސާގައި ކޮޅުވެއްޓީގައި 10 މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން ސަލާމަތްކުރެވުނީ 8 މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މީހުން މިއަދު މެންދުރު ގާފަރަށް ގެންގޮސްފައި ވާއިރު ގައިގެ ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދި އަނިޔާތައް ލިބިފައި ހުރި ނަމަވެސް އެ 8 މީހުންގެވެސް ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ. ގެއްލިފައިވަނީ ދެ ބިދޭސީން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާއިރު، ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށާއި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތައް ނޫނީ ނުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.
![]()
