މާލޭގެ ބޮޑުތަކުރުފާނުމަގުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިމައްޗަށްވާ ގޮތަށް އޮތް ހުސްބިމުގައި ފެރީ ޓާމިނަލަކާއި ސައިކަލް ޕާކިން ޒޯނެއް ހިމެނޭ ގޮތަށް ޒަމާނީ އިމާރާތެއް ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މި މަޝްރޫއު ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ.
ކައުންސިލްގެ އިއްތިފާގުން މި މައްސަލަ މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށް އާބަން ޕްލޭނިން ކޮމިޓީއަށް ފޮނުވާފައެވެ. މި އިމާރާތުގެ ޕްލޭންގައިވާ ގޮތުން، އިމާރާތުގެ ގްރައުންޑް ފްލޯ ހާއްސަކުރެވިފައިވަނީ ފެރީ ޓާމިނަލަކަށެވެ.
ޓާމިނަލްގެ ގްރައުންޑް ފްލޯގައި އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށާއި މާލެއިން ފުރާ ފަރާތްތަކަށް ހިތްފަސޭހަކަމާއެކު މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ. މީގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ހާއްސަ ފާހާނާބަރިތަކާއި، ލުއިކާނާ ލިބޭނެ މިނީ ޝޮޕެއްގެ އިތުރުން ނަމާދުކޮށްލުމަށް ހާއްސަ ކުޑަ ކޮޓަރިއެއްވެސް މި ފަންގިފިލާގައި ގާއިމުކުރުމަށް ވަނީ ހުށަހަޅާފައެވެ.
އިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ސައިކަލް ޕާކު ކުރުމަށެވެ. މިއީ ކޮންމެ ރައްޔިތަކަށްވެސް ހިލޭ ސައިކަލް ޕާކުކުރެވޭނެ އިންތިޒާމެއް ކަމަށް ޒަހިއްޔާ ވިދާޅުވިއެވެ. އިމާރާތުގެ އެންމެ މަތީގައި ނުވަތަ ރޫފްޓޮޕްގައި ފުޑް ކޯޓުތަކެއް ހުންނާނެ ކަމަށާއި، އެތަނަށް އަރާ ފޭބުމަށް ލިފްޓެއް ބެހެއްޓިފައި ހުންނާނެ ކަމަށްވެސް ޕްލޭންގައިވެއެވެ.
![]()
