މާލޭ ސަރަހައްދުގައި ކުނި އުކާނުލެވި، ކުނިތައް ގިނަވަމުންދާތީ އެކަމަށް އަވަސް ހައްލެއް ހޯއްދެވުމަށްޓަކައި މާލެ ސިޓީގެ 11 ކައުންސިލަރަކު މިއަދު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް ވަޑައިގެންފިއެވެ.
މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދިންގޮތުގައި، ކައުންސިލަރުން ވެމްކޯއަށް ވަޑައިގަތީ، މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ، ތިލަފުށީ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެތަނުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާތީ، އެކަމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމަށް ކަމަށެވެ.
ކައުންސިލަރުން ފާހަގަކުރެއްވިގޮތުގައި މިހާރު ކުނި އަޅަން ބޭނުންކުރާ ސަރަހައްދު ފުރި، ތިލަފުއްޓަށް ކުނި ނުގެންދެވޭތާ މިހާރު 10 ވަރަކަށް ދުވަސް ވަނީ ވެފައެވެ. މިކަމާ ގުޅިގެން، މާލޭގެ މަގުތަކުން ނަގާ ކުނިތަކާއި، ޕާކުތަކާއި މައިޒާންތަކުގައި އުފެދޭ ކުނި އުކާލެވޭނެ ނިޒާމެއް ނެތި، ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.
މި ކަމާ ގުޅިގެން ކައުންސިލަރުންނާ ބައްދަލުކުރައްވައި ވެމްކޯގެ އެޗްއާރު ޖެނެރަލް މެނޭޖަރ މުޙައްމަދު ޝާން ވިދާޅުވީ، ތިލަފުށީ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމާއެކު، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފަރ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފައި ވާކަމަށެވެ. މީގެ ސަބަބުން ދުވަހުން ދުވަހަށް ދެމުން އަންނަ ކުނިއުކުމުގެ ޚިދުމަތަށް ހުރަސްތަކެއް ދިމާވެފައި ވާކަމަށެވެ.
ޝާން ވިދާޅުވީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާ މަޝްވަރާ ކުރައްވައިގެން މި ކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި މި ހަފުތާ ނިމުމުގެ ކުރިން، ތިލަފުށީގެ ކުނި އަޅާ ސައިޓް އަލުން އޮޕަރޭޝަނަށް ގެނެވުމާއެކު، ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާކަމުގެ ޔަގީންކަން ޝާން ދެއްވިއެވެ.
މި ކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ މާލެތެރޭގައި ކުނި ގިނަވެ، އާންމު ޞިއްޙީ ބޮޑު މައްސަލައަކަށް މި ކަން ބަދަލުވެދާނެކަމުގެ ބިރު އެބައޮތް ކަމަށާއި، އެހެންކަމުން، ވެމްކޯއިން ކަނޑައަޅައިފައިވާ މުއްދަތުގެތެރޭގައި މައްސަލަ ހައްލު ނުވެއްޖެނަމަ، އަލުން ވެމްކޯއަށް ވަޑައިގަތުމަށް ކައުންސިލަރުން މިއަދު ވަނީ ނިންމަވާފައި ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
![]()
