ޔޫކްރެއިނުގެ ހަމަލާއާ ގުޅިގެން އީރާނުން ބަދަލުހިފާނެކަމުގެ އިންޒާރު ދީފި

Loading

Facebook
Twitter
WhatsApp

ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ ވިޔަފާރި އުޅަނދަކަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން، އޭގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު އީރާނުން ޔޫކްރެއިނަށް ދީފިއެވެ. މިއާއެކު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަން މެދުއިރުމަތިން ބޭރަށް ފެތުރި، މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ހޮނިހިރު ދުވަހުގެ ހަމަލާ ކުށްވެރިކުރައްވައި ވިދާޅުވީ، މިއީ އދ. ގެ ޗާޓަރާ ޚިލާފު އަމަލެއް ކަމަށާއި، މި ހަމަލާއަށް ”ޖަވާބު ނުދީ ދޫކޮށްނުލެވޭނެ“ ކަމަށެވެ. ސޯޝަލް މީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި އަރާގްޗީ ވަނީ، ޔޫރަޕްގެ ގައުމުތައް މި ސަރަހައްދީ ހަނގުރާމައިގެ ތެރެއަށް އިތުރަށް ވެއްދުމަށްޓަކައި އިސްރާއީލުން މި ހަމަލާއަށް ހިތްވަރުދޭ ކަމަށް ތުހުމަތުކުރައްވާފައެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ހަމަލާގެ ސަބަބުން ވިޔަފާރި އުޅަނދު ގޮވައި، އެކަކު މަރުވެ އިތުރު ބަޔަކަށް ވަނީ އަނިޔާވެފައެވެ. ތެހެރާނުން ބުނާ ގޮތުގައި އެއީ އާންމު އުޅަނދެކެވެ. އަދި މި ހަމަލާއަކީ ”ދުޝްމަނުންގެ ޖަރީމާއެއް“ ކަމަށް ވަނީ ސިފަކޮށްފައެވެ.

ޔޫކްރެއިނުން ވަނީ ކެސްޕިއަން ކަނޑަށް ދުރު ރާސްތާގެ ހަމަލާތަކެއް ދިން ކަމަށް އެއްބަސްވެފައެވެ. ނަމަވެސް ޔޫކްރެއިނުން ބުނީ އެ ގައުމުގެ އަމާޒަކީ ރަޝިޔާގެ ހަނގުރާމަމަތީ މަނަވަރަކާއި، އީރާނާ ގުޅުންހުރި އަސްކަރީ ސާމާނު އުފުލާ ކަމަށް ބެލެވޭ އުޅަނދުތަކެއް ކަމަށެވެ. 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް ފަހުން، ޔޫކްރެއިނުގެ ރަށްތަކަށް ހަމަލާދިނުމަށް އީރާނުން އެތައް ހާސް ’ޝާހިދު‘ ޑްރޯން ރަޝިޔާއަށް ފޯރުކޮށްދޭ ކަމަށް ކީވްއިން ދަނީ ތުހުމަތުކުރަމުންނެވެ.

އެންމެ ފަހުން ދިން މި ހަމަލާއާ ގުޅިގެން އީރާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއަށް އެ ގައުމުން ދުވަހަކުވެސް ސީދާ ގޮތެއްގައި ވަދެފައިނުވާނެ ކަމަށް ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން އީރާނުގެ އިސް އޮފިޝަލުން ދަނީ ހަރުކަށި ބަހުރުވައިން އިންޒާރުތައް ދެމުންނެވެ. އީރާނުގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތާ ބެހޭ ކޮމިޝަނުގެ ރައީސް އިބްރާހީމް އަޒީޒީ ވަނީ ޔޫކްރެއިނުން ބަދަލުހިފުމަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

”އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް އަގު ދައްކަންޖެހޭނެ“ އެކްސްގައި އަޒީޒީ ލިޔުއްވާފައިވެއެވެ. އަދި އީރާނުން މިފަދަ އަމަލުތަކަށް ޖަވާބު ނުދީ ދޫކޮށްނުލާނެކަން ޔޫކްރެއިނަށް ވަރަށް އަވަހަށް ވިސްނޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ހަމަލާއާ މެދު އިހުތިޖާޖު ކުރުމަށާއި، ހަމަލާގެ ތަފްސީލު ހޯދުމަށް އީރާނުން ވަނީ ޔޫކްރެއިނުން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ޝާހްޖޭ ދި އެފެއާޒް ހާޒިރުކޮށްފައެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ މި އޮޕަރޭޝަން ދިފާއުކުރައްވާފައެވެ. އޭނާ ވިދާޅުވީ ކެސްޕިއަން ކަނޑުގައި ހުރި އަސްކަރީ ވަސީލަތްތަކަށް ހަމަލާދީގެން ޔޫކްރެއިނުން ”ވަރަށް ވަރުގަދަ ނަތީޖާތަކެއް“ ހާސިލުކޮށްފައިވާ ކަމަށެވެ. އަދި ގަލްފްގެ ގައުމުތަކާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ސެޓެލައިޓް މެދުވެރިކޮށް ބެލުމުގައި ރަޝިޔާއިން އީރާނަށް އެހީތެރިވާ ކަމަށާއި، އެ މައުލޫމާތުތައް ފަހުން އީރާނާ ހިއްސާކުރާ ކަމަށް ޒެލެންސްކީ ތުހުމަތުކުރެއްވިއެވެ.

ރަޝިޔާއިން މި ހާދިސާއަށް އިޖާބަދީފައިވަނީ ވަރަށް ބަލައިގެންނެވެ. ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް ވަނީ އަރާގްޗީއާ ފޯނުން ވާހަކަދައްކަވައި، މަރުވި ފަޅުވެރިޔާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި ހަމަލާއަށްފަހު އުޅަނދުގެ ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަޝިޔާގެ އަސްޓްރާޚާން ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތަށް ތައުރީފު ކުރެއްވިއެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަކުރުމަށް ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކާ ބެހޭ މައުލޫމާތުވެސް އަރާގްޗީ ވަނީ ލަވްރޯވްއާ ހިއްސާކުރައްވާފައެވެ.ކެސްޕިއަން ކަނޑުގައި ހިނގި ހާދިސާއިން ސަރަޙައްދީ ހަމަނުޖެހުންތައް ފެތުރެމުންދާ މިންވަރު ހާމަވެގެންދާއިރު، އީރާނާއި، ޔޫކްރެއިނާއި، ރަޝިޔާ އަދި މި ޤައުމުތަކުގެ ބައިވެރިން ހިމެނޭ މި މައްސަލައިގެ ސަބަބުން، މިހާރުވެސް ނާޒުކު ފައްތަރެއްގައި އޮތް ބައިނަލްއަޤްވާމީ ސަލާމަތާއި ޚާރިޖީ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް