އެންމެ ކުރީ ޒަމާނުއްސުރެން މެދުއިރުމަތީގެ އިސްލާމީ ކޮންމެ ގައުމަކަށްވެސް ދިވެހިންގެ ހިތުގައި ޚާއްސަ ގަދަރަކާއި އިޙްތިރާމެއް ވަނީ ދެވިފައެވެ. އޭރުވެސް އަދި މިހާރުވެސް މަޒްހަބީ ތަފާތުކުރުމަކީ ދިވެހިން މާބޮޑު އަހަންމިއްޔަތެއް ދެމުން ގެންދާކަމަކަށް ނުވެއެވެ. ރާއްޖެ އިސްލާމް ކުރެއްވި ބޭފުޅުންގެ ތެރޭގައި ބަރުބަރީއާއި ތަބްރޭޒީގެ ނަންފުޅު ގެނެވޭ ހިނދު އެބޭފުޅުންގެ މަޒްހަބު އޮޅުންފިލުވާކަށް ބޭނުމެއް ނުވެއެވެ. މިއަދު މެދުއިރުމަތީގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އަރަބި ގައުމުތަކުގައި ތިބި އެމެރިކާގެ ލަޝްކަރުތަކުން ފަނާކުރަނިވި ހަމަލާތަކެއް ދަނީ ގެންދަމުންނެވެ. ދުނިޔޭގެ މަޝްހޫރު އެނަލިސްޓުންނާއި މިލިޓްރީ ތަޖްރިބާކާރުން އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް އަޑު އުފުލަމުން ދީނާއި މަޒްހަބަށް ބަލާފައެއް ނޫނެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދަނީ ޣައިރު ގާނޫނީ ހަނގުރާމައަކަށް ވީމައެވެ. އެ ބޭފުޅުންގެ ރިޕޯރޓްތަކުން ނޫނީ ހަނގުރާމައިގެ އަސްލު ދެނެގަތުން އުދަނގޫ ވާނެއެވެ.
އެމެރިކާގެ ޕޮލިޓިކަލް ސައެންޓިސްޓް އަދި އިންޓަރނޭޝަނަލް ރިލޭޝަންސް ސްކޯލަރ ޖޯން ޖޭ މިއަރޝީމަރގެ ރިޕޯރޓް
މިދިޔަ ހަފުތާގައި ޖެރޫސަލަމް ޕޯސްޓަށް ހަވާލާދީ އެކްސިއޯސް އަދި ސެންޓްރަލް ކޮމާންޑުގެ ބަޔާނުން ކަށަވަރު ކޮށްދީފައިވާގޮތުގައި ޖަރުމަނުގެ ބަންދުކޮޓަރިއެއްގައި މެދުއިރުމަތީގެ ބާރުގަދަ ގައުމުތަކެއްގެ މިލިޓްރީ އިސްވެރިންތަކަކާއެކު އެމެރިކާއިން ވަނީ ބައްދަލުކޮށްފައެވެ. އެ ގައުމުތަކަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާއި އިސްރާއީލް އަދި ސައޫދީ އެރޭބިއާއާއި ޔުނައިޓެޑް އެރެބް އެމިރެޓްސް ބަހްރައިންއާއި ކުވޭތާއި ގަތަރާއި ޖޯރޑްން އަދި މިސްރެވެ. 10 އިއްޒަތްތެރިން އެއް މޭޒެއްގައެވެ. ބައްދަލުކުރުމުގެ އެއްވެސް ޚަބަރެއް ބޭރުތެރެއަށް ނުދާނެގޮތެއްގައެވެ. މި ބައްދަލުކުރުމަކީ 1991 ގެފަހުން އެ ގައުމުތަކުން ބޭއްވި މިބާވަތުގެ ފުރަތަމަ ސިއްރު ބައްދަލުކުރެއްވުމެވެ. ފާއިތުވެގެން މިދާ ތިރީހަކަށް އަހަރުގައި އިސްރާއީލުގެ މިލިޓްރީ ޖެނެރަލުން ސައޫދީ އެރޭބިއާއާއި މިސްރާއި އަދި ގަތަރާއެކު އެއްކޮޓަރިއެއްގައި ބައްދަލުކުރާ މިއީ އެންމެ ފުރަތަމަ ފަހަރެވެ. އޭގެ ތެރެއިން ގިނަ ގައުމުތަކުން އިސްރާއީލާއެކު ސިޔާސީ ގުޅުމެއްވެސް ނޯވެއެވެ. އެކަމަކު އިރާގުގެ ރައީސް ސައްދާމް ހުސައިނާ ދެކޮޅަށް އުފެއްދި ކޯލިޝަންގެ ފަހުން މިއީ މިހާތަނަށް ބޭއްވުނު މެދުއިރުމައްޗަށް ނިސްބަތްކުރެވޭ އެންމެ ބިޔަ މިލިޓްރީ ބައްދަލު ކުރުމެވެ. މިފަހަރު އެޖެންޑާއަކީ އިރާގެއް ނޫނެވެ. އިރާނެވެ. އެކަމަކު އެއީވެސް މި ބައްދަލުކުރެއްވުމުގެ އެންމެ ފާހަގަކުރެވޭ ނުކުތާއެއް ނޫނެވެ. އެންމެ މުހިންމު އެޖެންޑާއކީ ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރ އެޑްމިރަލް ކޫޕަރގެ އެންގެވުމެވެ. އެޑްމިރަލް ކޫޕަރ އެ ބައްދަލު ކުރެއްވުމަށް 2 ވައުދެއް ހުށައެޅިކަމަށް އެކްސިއޯސް އިން ބުނެފައިވެއެވެ. ފުރަތަމަ ވައުދަކީ އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ މިލިޓްރީ ބޭސްތަކާއި ވަސީލަތްތައް ބިމާ ހަމަކޮށްލި ކަމުގައި ވިޔަސް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ލަޝްކަރުތައް މެދުއިރުމަތީގެ ގައުމުތަކުން ނުފައިބާނެއެވެ. ދެވަނަ ވައުދަކީ ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލަން އެމެރިކާގެ ރޭވުމެވެ. ދެވަނަ ވައުދުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް ގެނެވިގެންދާނެއެވެ. ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލާއި ހަކަތައިގެ ވިހި އިންސައްތަ ފޯރުކޮށްދޭ ހަމައެކަނި ކަނޑުގެ މަގު ކަމުގައިވީހިދު އެ ކަނޑުއޮޅި ހުޅުވާފައި އޮތުމާއި ބަންދު ކޮށްލުމުގެ ނަތީޖާ މިހާރުވެސް ދަނީ ފެންނަމުންނެވެ. މި ބައްދަލު ކުރުމަކީ ހަމަކުއްލިއަށް ބޭއްވުނު ބައްދަލު ކުރުމެއް ނޫނެވެ. މި ބައްދަލުވުމަށް ތައްޔާރު ވަމުން ގެންދާތާ 5 އަހަރު ވެއްޖެއެވެ. 2020 ގައި އަބަރަހަމް އެކޯރޑް ތަޢާރުފް ކުރުމާއެކު މި ބައްދަލު ކުރުމުގެ ފެށުންވެސް އިންތިޒާމް ކުރެވެން ފެށިއްޖެއެވެ. ހަމަ އެދުވަސްވަރު އެމެރިކާގެ ބާރުގައި ޔޫރަޕްގެ ކޮމާންޑުން ސެންޓްރަލް ކޮމާންޑަށް އިސްރާއީލު ބަދަލުކުރެވުނެވެ. ގަލްފުގެ ގައުމުތަކަށް ބާރު ހިންގަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުންނެވެ. ޖަރުމަނުގައި ބޭއްވިގެން މިދާ ބައްދަލުކުރުން އެކަށައެޅިގެން ދިޔުމުގެ މުހިންމު ހިއްސާއެއް ސެންޓްރަލް ކޮމާންޑަށް އިސްރާއީލު ބަދަލުކުރެވިގެން ދިއުން އަދާކުރެއެވެ. އެނަލިސްޓުން ތަރުޖަމާ ކުރާގޮތުގައި މި ބައްދަލުކުރުމަކީ މެދުއިރުމަތީގެ ސެކިއުރިޓީއަށް އެޅޭ ހިޔަންޏެކެވެ. ލިއެވިފައިވާ މުއާހަދާއެއްނެތި މިލިޓްރީގެ ބާރުގެ ދަށުގައި އާންމުލޯތަކުން އެއްފަރާތްވެފައިވާ އެއްބަސް ވުމެކެވެ.
މި ބައްދަލުކުރުން ފެށުމުގެ މާކުރިން ޔުނައިޓެޑް އެމިރެޓްސްގައި އިސްރާއީލުގެ ބާރުގަދަ އަޔަންޑޯމް ދިފާއީ ނިޒާމް ގާއިމް ކުރެވިއްޖެ ކަމަށް އެކްސިއޯސް ރިޕޯރޓްކޮށްފައި ވެއެވެ. މީގެ ދިހަވަރަކަށް އަހަރުކުރިން މިއީ ހިތަށްވެސް ނުގެނެވޭ ބަދަލެކެވެ. އެކަމަކު އިސްރާއީލުގެ މިލިޓްރީން އެމިރެޓްސްގެ ބިމުގައި ހަރަކާތްތެރިވަމުން ގެންދިއުމަކީ މިއަދުގެ ހަގީގަތެވެ. ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ކުވޭތުންވެސް އަބްރަހަމް އެކޯރޑުގައި ބައިވެދާނެކަން އަބޫދާބީގައި ހުންނަ އިސްރާއީލުގެ ސަފީރުވަނީ އާންމުކޮށްފައެވެ. އެއަށްފަހު ސްކޫލްތަކުގައި ކިޔަވާދިނުމަށް މިހާތަނަށް ބޭނުންކުރަމުންގެންދާ މެދުއިރުމަތީގެ ޗާޓް ބަދަލުވެގެންދާނެއެވެ.
މި ބައްދަލުވުން ކުރިއަށްދާއިރު އީރާނުގެ މަދަދާއެކު ހޫތީ މުޖާހިދުން ސައޫދީ އެރޭބިއާއަށް ހަމަލާ ދެމުންގެންދާކަންވެސް ފާހަގަކުރަންޖެހެއެވެ. ރެޑް ސީގެ ބާބުލް މަންދޫބް މިހާރު އޮތީ ހޫތީ މުޖާހިދުންގެ ފުރިހަމަ ކޮންޓްރޯލްދަށުގައެވެ. ބާބުލް މަންދޫބަކީ ބައިނަލް އަގްވާމީ ދަތުރުތަކަށް މެދުއިރުމަތީގެ ދެވަނަ ޗޯކިންގ ޕޮއިންޓެވެ. ހޮރްމުޒް ކަނޑުއޮޅި އީރާނުގެ ބާރުގެ ދަށުގައި އޮތް އިރު ބާބުލް މަންދޫން އޮތީ އީރާނުގެ ފުރިހަމަ އެއްބާރުލުން ލިބޭ ހޫތީ މުޖާހިދުންގެ ބާރުގެ ދަށުގައެވެ.
ޖަރުމަނުގައި ބޭއްވެމުންދާ ބައްދަލުކުރުމަށް ބަލާއިރު ތާރީޚުންފެންނަ ސުވާލަކަށްވެސް ރިއާޔަތް ކުރަން ޖެހެއެވެ. މެދުއިރުމަތީގައި ތަފާތު ވިސްނުމެއް ގެންގުޅޭ ނުވަ ގައުމެއްގެ މިލިޓްރީ އެންމެ އިސްވެރިންނަށް ކިހާ ދުވަހަކު އެކުގައި ފިޔަވަޅުއަޅަމުން ގެންދެވިދާނެ ހެއްޔެވެ ؟ ފިނިކުރި ކޮޓަރިއެއްގައި ތިބެގެން އެއްބަސްވުމަކަށް އާދެވިދާނެއެވެ. އެކުގައި ތަންފީޒުކުރުމަކީ ފަސޭހަކަމަށް ނުވާނެއެވެ. އެނަލިސްޓުން ގަބޫލުކުރާގޮތުގައި މިހާރު ފެންނަމުން މިދަނީ ތަންފީޒުކުރެވުން އެންމެދުރު އެލައިންމެންޓެވެ. ކުޑަކުޑަ އެންމެ ދުބަސްވުމަކުން ބިއްލޫރި ގަނޑެއްފަދައިން އެއްބަސްވުން ކުދިކުދިވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މިވަގުތު ތިން ކަމަކަށް ފާރަލުން ބޭނުމެވެ. އެންމެ ފުރަތަމަ އިސްރާއީލުގެ ސަފީރު އިއުލާންކޮށްފައިވާ ފަދައިން އަބްރަހަމް އެކޯރޑުގައި ކުވޭތުން ބައިވެރިވުމަށް އަޅާފާނެ ފިޔަވަޅެކެވެ. ދެވަނައަށް ހޮރްމުޒް ކަނޑުއޮޅިން ބައިނަލް އަގްވާމީ ދަތުރުތަކަށް ލިބިދެވޭ ފުރުސަތު ތަކެވެ. ތިންވަނައަށް މިބައްދަލުކުރުމުގެ ހުރިހާ މައުލޫމާތެއް އީރާނަށް ލިބިފައިވުމާއެކު އެ ބައްދަލުކުރުމުން އީރާން އެކަހެރި ކުރުމުގެ ނަތީޖާ އީރާނުން ބަލާގަންނާނެ ގޮތެކެވެ. ބައްދަލުކުރުމުގެ މައުލޫމާތު އީރާނަށް ލިބިފައި އޮތުމަތީވެސް ބައްދަލުވުމުގައި ބައިވެރި ގައުމުތަކުގެ ވެރިންނަށް ކުޑަ ބޮލު ރިހުމަކަށް ނުވެ ނުދާނެއެވެ.
ޖަރުމަނުގައި ބޭއްވުނު ބައްދަލުކުރުމުގެ މަގްސަދަކީ ބައިވެރިންގެ މެދުގައި މުއާހަދާއެއް ވަކި ދިދައެއް ނެތި މެދުއިރުމަތީގައި މުޅިން އާ ސަފްހާތަކެއް ލިއުމުގެ އެދުންވެރިކަމެވެ. އާންމު އަލިކަމުގެ ތެރެއަށް ނިކުތުމުގެ ހިތްވަރުނެތި ހިޔަނީގައި ތިބެގެން ހަރަކާތްތެރިވުމަށް އުފައްދާފައިވާ އެލައިއެންސެކޭ ބުނެވިދާނެއެވެ. މި އެއްބަސްވުމުގެ ސަބަބުން މެދުއިރުމައްޗަށް ހަމަޖެހުމެއް ގެނެސް ދީފާނެތޯ ނުވަތަ އިތުރަށް ނުރައްކާތެރި ހާލަތަކަށް ސަރަހައްދު ބަދަލުވެގެންދާނީތޯ ކުރިއަށްއޮތް 90 ދުވަހުގެތެރޭގައި އެނގިގެންދާނެއެވެ.
މި ބައްދަލުކުރުމުގެ ނިންމުންތަކަށް އީރާނުން ދޭނެ ރައްދަކީ މެދުއިރުމަތީގައި ކުރިއަށްއޮތް ދުވަސްތަކުގެ ހާލަތު ފައިސަލާކުރާނެ މިންގަނޑު ކަމުގައި ވެގެންދާނެއެވެ.
އެމެރިކާ ސިފައިންގެ އިންޓެލިޖެންސް އޮފިސަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ޔޫ އެން ގައި ހަތިޔާރު އިންސްޕެކްޓަރެއްގެ ވަޒީފާގައިވެސް މަސައްކަތްކޮށްފައިވާ ސްކޮޓް ރިޓަރގެ ރިޕޯރޓް
އީރާނުގެ އެއާރ ޑިފެންސުން އަނެއްކާވެސް އެމެރިކާ މިލިޓްރީ ގެ އަގުބޮޑު އެމް ކިޔޫ-1 މަރުކާގެ ޑްރޯނެއް ހޮރްމުޒް ކަނޑުއޮޅީގެ ސަރަހައްދުން ވައްޓާލައިފިއެވެ. މިއީ މިހާތަނަށް އީރާނުން ވައްޓާލި އެމެރިކާ މިލިޓްރީގެ އެމް ކިޔޫ-1 މަރުކާގެ 3 ވަނަ ޑްރޯން ކަމަށް އަލްޖަޒީރާގެ ޚަބަރުގައި ބުނެފައިވެއެވެ. ޑްރޯން ވައްޓާލިކަމަށް އީރާނުން ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެމް ކިޔޫ-1 މަރުކާގެ ޑްރޯނެއްގެ އަގަކީ ގާތްގަނޑަކަށް 4.5 މިލިއަން ޑޮލަރ އެވެ.
ދުވަހަކުވެސް ހަމަލާއެއްގެ ޝިކާރައަކަށް ނުވާނެކަމުގެ ޔަގީން ކަމާއެކު އިސްރާއީލުގެ އިސް މިލިޓްރީ ވެރިންނަށް ބިނާކޮށްދީފައިވާ ޚާއްސަ ބިންގަރާހުގެ ރައްކާތެރިކަމުގައި ތިއްބާ އީރާނުންދިން މިސައިލް ހަމަލާއެއްގައި އިސްރާއީލުގެ އެންމެ އިސް 7 ޖެނެރަލުން މަރާލައިފިއެވެ. އީރާނުގެ ފައްތާހު-2 މަރުކާގެ މިސައިލް ހުއްޓުވަން 10 އިންޓަރސެޕްޓަރ އިސްރާއީލުން އުދުއްސާލިއެވެ. އެކަމަކު ހަމަ އެންމެ އިންޓަރސެޕްޓަރަކުންވެސް ކާމިޔާބެއް ނުކުރެވުނެވެ. އީރާނުގެ ޕްރޮޕަގެންޑާކަމަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ފާޑުކިޔަމުން ގެންދިޔަ އީރާނުގެ މިސައިލް އޭގެބާރު ދުވެލީގައި ޕްރޮގްރާމް ކުރެވިފައިވާ އަމާޒަށް ވާސިލުވެ މިޝަން ނިންމާލީއެވެ. މެދުއިރުމަތީގައި ހުރި އެންމެ ކުރިއަރާފައިވާ އެއާރ ޑިފެންސް ނިޒާމަށް ކުރެވުނު ހަމަ އެއްކަމެއްވެސް ނެތެވެ. ހަމަލާގެ ދުންގަނޑު މަދުވުމުން ބަލާލިއިރު އިސްރާއީލުގެ އެންމެ އިސް 7 ޖެނެރަލުން ތިބީ މަރުވެފައެވެ. އެއީ ހަނގުރާމައިގެ މައިދާނުން ފެންނާނެ މަންޒަރެއް ނޫނެވެ. އެއީ ވަރަށް މޮޅަށް ރޭވިފައިވާ ހަނގުރާމައިގެ ސްޓްރާޓިޖިކް ބިންހެލުމެއް ތަންފީޒުކުރެވިގެން ދިއުމެކެވެ. އެއީ އެތައް އަހަރަކުއްސުރެން މިލިޓްރީ ރޭވުންތެރިން ބިރުވެރިކަމެއްގައި ތިބި ދުވަހެއް ލޮލުގެ ކުރިމަތީގައި ނިއުޅިގެން ދިއުމެކެވެ.
އީރާނުން މިސައިލް ތަރައްގީ ކުރުމަކީ އަހަރުތަކަކަށް ދެމިގެންދާ މަޝްރޫއެކެވެ. އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުން ގައުމު ރައްކާތެރި ކުރެވޭނީ މިލިޓްރީ ބާރުވެރިކަން ލިބެގެންކަން އެނގިތިބެ ހުޅަނގުގެ ފިއްތުން ތަކާއެކުގައިވެސް ހާސިލު ކުރަމުން ދިޔަ ކާމިޔާބީ ތަކެކެވެ.
![]()
