ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ދަރިވަރުން މިއަދު ދަސްވެނިވެއްޖެއެވެ.
މިކަމަށްޓަކައި ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ.
2026 ޖޫން 8ން 19 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި ރާއްޖޭގެ 115 ރަށަކަށް ނިސްބަތްވާ 352 ދަރިވަރުން ބައިވެރިވިއެވެ. އޭގެތެރެއިން 341 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެއީ 62 އަންހެން ދަރިވަރުންނާއި 279 ފިރިހެން ދަރިވަރުންނެވެ.
14 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުން ދަސްވެނިވި ދަރިވަރުން ވަނީ ސެޓިފިކެޓް 3 އިން ސިވިކް އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް ހާސިލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، އޮނަރަބްލް ޤީލާ ޢަލީއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ދަރިވަރުންގެ ޢާއިލާތަކުގެ މެންބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެރިވިއެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގ ޕްރޮގްރާމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ކަންކަމާމެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި ރައްޔިތެއް ބިނާކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ޚިޔާލުފުޅާއެކު ކުރިއަށްގެންދާ ޓްރޭނިންގ ޕްރޮގްރާމެކެވެ.
![]()
