ހިމަބިހި ނައްތާލުމަށް ކުރާ މަސައްކަތުގައި، މިއަހަރުގެ މާޗްމަހާހަމަޔަށްވެސް ބޮޑެތި ކާމިޔާބީ ތަކެއް ހޯދަމުން އައި ބަންގްލާދޭޝްގައި މިވަގުތު ވަރަށް ބާރަށް އެބަލި ފެތުރެމުން ދާކަމަށް ޚަބަރު ލިބެއެވެ. ރިކޯޑްތަކުން ދައްކާގޮތުގައި ފާއިތުވި ހަތަރު މަހެއްހާ ދުވަހުގެތެރޭ އެގައުމުގެ އެއްލައްކަ ވިހިހާހެއްހާ ކުޑަކުދިންނާއި މީހުންނަށް ބަލިޖެހިފައި ވެއެވެ.
ބައެއް ޑޮކްޓަރުން ފާހަގަ ކޮށްފައިވާ ގޮތުގައި މިހާ ބޮޑު ”އައުޓްބްރޭކް“ އެއް، ނުވަތަ ބައްޔެއް ބާރަށް ފެތުރެމުންދާ ހާލަތެއް އެމީހުންނަށް މީގެ ކުރިން ފެނިފައެއް ނުވެއެވެ.
މީގެ ކުރިން ޑަބްލިއުއެޗްއޯއިންވެސް ވަނީ ހިމަބިހި ނައްތާލުމުގެ މަސައްކަތުގައި ބަންގްލާދޭޝްއިން ފާހަގަކޮށްލެވޭފަދަ ކުރިއެރުމެއްހޯދާފައިވާކަން ފާހަގަ ކޮށްފައެވެ.މިގޮތުން އެގައުމުގެ ވެކްސިނޭޝަން ރޭޓް ވަނީ 90 އިންސައްތައިގައިކަން ފާހަގަ ކޮށްފައި ވެއެވެ.ނަމަވެސް މިހާސިލް ކުރެވުނު ލަނޑުދަނޑި ވަނީ ދެތިން މަސްދުވަހުގެތެރޭ ނެތިގޮސްފައެވެ.
ސަރުކާރުގެ ރިކޯޑްތައް ދައްކާގޮތުން މާރޗް މަހުން ފެށިގެން މިހާތަނަށް މިބަލީގައި ބަންގްލާދޭޝްގައި 750 ކުދިންނާއި މީހުން މަރުވެފައި ވެއެވެ. ފަސޭހައިން ގައިންގަޔަށް އަރާ ހިމަބިހި އަރަނީ ނޭވާލާއިރުއާއި ކެއްސާއިރު އަދި ކިނބިހި އަޅާއިރު ހަށިގަނޑުން ބޭރުވާފެން ނުވަތަ ތެތްކަން ދެވަނަ މީހެއްގެ ހަށިގަނޑަށް ފޯރުމުންނެވެ.
މަރުވި މީހުންގެ އަދަދެއްކަމަށް ހިމަނާފައިވަނީ ބަލިކަން ޔަގީންވާ މީހުންނާއި އަދި ޝައްކުވާ މީހުން ކަމަށް ވެއެވެ. ޔުނިސެފުން ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު މިއަށް ވުރެވެސް މަތިވާނެ ކަމަށް ބެލެވެއެވެ.އެގޮތަށް ގަބޫލުކުރެވެނީ ސިއްހީ ނިޒާމަށް ނުތަކާހާ ބާރަށް ބަލިފެތުރެމުން ދިއުމާއި އަދި ދުރު ތަންތަނުން ޑާޓާ އެއްކުރުމަށް ހުރި ދަތި ތަކުގެ ސަބަބުން ކަމަށް ޔުނިސެފުން ބުނެފައި ވެއެވެ.
އެއްހޮސްޕިޓަލްގައި ހިމަބިހީގެ ބަލިމީހުންނަށް ޚާއްސަކޮށްފައިވާ ކޮޓަރިތަކާއި ވޯޑްތައް ފުރިގެން ބަލި ކުދިންނާއި މީހުން ހޯލްވޭގައި ރަޖާއަޅައިގެންވެސް ބެލެނިވެރިންނާއި ކުދިން ތިބިތަން ފެނިފައިވާ ކަމަށް ބީބީސީ ގެ ރިޕޯޓްގައި ބުނެފައި ވެއެވެ.
މިހާވަރަށް ހިމަބިހި ފެތުރެން ދިމާވީ ކީއްވެ؟
ޔުނިސެފްގެ ތަރުޖަމާން ފާހަގަކޮށްފައިވާ ގޮތުގައި ބަންގްލާދޭޝްގައި އެވަރަށް ހިމަބިހި ފެތުރެން ދިމާވި އެތައް ސަބަބު ތަކަކާ ހެދިއެވެ. ފުރަތަމަ އަދި މައިގަނޑު ސަބަބެއްކަމަށް އޭނާފާހަގަކުރީ ވެކްސިކްގެ އައުސްޓޮކް ހޯދުމަށް އޯޑަރު ދިނުން ހުއްޓާލުން ނުވަތަ މާބޮޑަށް ލަސްވުމެވެ.
2024 ވަނަ އަހަރު، އޭރުއޮތް ޝޭޚް ހަސީނާގެ ސަރުކާރާ ދެކޮޅަށް ކިޔަވާކުދިން ނިކުމެ ކުރި ވަރުގަދަ މުޒާހަރާތަކާއި ގުޅިގެން އެގައުމު އޮތީ ވަރަށް ބޮޑު ސިޔާސީ ހަލަބޮލި ކަމެއްގެ ތެރޭގައެވެ.އަދި ސަރުކާރުވެއްޓި ދެން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި މުހަންމަދު ޔޫނުސްގެ ސަރުކާރުން ވަނީ ވެކްސިންއަށް އޯޑަރު ދިނުން ފަސްކުރައްވާފައި ކަމަށް ވެއެވެ.އަދި ވެކްސިން ގަތުމަށް ފައިސާހޯދާ ގޮތް ބަދަލުކޮށް،އޭނަ އިޚްތިޔާރު ކުރެއްވި އައު ވެންޑަރުންނާ އެކަން ހާވާލުކުރުން ފަދަ ކަންތައް ތަކެއް ހިނގާފައި ވެއެވެ.
ވެކްސިން ޕްރޮގްރާމްތައް އެގޮތަށް މެދުކަނޑާލުމުން މިއަދު މިފެންނަ ހާލަތަކަށް ހިނގައިދާނެ ކަމަށް ޔުނިސެފުން އޭރުވެސް ކަންބޮޑުވުން ފާޅުކުރި ކަމަށް ތަރުޖަމާން ބުނެފައި ވެއެވެ.
ބަންގްލާދޭޝްގައި ކުރިޔަށް ގެންދިޔަ ހިމަބިހި ވެކްސިނޭޝަން ޕްރޮގްރާމް މެދުކެނޑެން ދިމާވި އެހެން ސަބަބު ތަކުގެ ތެރޭގައި ކޮވިޑް ޕެންޑަމިކް ކުރިމަތިވެ ގަވާއިދުން ދެމުން އައި ވެކްސިންތައް މަޑުޖައްސާލާ ކޮވިޑްވެކްސިން ދިނުމަށް އިސްކަން ދޭން ޖެހުމާއި އީދުތެރޭގައި މާބޮޑަށް ބައިބޯކޮށް ދަތުރު ފަތުރު ކުރުން ހިމެނެއެވެ.
ދުނިޔޭގެ އެހެން ބައެއްބައުމުތަކުގައިވެސް މިދުވަސްކޮޅު ހިމަބިހި ދަނީ ފެތުރެމުންނެވެ. އިގިރޭސިވިލާތަކީވެސް ކުރިން ހިމަބިހި ފިލުވާލެވިފައިވާ ގައުމެއްކަން އިއުލާން ކޮށްފައި ވީނަމަވެސް ބަލިފެތުރެންފަށާފައި ވުމާއި އެކު މިހާރުވަނީ އެކަން ބަދަލުވެފައެވެ.އެމެރިކާގައިވެސް ކުރިން ހިމަބިހި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި އޮތްނަމަވެސް މިހާރު އެމެރިކާގައިވެސް ހިމަބިހި ފެތުރެމުން ދާކަމަށް ޚަބަރު ލިބެއެވެ.
ބަލި ނައްތާލުމަށް އާބާދީގެ 95 އިންސައްތަ މީހުންނަށް ވެކްސިން ދޭންޖެހޭ ކަމަށް ވެއެވެ.
ރާއްޖޭގައިވެސް މިވަގުތު ހިމަބިހި ފެތުރެމުން ދާކަމީ ވަރަށް ދެރަވެ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ބަލިކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ އިތުރުން އެންމެންވެސް ފަރުދީ ޒިންމާވެސް އަދާކުރުން ވަރަށް މުހިންމެވެ.
![]()
