ފްރާންސުން އެބޯލާބަލީގެ ފުރަތަމަ ކޭސް ފެނިއްޖެ

Loading

Facebook
Twitter
WhatsApp

އެފްރިކާގެ ބައެއް ގައުމު ތަކުގައި މިހާރު ބާރަށް ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ބަލީގެ ފުރަތަމަ ކޭސް ފްރާންސުން ފެނިއްޖެ ކަމަށް ޚަބަރު ލިބެއެވެ. ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހިންގުނު ހިއުމެނިޓޭރިއަން މިޝަން އެއްގައި މަސައްކަތް ކުރުމަށްފަހު ގައުމަށް ދިޔަ ޑޮކްޓަރެއް ކަމަށް ވެއެވެ.


ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ފްރާންސްގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޑޮކްޓަރު މަސައްކަތް ކުރީ ބާރަށް ވައިރަސް ފެތުރެމުންދާ ސަރަހައްދެއްގައެވެ. އަދި އޭނާ ބައްޔަށް ޕޮޒިޓިވް ވުމަށްފަހު ޚާއްސަ ފެސިލިޓީ އެއްގައި ވަނީ އެޑްމިޓް ކޮށްފައި ކަމަށާ އޭނާގެ ހާލަތު ސްޓޭބަލް ކަމަށް ބުނެފައި ވެއެވެ. ފްރާންސުން ބަލި ފެނުނު ނަމަވެސް އާންމުންގެ ތެރެޔަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ބަލިވި މީހާއާއި ބައްދަލް ވި މީހުންވެސް ހޯދާ އެމީހުންވެސް 21 ދުވަސްވަންދެން އެކަހެރިވާން އެންގޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
އެބޯލާ ބަލި ފެތުރެމުން ދާކަން މިފަހަރު ފުރަތަމަ އިއުލާން ކޮށްފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން މިދިޔަމަހުއެވެ.ސިއްހީ މާހިރުން ގަބޫލު ކުރާގޮތުގައި އޭގެ އެތައްހަފްތާއެއް ކުރިން ފެށިގެން ވެސް ބަލި ފެތުރެމުން އައިސްފައިވުން އެކަށީގެންވެއެވެ.އެގައުމުން މިހާތަނަށް ހާހެއްހާ މީހުންނަށް އެބޯލާ ބަލި ޖެހިފައިވާއިރު ބަލީގައި މިހާތަނަށް 260އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވެއެވެ.
ފްރާންސުން ބަލި ފެނުމާއި އެކު މިއީ ޔޫރަޕްގެ ގައުމަކުން ބަލިފެނުނު ފުރަތަމަ ފަހަރެވެ. އޭގެ ކުރިން ބަލި ޖެހުނު އެމެރިކާ މީހަކަށް ވަނީ ޖަރުމަނުގެ ހޮސްޕިޓަލެއްގައި ފަރުވާދީފައެވެ.
ޑިމޮކްރެޓިކް ރިޕްބްލިކް އޮފް ކޮންގޯ ގެ އަވަށްޓެރި ޔުގެންޑާ ގައިވެސް ދަނީ އެބޯލާ ފެތުރެމުންނެވެ.އެގައުމުގައި 20 މީހުންނަށް ބަލި ޖެހިފައިވާއިރު މިހާތަނަށް ދެމީހުން ބަލީގައި މަރުވެފައި ވެއެވެ.
ޑަބްލިއު އެޗް އޯއިން މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން ބަލިޖެހުނު 75 ސިއްހީ މަސައްކަތްތެރިންގެ ތެރެއިން 17 މީހުން ވަނީ މަރުވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް