ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ވެނެޒުއެލާގެ ވެރިރަށް ކަރާކަސްގެ ހުޅަނގަށް ބާރުގަދަ 2ބިންހެލުން އައިސް، ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި، މަދުވެގެން 32 މީހުން މަރުވެއްޖެ އެވެ. މިހާދިސާގައި އިތުރު އެތައް ސަތޭކަ ބަޔަކަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. އަދި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ދަނީ ބެލެމުންނެވެ.
އެމެރިކާގެ ޖިޔޮލޮޖިކަލް ސާވޭއިން ހާމަކުރި ގޮތުގައި ފުރަތަމަ އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ބިމުގެ 22 ކިލޯމީޓަރު އަޑިން،ރިކްޓަރ މިންގަނޑުން 7.2 ގައެވެ. އަދި، އޭގެ މިނެޓެއް ވެސް ނުވަނީސް، ބިމުގެ 10 ކިލޯމީޓަރު އަޑިން ، 7.5 ގެ ބާރުމިނުގައި ދެވަނަ ލޮޅުން އައެވެ. މިއީ ފާއިތުވި ސަތޭކަވަރަށް އަހަރުތެރޭވެސް އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ވެއެވެ. ބިން ހެލުމުގެ ލޮޅުންތައް އެއްހާސް ކިލޯމީޓަރު ދުރުގައިވާ ކޮލޮމްބިޔާ ގެ ވެރިރަށް ބޮގޮޓާ އާއި ހަމަޔަށް ވެސް ފޯރާފައިވާ ކަމަށް ވެއެވެ.
ވެނެޒުއެލާ ގަޑިން ރޭ އިރު އޮއްސި ހަގަޑި ހަތަރެއް އެހާއިރު ބިންހެލުން އައިސް އިމާރާތްތައް ވެއްޓުމާއި ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ ބާރަށް ފަށާފައެވެ.
ވެނެޒުއެލާ ގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭސް ވަނީ ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރައްވާފައެވެ. އަދި އެއާޕޯޓް ތައް ބަންދުކޮށް އަދި ރޭލު އަދި އެހެންވެސް ދަތުރު ފަތުރު މެދުކަނޑާލާފައިވާކަން ވަނީ އިއުލާން ކޮށްފައެވެ.
ވެނެޒުއެލާގެ ވެރިރަށް ކަރާކަސް އަކީ ފަސްމިލިއަން މީހުންގެ އާބާދީ އެއް އޮންނަ ގައުމަކަށް ވާއިރު ބިންހެލުގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރ ވެގެން ދާނެ ކަމަށް ވަނީ ބެލެވިފައެވެ.
ބިންހެލުން އައީ ގައުމީ މުނާސަބަތެއް ފާހަގަ ކުރުމަށް ސަރުކާރު ބަންދު ކޮށްފައިވާ ދުވަހެއްގައި ކަމުން ގިނަ ބަޔަކު ތިބީ ގޭގައި ކަމަށްވެއެވެ. އެހެން ކަމުން ވެއްޓުނު އިމާރާތް ތަކުގެ ދަށުން ގިނަބަޔަކު ދިރިތިއްބާ ދަނީ ފެނި، ސަލާމަތް ކުރަމުންނެވެ.
މި ހާދިސާއާއި ގުޅިގެން ވެނެޒުއެލާގެ އެންމެ ބޮޑު އެއާޕޯޓަށް ވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ. އަދި، ސްކޫލް ތައް ބަންދުކޮށްފައިވާއިރު، ހަސްފަތާލުތަކުގެ މުވައްޒަފުންގެ އަދަދު އިތުރު ކުރުމަށް ވަނީ މަސައްކަތް ފަށާފައެވެ. ނަމަވެސް، ބިންހެލުމާ ގުޅިގެން ވެނެޒުއެލާގެ އިޤުތިޞާދުގެ މައިގަނޑު ތެލުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ކަރަންޓުގެ ޚިދުމަތް ދިގު މުއްދަތަކަށް މެދުކެނޑިއްޖެނަމަ، ސާފުނުކުރާ ތެޔޮ އުފައްދާ މިންވަރަށް ބަދަލު އަތުވެދާނެކަމަށް ޚަބަރުތައް ބުނެއެވެ.
ބިންހެލުމާ ގުޅިގެން ޕުއެޓެރީކޯއާއި ވަރޖިން އައިލެންޑްސް ފަދަ ބައެއް ގައުމު ތަކަށް ނެރުނު ސުނާމީގެ އިންޒާރު، ގަޑިއެއްހާއިރު ފަހުން ވަނީ ވީއްލާފައެވެ.
ވެނެޒުއެލާއަކީ ކެރީބިޔަން އަދި ސައުތު އެމެރިކަން ޕްލޭޓް ބައްދަލުވާ، ބިންހެލުންތައް ގިނަ ސަރަޙައްދެއްގައި އޮންނަ ޤައުމެކެވެ. މީގެ ކުރިން 1812 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމެއްގައި އެ ޤައުމުގެ ކަރާކަސް އާއި އެހެން ހިސާބުތަކުން 30،000 އެއްހާ މީހުން މަރުވެފައިވެއެވެ.
މިފަހަރުގެ ބިންހެލުމުގައި މަރުވާ މީހުހްގެ އަދަދު ދިހަ ހާހަށް އެރުމުގެ 36 އިންސައްތަ ފުރުސަތު އެބައޮތް ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާރަވޭއިން ބުނެފައި ވެއެވެ.އަދި އެއްލައްކަ ޔަށް އެރުމުގެވެސް ސާޅީސް އިންސައްތަ ފުރުސަތު އެބައޮތްކަމަށް ބުނެފައި ވެއެވެ.
![]()
