ދުވަސްވަރަކީ ދެވަނަ ސާސްކަފުގެ ފުރަތަަމަ ދަހަރުގެ މެދުތެރެއެވެ. އަހަރެން އޭރު އުޅެނީ ރަށު ސްކޫލުގައެވެ. އެ ދުވަސްވަރުގެ ގިނަ ސްކޫލްތައް ފަދައިން އަހަރެމެން ރަށު ސްކޫލުގައިވެސް ވަރަށް ބޮޑު ހުސް ޖާގަ އޮވެއެވެ. މުޅި ސްކޫލަށް ހިޔާ އަޅާވަރުގެ ބިޔަ ގަސްތައް އެތަނުގައި ހުރެއެވެ. ރަށުގެ އެންމެ ބޮޑު ނިކަގަސްވެސް ހުންނަނީ ސްކޫލުގެ އިމުގެ ތެރޭގައެވެ.
ހުސް ބިމުގައި ބަށި ކޯޓަކާއި ވޮލީ ކޯޓެއް އަޅާފައި އޮވެއެވެ. ސްކޫލުގެ ކުޅިވަރު މުބާރާތްތަކަށް ފަރިތަކުރަން އޭރު ބޭރުތެރެއަށް ނުކުންނާކަށް ނުޖެހެއެވެ. ސްކޫލްތެރޭން މި ހުރިހާ ކަމެއް ހަމަޖެހެއެވެ.
އެ ދުވަސްވަރަކީ މާ ގިނަ ކުޅިވަރުތަކެއް އޮންނަ ދުވަސްވަރެއް ނޫނެވެ. އެހެންކަމުން ކުޅިވަރު ކޯޓުތައް އޮންނަނީ ސްކޫލް ކުދިން ފޫހިފިލުވާލަން އައިސް ކުޅެލެވޭގޮތަށެވެ. އަހަރެންނާއި އަހަރެންގެ ކުލާހު ކުދިންވެސް ބައިހަދާފައި ކޮންމެ ދުވަހަކު ކުޅެން ދަމެވެ. އަސުރުން ފައިބައިގެން ދާގޮތަށް ގެއަށް އަންނަނީ އިރުއޮއްސެން ޖެހީމައެވެ.
ކުޅިވަރު ކޯޓުތަކާ ދިމާއިން ސްކޫލުގެ އިންފާރު ހުންނަނީ ދާގަނޑު ދަމާފައެވެ. ބޭރުގައި ތިބޭ މީހުންނަށް ފަސޭހައިން ކުޅިބެލޭހެންނެވެ. ހަވީރު ފޫހި ފިލުވާލަން ނުކުމެ އުޅޭ މީހުންވެސް އެތަނުގައި އައިސް ތިބެއެވެ.
އަހަރެމެން ރަށް ބޮޑު ނަމަވެސް އާބާދީ ވަރަށް މަދެވެ. އެންމެންވެސް އެކަކު އަނެކަކު ރަނގަޅަށް ދަނެއެވެ. ބީރައްޓެއްސަކު އެރިއަސް ދެތިން ދުވަހެއް ވާއިރު އެންމެންނަށް އެމީހަކު ހުންނާނީ ފެނިދެނިވެފައެވެ.
އަހަރެމެން ކުޅެން ދިޔަ ދުވަހެކެވެ. ފޯރީގައި އަހަރެމެން ކުޅެމުންދިޔައިމެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ދާގަނޑު ބޭރުގައި ބަލަން ހުރި މީހެކެވެ. ރަށު މީހެއް ނޫނެވެ. ރަށުތެރޭން ފެނުނުވެސް މީހެއް ނޫނެވެ. އޭނާ ހުރީ ކަޅުކުލައިގެ ހެދުމެއް ލައިގެން ދިގު އިސްތަށިގަނޑު ނިއުޅާލައިގެންނެވެ. ޒާތެއްގެ ނުބައި ފާޑަކަށް ހެވިފައެވެ. ދާގަނޑުތެރެއަށް އަތް މަހާލައިގެން ހުރިއިރު ހީވަނީ ”މޭގަނޑު ނަގާ ކާލަފާނަމޭ“ ބުނާހެންނެވެ. ކައިރީގައި ހުރީ ޒީނާއަށް ސިއްރުން ގޮވާލާފައި އެމީހާ ދައްކާލީމެވެ. ހަމަ ހިލާ ފެންނަ ކަމަކަށް ނުހެދިއެވެ.
”ކަލެއަކަށް ނުފެންނާނެ އެކައްޗެއްވެސް.“ އަހަރެން ގާތަށް އައީ ފާޑެއްގެ ރުޅިއެކެވެ.
އަހަރެންވެސް ކުޅުމަށް ސަމާލުކަން ދެވޭތޯ ބެލީމެވެ. ފަހުން ބަލައިލިއިރު އެމީހާއެއް ނެތެވެ. ކައިރި ހިސާބަކުންވެސް ފެންނާކަށް ނެތެވެ. ކުޅެން ތިބިއިރު ވަގުތު ވަރަށް ދިގުހެން ހީވިއެވެ. ބައި ބަހައިގެން ތިން ބުރަށް ކުޅުނުއިރުވެސް އިރުއޮއްސޭކަށް ނުޖަހައެވެ.
ހަތަރުވަނަ ބުރަށް އަހަރެމެން ގޮވަން އަރާ ތިއްބާ އިވުނީ މަޣުރިބަށް ގޮވިއަޑެވެ. ކުއްލިއަކަށް މުޅި ތަން އަނދިރިވެއްޖެއެވެ. ގަޑި ބަލައިލިއިރު ހަގަޑި ބައިވަނީއެވެ. އަހަރެމެން ބިރުން ހަޅޭއްފަޅޭއް ޖަހަމުން އެކުއްޖެއްގެ ގެއާ ދިމާއަށް އެކުއްޖަކު ދުއްވައިގަތީމެވެ.
އިސާހިތަކު ހުރިހާ ކުދިންވެސް ލޯމަތިން ގެއްލިއްޖެއެވެ. އަހަރެންވެސް ބާރުލާފައި ދުވަނީއެވެ. އެކަމަކު އެއްގޮތަކަށްވެސް ކުރިއަށް ދެވޭހެނެއް ހިއެއްނުވެއެވެ. ހީވަނީ ދުވާ މަގެއްގައި އިދިކޮޅަށް ދުވެވޭހެނެވެ. ކުރިއަށް ނުދެވޭހެން ބަނދެފައި ހުރިހެންނެވެ. އަހަރެން ފަހަތަށް އެނބުރިލީމެވެ. އެއާއެކު ފެނުނީ އެއްކަލަ މީހާ އަހަރެންގެ ފަހަތުގައި ހުއްޓައެވެ.
(ނުނިމޭ)
![]()
