އޮސްޓްރޭލިޔާގައި ބިމު އަޑީގައި ހަދާފައިވާ ބަންކަރެއްގައި ފޮރުވާފައި ހުރި 2.7 ޓަނުގެ ކޮކެއިން ފުލުހުން އަތުލައިގެންފިއެވެ.މިއީ އޮސްޓްރޭއިން މިހާތަނަށް ފުލުހުން އަތުލައިގަތް އެންމެ ގިނަ ޑްރަގް ކަމަށް ވެއެވެ.
މިދިޔަ ހުކުރު ދުވަހު ފުލުހުން އަތުލައިގަތް ޑްރަގްގެ މަގުމަތީ އަގު 816 މިލިއަން އޮސްޓްރޭލިޔާ ޑޮލަރަށް އަރައެވެ. 3 ޝިޕިންގ ކޮންޓެއިނަރުގައި ރައްކާކޮށްފައި ހުރި ޑްރަގް ފެނުނީ ”ފޯލްސް“ ތަޅުމެއް އަޅައި އޭގެ ދަށުގައި ފޮރުވާފައި ހުއްޓާ ކަމަށް ވެއެވެ.
މިއޮޕަރޭޝަންއާއި ގުޅިގެން 21 އަހަރާއި 25 އަހަރުގެ ދެފިރިހެނުން ވަނީ ހައްޔަރު ކޮށްފައެވެ.އެދެމީހުން އުޅުނީ ފުލުހުންނަށް ފިލަން ކަމަށް ވެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިޑްރަގަކީ އޯގަނައިޒްޑް ކްރައިމް ގްރޫޕަކުން އޮސްޓްރޭލިޔާއަށް އެތެރެކޮށް ރައްކާކޮށްފައިވާ ޑްރަގެވެ. ޑްރަގް އެރެކޮށްފައިވަނީ ނޯތު ކުއީންސްލަންޑްގެ ކުޑަ އަވަށެއްކަމުގައިވާ މިޖް ޕޮއިންޓް ތެރޭން ކަމަށް ވެއެވެ.
ހައްޔަރު ކުރިމީހުން ހޮނިހިރު ދުވަހު ކޯޓަށް ހާޒިރު ކޮށްފައިވާއިރު މިކަމުގައި ކުށް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ފުލުހުން ބުނި ގޮތުގައި ޑްރަގާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ފެއްޓީ މިޖް ޕޮއިންޓް ކިޔާ އަވަށާ ކައިރިން ކަނޑުތެރޭން 40 ކިލޯގެ ޑްރަގް އޮޔާދަނިކޮށް ފެނުނު ހާދިސާއާއި ގުޅިގެން ކަމުގައެވެ.މި އޮޕަރޭޝަން ގައި ކުއީންސްލަންޑާއި ނިއުސައުތުވޭލްސް އިން ހަމީހުން ވަނީ މިހާތަނަށް ހައްޔަރު ކޮށްފައެވެ.
ޑްރަގް ސްމަގްލިންގ އޮޕަރޭޝަން ގައި ބައިވެރިވާ ”މަދަރ ވެސަލް“ އެއް، ނުވަތަ މައި އުޅަދެއް ސޮލޮމަން އައިލަންޑް ކައިރީގައި އޮއްވާ ވަނީ ހިފަހައްޓާފައެވެ.
ޔުނިވަރސިޓީ އޮފް ނިއުސައުތު ވޭލްސް ގެ ޑްރަގް މޮނިތަޓަރިންގ ސިސްޓަމުން ހާމަ ކޮށްފައިވާގޮތުގައި އެހެން ގައުމު ތަކާއި ވަކިން އޮތް ނަމަވެސް އޮސްޓްރޭލިޔާ އަކީ ޑްރަގް ވިޔަފާރީގައި ބޮޑު މާރުކޭޓެކެވެ.އެގައުމުގައި އެއް ގްރާމް ޑްރަގް ވިއްކަނީ 300 އޮސްޓްރޭލިޔާ
ޑޮލަރަށް ކަމަށް ވެއެވެ.
އދގެ ވަރލްޑް ޑްރަގް ރިޕޯޓް ބުނާ ގޮތުން މުޅިދުނިޔޭގައިވެސް ކޮކެއިން ބޭނުންކުރާ ރޭޓް އެންމެ މަތީ އޮސްޓްރޭލިޔާ އަދި ނިއުޒިލަންޑްގައެވެ.
އޮސްޓްރޭލިޔާގެ ފެޑަރަލް ޕޮލިސް ކޮމާންޑަރ ސްޓެފަން ޖޭ ބުނި ގޮތުގައި ޑްރަގް އޮޕަރޭޝަން އާއި ކްރިމިނަލް ނެޓްވަރކް ހިންގަމުންދަނީ ވަރަށް ބޮޑަށް އިންތިޒާމް ވެގެން ކަމުގައެވެ.މިކަމާގުޅޭ ތަހުގީގުތައް ބައިނަލްއަގްވާމީ އަދި ޑޮމެސްޓިކް ”ލޯ އެންފޯސްމަންޓް ޕާޓްނަރުން“ ނާއި ގުޅިގެން މިކަމުގައި ބައިވެރިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމުގައެވެ.
![]()
