ވިހަ ސަމާސާ

Loading

June 15, 2026
profile
Facebook
Twitter
WhatsApp

އެއީ އޮނަވިހި ސަތޭކައިގެ މެދުތެރެއެވެ. އާދައިގެ މަތިން ކޮންމެ އަހަރަކުވެސް ދާ ސްކޫލް ޗުއްޓީ ދަތުރު އަހަރެމެން އާއިލާއާ އެކުގައި ދިޔައިމެވެ. ގެއަށް އައިސް އުޅޭ މާފަރު އިބްރާހީމުގެ ދަޢުވަތަކަށް، އޭނާގެ ރަށަށެވެ.

މަންމައާއި ބައްޕައާއި އަހަރެންނާއި، އެއްބަނޑު އެއްބަފާ ހުރިހާ ކުދިންގެ އިތުރުން އަހަރެންނާ ދެބެންގެ ދެދަރި ދެ ކުއްޖަކުވެސް މި ދަތުރުގައި އަހަރެމެންނާއެކު ދިޔައެވެ.

ރަށަށް ލެފުނީ އަސުރުން ތިރިވީފަހުންނެވެ. ރަށުގެ ފަސްގަނޑުގައި ފައި ޖެހުމާއެކު ކުރެވުނު އިހުސާސެއް ބުނެދޭންވެސް ނޭނގެއެވެ. މާލޭގެ ހަލަބޮލި، ހިރަފުސް މާހައުލުން ލިބިދީފައިވާ ބޯހާސްކަމާއި އުދާސްތައް އެ ރަށުގެ ފެހިކަން ގަދަ ގަސްތަކުގެ ތެރެއަށް އަރައިގެން ދިޔަކަހަލައެވެ.

އެރަށުގައި އަހަރެމެން ތިބޭގޮތަށް ހަމަޖެހިފައި އޮތީ އިބްރާހީމުގެ ގޭގައެވެ. ބޯޓުން ފޭބުނުއިރު އިބްރާހީމުގެ ޢާއިލާ އަހަރެމެންގެ އިސްތިޤުބާލުގައި ތިއްބެވެ. ބަރޯއަށް އަހަރެމެންގެ ސާމާނުތައް އަރުވައިގެން އެމީހުން ހިނގައިގަތުމުން އަހަރެމެންވެސް ފަހަތުން ހިގައިގަތީމެވެ.

އިބްރާހީމުގެ ގޯއްޗަކީ ފިސާރި ބޮޑު ގޯއްޗެކެވެ. ހަތަރު ކޮޓަރިއާއި ބޮޑު ފެންޑާއެއްގެ އިތުރުން ކާގެއެއް ހުރެފައިމެ އެހާ ބޮޑު ހުސް ތަން ގޯތީގައި އޮވެއެވެ. އެކި ފާޑުފާޑުގެ މޭވާއާއި ތަރުކާރީ އަޅާ ގަސްތައް އެތަނުގައި ހައްދާފައި ހުއްޓެވެ.

”ތި ތަނުން ފޭރެއް ބިނދެލައިގެން ކާލަބަލަ! ތީ ރަންގު ފޭރު. ނިކަން މީރުވާނެ.“ އަހަރެން ފޭރު ގަހަށް ބަލަހައްޓައިގެން ހުއްޓާ އިބްރާހީމުގެ މަންމަ ބުންޏެވެ.

”މިއޮތީ މިއަދު ހަވީރު ބިން އަތައެއްވެސް. މިކަހަލަ އެއްޗެއް ތާޒާކޮށް ކާލަން ލިބޭނީ ތިހެން އާދެވޭ ފަހަރަކު.“ އެއީ އިބްރާހީމުގެ ބައްޕައެވެ.

އަހަރެމެން އައުމުން އެގޭ އެންމެން ތިބީ ވަރަށް އުފަލުންނެވެ. އަހަރެމެންގެ ޚިދުމަތުގައެވެ. އަހަރެމެންނަށް މެހެމާންދާރީ އަދާކުރީ އެމީހުންނަށް ކޮށްދެވޭނެ އެންމެ މަތީ ފެންވަރުގައެވެ.

އެގޭގައި މަންމައާއެކު ހުރިހާ އަންހެން ކުދިން ތިބީ އެއް ކޮޓަރީގައެވެ. އަނެއް ކޮޓަރީގައި ފިރިހެންވެރިންނެވެ.

ރަށްފުށުގައި އޮންނަ އުސޫލަކީ މާއިރާ ނިދާފައި ފަތިހު ހޭލައިގެން މަސައްކަތް ފެށުމެވެ. އެގޮތުން އަހަރެމެންވެސް އެރޭ ކައިގެން ވަރަށް އަވަހަށް ނިދައިފީމެވެ.

ހެދުނު ރަނގަޅަށް އިރު ނާރަނީސް އެކި ދިމަދިމާއިން މީހުން އަންނަން ފެށިއެވެ. އަހަރެމެން ދެކިލުމަށެވެ. އިބްރާހީމުގެ ދެފަރާތުގެ ޢާއިލާއެވެ. ގާތް ރައްޓެހިންނެވެ.

އަވައްޓެރި ގޭގޭގެ މީހުންނެވެ. އަހަރެމެންނަށް އިހުސާސްވީ އަހަރެމެންނަކީ ޝާހީ އާއިލާއެއްގެ ބަޔަކުހެންނެވެ. އެމީހުން އަހަރެމެންނާމެދު ހިތީ އެހާވެސް ޤަދަރުވެރިކޮށެވެ.

ވާނީވެސް އެހެންތާއެވެ. ހުރިހާވެސް ކަމަކީ އަހަރެންގެ މައިންބަފައިން އިބްރާހީމާއި އޭނާގެ ޢާއިލާއަށް ހެޔޮކޮށް ހިތި ހިތުމެވެ. އިބްރާހީމު މާލެއަށް ފައިބާ ހުންނައިރު އޭނާއެކޭ ދަރިއެކޭ ތަފާތެއް ނުކުރެއެވެ. އޭނާގެ ޢާއިލާ މީހަކު މާލެ ދިޔަސް ހުންނާނީ އަހަރެމެންގެ ގޭގައެވެ.

ހެނދުނު ސައިބޮއެގެން ރަށުތެރެ ބަލައިލަން ނުކުތީމެވެ. އިބްރާހީމުގެ ކޮއްކޮމެންނާ އެކުގައެވެ. ވަލުތެރެއާއި އަތިރިމައްޗާއި އެހެންވެސް ތަންތަން ބަލައިލަން ދިޔައިމެވެ.

ރަށުގެ ތުނޑީކޮޅަށް ގޮސް އުޅެލާފައި ރަށުތެރެއަށް އަރަން އައީ ވަލުމަގުންލައިފައެވެ. އޭރު ވަލުހޮވަން އުޅުނު ދެތިން މީހަކާ ދިމާވިއެވެ. ތަންކޮޅަކަށް ދިޔަތަނާ އިލޮށި މަށަން އިން އަންހެނަކު ފެނުނެވެ. އެއީ އެރަށު އައިންތައެވެ. އައިންތަ އިސްވެ އަހަރެމެންނަށް ގޮވާލިއެވެ. ކޮން ބައެއްތޯ އޮޅުންފިލުވިއެވެ.

އައިންތައާ ވާހަކަދައްކަން ތިބުމަށްފަހު އަހަރެމެން ހިނގައިގަތުމުން އިބްރާހީމުގެ ކޮއްކޮ އާދަނު އަހަރެންގެ ކަންފަތްދޮށުގައި ސިއްރެއް ބުންޏެވެ. ވާހަކައިގެ ގޮތުން އަހަރެމެން ދެ މީހުން ގާތަށް އައީ ލާނެތް ހިންޏެކެވެ. ޕަކަޕަކަލާފައި އަހަރެމެން ހީގަތީމެވެ.

(ނުނިމޭ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް