އިންޑިޔާގެ ބިހާރުގައި ހުރި 132ފޫޓު އުސް މޮބައިލް ފޯން ޓަވަރެއް ވަގަށް ނެގުމާއި ގުޅިގެން ފުލުހުން މައްސަލަ ބަލަމުން ދާކަމަށް ޚަބަރު ލިބެއެވެ. ބިހާރުގެ ބޫޒަރު ޑިސްޓްރިކްޓްގައި ހިނގާފައިވާ މިވައްކަމުގައި 15 ކޭވީއޭ ޖެނަރޭޓަރަކާއި ޓަވަރާގުޅޭ ޓެލެކޮމް އިކްއިޕްމަންޓް ތަކެއްވެސް ވަގަށް ނަގާފައިވާ ކަމަށް ވެއެވެ.
އެތައް އަހަރެއް ވަންދެން އެއްތަނެއްގައި ހުރި ޓަވަރު ވަގަށް ނެގިކަންވެސް ނޭގި ގެއްލިފައި ވުމުން އެޑިސްޓްރިކްޓްގެ އާންމުންނާއި އަދި އިދާރާތަކުން ހައިރާންކަން ފާޅުކުރަމުން ދާކަމަށް ވެއެވެ. ޓަވަރު ހުރި ތަނުގައި ނެތްކަން އެގުނީ މަރާމާތުގެ މަސައްކަތް ތަކެއް ކުރަން ދެކުންފުންޏަކުން އެހިސާބަށް ޓެކްނީޝަނުން ގޮސް ބެލި ބެލުމުން ކަމަށް ވެއެވެ.އޭގެ ކުރިން އެޓަވަރު ހުރީ ބޭނުން ނުކޮށް ކަމަށް ވެއެވެ.
ޓަވަރު ބަހައްޓާފައި ހުރި ބިމުގެ ވެރިފަރާތުން ބުނެފައިވާ ގޮތުގައި ޓަވަރު ބެހެއްޓީ 2010 ވަނަ އަހަރު ވެވުނު 12 އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.އަދި 2022 ވަނަ އަހަރު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ބިމު ކުލި ލިބެމުން ނުދާކަމަށް އެފަރާތުން ބުނެފައި ވެއެވެ.ބިމުގެ ވެރިފަރާތުން ބުނެފައިވާ ގޮތުގައި ހަތަރު ފަހަރެއްގެ މަތިން ނޯޓިސް ފޮނުވާ ހެދުމުންވެސް ނަތީޖާ ފެނިފައެއް ނުވެއެވެ.
އެހިސާބުގައި ދިރިއުޅޭ މީހުންނަށްވެސް ނޭނގި އެފަދަ އުސް ޓަވަރެއް ނަގައިގެން ގެންދިޔަ ގޮތަކާމެދު ގިނަބަޔަކު ދަނީ ހައިރާންކަން ފާޅު ކުރަމުންނެވެ.
![]()
