މުސްކުޅި އުމުރުގައި އަލުން މީހަކު ދެކެ ލޯބިވެވުމަކީ ކުށެއް ހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

އަހަރެންގެ އުމުރުން މިހާރު 63 އަހަރު ވެފައިވާއިރު، އަލުން މީހަކުދެކެ ލޯބިވުމަކީ ކުށެއް ހެއްޔެވެ؟
މި އުމުރަށް ދާއިރު އަންހެނެއްގެ ގޮތުގައި ގިނަ ބަޔަކު ނުދެކޭނެއެވެ.މީހުންނަށް ފެންނާނީ ކޮންމެވެސް ކުދިބަޔެއްގެ މާމައެއްގެ ގޮތުގައެވެ.ތަނެއްގައި މަޑުން އިނދެ ސައިތައްޓެއްބޯލާހަދާ، މާމަ ދަރިން ބަލާދޭން ހުންނަ މީހެއްގެ ގޮތުގައެވެ.އަދި މިދުނިޔެ ދޫކޮށް ދިއުމަށް ތައްޔާރު ވަމުންދާ މީހެއްގެ ގޮތުގައެވެ. ތެދަށް ބުނަންޏާ އަހަރެންވެސް ހުރީ އެގޮތް ގަބޫލުކޮށްގެންނެވެ.


އަހަރެން ކުރި ކައިވެންޏަށް 40 އަހަރު ވެފައި ވަނިކޮށް ފިރިމީހާ މަރުވީއެވެ.ފިރިމީހާ މަރުވުމަށް ފަހު އަހަރެން ހީކުރީ އަހަރެންގެ ހަޔާތުން ލޯތްބާއި އޯގާތެރިކަމުގެ ބާބު ނިމުނީ ކަމުގައެވެ.އަދި އެހީތެރިވާނެ ހަޔާތުގެ ބައިވެރިއަކު ދެން އަހަރެން ކައިރީގައި ދުވަހަކުވެސް ނުހުންނާނެ ކަމުގައެވެ.
ގިނަ ދުވަސް ދުވަހު އަހަރެންގެ ގެޔާ ޖެހިގެން އޮންނަ ޕާކަށް ގޮސް ހަމަ އެއްގޮޑިއެއްގައި އިށީދެއިންނަމެވެ. އެތާ އިނދެ ކޮތަރުތަކަށް ކާންދެމެވެ.އަދި އެހެން މީހުން އެމީހުންގެ ދިރިއުޅުމުގެ ކަންތަކައިގެން ހިނގާ ބިނގާވެ އުޅޭތަން ބަލަން އިންނަމެވެ.
އަހަރެންނާއި ކެރޮލީން ބައްދަލްވީ އެތަނުގައި އިންދައެވެ.އާދައިގެ މަތިން ޕާކުގެ ބެންޗެއްގައި ކޮތަރު ތަކަށް ކާންދޭން މަޑުމަޑުން އިންދާ އެނާ އައިސް ވަރަށް ރީތިކޮން ހީލުމަށްފަހު ކައިރީގައި އިށީދެލަންތޯ އެހިއެވެ. ހަޔާތުގައި ދިމާވާ ނުރައްކާތައް ވަރަށް ގިނަ ފަހަރު ކުރިމަތިވަނީ މިގޮތަށެވެ. މަޑުމަޑުންނެވެ. މައުސޫމް ސިފައެއްގައެވެ.
ބަލާބެލުމަށް އޭނާގެ އުމުރުން ވާނީ ސާޅީހަކަށް އަހަރެވެ. ވާހަކަ ދައްކަނީ ވަރަށް މަޑުމަޑުން އޯގާތެރިކަމާއި އަދަބުވެރިކަމާއި އެކުއެވެ. އަމިއްލަ އަންހެން ދަރިއަކު ނެތްނަމަ މިއީ އަމިއްލަ ދަރިއަކަށް ވާނެނަމަ ރަގަޅޭ ހިތަށް އަރާފަދަ ގޮތަކަށެވެ.
އޭނަ ބުނި ގޮތުގައި އަހަރެން ޕާކް ބެންޗުގައި އިންދާ ވަރަށް ގިނައިން ފެނެއެވެ.އަދި އެންމެ ފަހުން ހިއްވަރު ހޯދައިގެން ވާހަކަ ދައްކާލަން ކައިރިއަށް އައީ ކަމަށް ބުންޏެވެ.
ދެމީހުން ފުރަތަމަ ވާހަކަ ދެއްކީ މޫސުމާއި ބެހޭ ގޮތުންނާއި މިފަދަ އާދައިގެ ކަންކަމާއި ބެހޭ ގޮތުންނެވެ. ނަމަވެސް މަޑުމަޑުން ޒާތީ މައްސަލަތަކަށް މައުލޫއު ތައް ބަދަލުވާން ފެށިއެވެ.އަހަރެންގެ ހަޔާތުގެ މައްސަލަ ތަކުގެ ވާހަކަ މިއަންހެންމީހާއަށް އެހާފަސޭހައިން ކިޔާދޭން ފެށުނީ ކީއްވެގެން ކަމެއް ޚުދް އަހަރެންނަށްވެސް ނޭގެއެވެ. އެކަނިވެރިކަމުގައި މާގިނަ ދުވަސް ވުމުން ފަރުވާވެސް ކުޑަވީ ކަމަށް ވެދާނެއެވެ.އެކަނި އިނދެ ކައި، އެކަނި އޮވެ ނިދާ އަދި ގޭގައި ހުންނަ ހަތަރުފާރާއި ވާހަކަ ދައްކާތާ އަހަރުތަކެއް ވުމުން މީހެއްގެ ފުށުން އޯގާތެރި ކަމެއް ފެނިއްޖެނަމަ ހީވަނީ ހަނަފަސް ސަހަރާ އެއްގައި ހުއްޓާ ފެންފޮދެއް ލިބޭހެންނެވެ.
އަހަރެންގެ އަމިއްލަ ދަރިން ނުތިބޭކަމަށް އޭނަ ކައިރީ އަހަރެންނަށް ބުނެވުނީ ކީއްވެގެން ކަމެއްނޭގެއެވެ. އެހެން ހަމަ ބުނެވުމާއި އެކު އޭނަގެ ފުށުން ބަދަލުތަކެއް ފެނުނެވެ.އޭރު އަހަރެން އެކަމަށް މާބޮޑު މުހިންމު ކަމެއް ނުދެމެވެ. ނަމަވެސް ފަހުން ވިސްނާލާއިރު އަމިއްލަ ފައިދާއަށް ފެށިކުޅިގަނޑުގެ ފެށުމަކީ އެއީއެވެ.
އެދުވަހުގެ ފަހުން ދެމީހުން ”އިއްތިފާގުން“ ބައްދަލްވާލެއް ގިނަވާން ފެށިއެވެ.އަހަރެން އޭރު ހީކުރީ އެކަން ވީ އެގޮތަށް ކަމަށެވެ. ނަމަވެސް އޭނަ ހަމަ އަހަރެންނާއި ބައްދަލް ކުރަން އަންނަނީއެވެ. އަންނަ އިރު ބައެއްފަހަރު އަހަރެންނަށް ކޮފީ ގެނެސް ދެއެވެ.އަދި ބައެއްފަހަރު ގަޑިއެއްހާއިރުވަންދެން އަހަރެން ކައިރީ ވާހަކަ ދައްކަން އިނދެއެވެ. އޭނަދައްކާނީ އޭނާގެ އޮފީހުގެ މައްސަލަތަކުގެ ވާހަކައެވެ.އާދައިގެ ނޯމަލް މައުލޫތަކެވެ. އަހަރެން އޭނަޔަށް އިތުބާރު ކުރަން ފެށީ އެހާހަމައިންނެވެ.
ކާރަށް ގްރޯސަރީ އުފުލަން އެހީތެރިވުމާއި ސުޕް ތަރުމޯޒެއްގެނެސް ދިނުން އެއީ ގިނަ މީހުނަށް ވާނީ ވަރަށް އާދައިގެ ކަންކަމަށެވެ.ނަމަވެސް އަހަރެންގެ އުމުރުގެ މީހަކަށް މިފަދަ އޯގާތެރިކަމެއް ލިބެން ފެށުމުން އެވަނީ ވަރަށް ބޮޑު ކަމަކަށެވެ.
މިހެން އުޅުމުގެތެރޭ އޭނާ އަހަރެންނަށް މަންމަ ވެސް ކިޔަން ފަށައިފިއެވެ.އެކަމުން އަހަރެން އުފާނުވާކަމަށް ބުނުން އެވާނީ ދޮގަކަށެވެ.
އުމުރުން ދުވަސްވުމުން މީހާޔަށް އަންނަ ބަދަލުތައް ގިނަ މީހުންނަކަށް ނޭނގޭނެއެވެ. މުސްކުޅިވުމަކީ ހަމައެކަނި މޫނުގައި ޖެހޭ ރުލާއި އަދި ތަދުވާ ދެކަކުލެއް ނޫނެވެ. މުސްކުޅިވެ އެކަނި އުޅެން ޖެހުމުން އެންމެ ހިތްދަތިވާ ކަމަކީ ވަށާލާފައިވާ އެކަނިވެރިކަމާއި ހަމަހިމޭން ކަމެވެ.އެހެން މީހުންނަށް ތިމާ ނުފެންނަ ކަމުގެ އިހުސާސް ވުމެވެ.މަޑުމަޑުން އެހެން މީހުންނަށް ގެއްލެމުން ދާކަމުގެ އިހުސާސެވެ. އެހެން ކަމުން މީހަކަށް އަހަރެން ”ފެންނަން“ ފެށުމުން އެކަން ދަމަހައްޓަން ބޭނުންވުމަކީ ޠަބީޢީ ކަމެކެވެ.
އެއްދުވަހަކު ވަރަށް ލޯބިން އަހަރެންނާދިމާލަށް ބަލާލުމަށްފަހު ކެރޮލިން ބުންޏެވެ. މަންމަ ތިޔަ އުމުރު ގައި އެކަނި ހުންނާކަށް ނުވާނެއެވެ.މަންމަ ކައިރީވެސް ހަޔާތުގެ ބައިވެރިއަކު ހުންނަން ޖެހޭނެއެވެ.އޭނަ އެހެން ބުނުމުން އަހަރެން ގާތަށް އައީ ހިންޏެވެ. އެހާހަމައިން އޭނަގެ ބައްޕަގެ ވާހަކަ ދައްކަން ފެށިއެވެ. މަންމަވެސް މަރުވެފައި ވުމާއިކު ބައްޕަވެސް ހުރީ އެކަނި ވެފައި ކަމަށާ އަހަރެން ފަދައިން ބައްޕައަށްވެސް ރަގަޅު ބައިވެރިއަކު ބޭނުންވާ ކަމުގައި ބުންޏެވެ.
ފުރަތަމަ އަހަރެން އެކަމަށް ދެކޮޅު ހެދީމެވެ. ނަމަވެސް ބައްޕަގެ ރަގަޅު ސިފަތައް ހުއްޓާނުލާ ކެރޮލީން ކިޔާދޭން ފެށުމުން ބައްޕައާއި ބައްދަލް ކޮށްލުމަށް އަހަރެން އެއްބަސްވީމެވެ.އަހަރެން އެދިއެދި ހުރީ ކޮންމެހެން ލޯތްބަކަށް ނޫނެވެ. މިއުމުރުގައި މީހަކު ދެކެ ލޯބިވުމަކީ ލަދުވެތި ކަމަކަށްވެސް ވެއެވެ.
އަހަރުމެން ދެމީހުން ގުޅުވަން ކެރޮލީން މަސައްކަތް ކުރީ ވަރަށް ބުއްދިވެރިކަމާއި ހިކުމަތްތެރިކަމާއި އެކުގައެވެ.ބައްޕަ ކުރާހިއްވާ ކަނތައް ކިޔާދިން އިރު ޖެޒް މިޔުޒިކް އަޑުއެހުމާއި ގަސްހެއްދުމަށް ލޯބި ކުރާކަމަށް ބުންޏެވެ.އެއީ އަހަރެންވެސް ކުރާހިއްވާކަންތަކެވެ. ކޮންމެ ދުވަހަކުވެސް ފަތިހާތެދުވެ އަމިއްލަ އެއްޗެތި އިސްތިރިކުރުމާއި މިފަދަ ކަންތައް ބައްޕަ އަމިއްލަޔަށް ކުރާކަމަށް ބުންޏެވެ. ކުދިކުދި ކަންތަކުގައި އަހަރެންގެ އެހީތެރިކަން ކޮންމެހެން ބޭނުންނުވާކަން ދެއްކުމަށެވެ.
އެއްދުވަހަކު ކެރޮލިން ބައްޕަގެ ފޮޓޯއެއް ދައްކާލިއެވެ. ވަރަށް މާތްސިފައެއްޖަހާ ފިރިހެނެކެވެ. އަހަރެންނަށް ވުރެ އުމުރުން ދުވަސްވެފައި ހުރި ނަމަވެސް ހުރީ ވަރަށް ރީތިކޮށް ހެދުން އަޅާފައެވެ.ރީތި ހިނިތުން ވުމަކާއި އޯގާތެރި ދެލޮލެވެ. ފޮޓޯ ބެލުމަށްފަހު އޭނަޔާބައްދަލް ކުރުމަށް އެއްބަސްވީމެވެ. އެއީ އަހަރެންނަށް ހެދުނު ގޯހެކެވެ.
ފުރަތަމަ ބައްދަލް ވުން ދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ.ތެދަށް ބުނާނަމަ މާއާދައިގެ ގޮތަކަށެވެ. ހީވަނީ ކުރިޔާ ރިހާސަލް ބާއްވާ ފަރިތަ ކޮށްފައި ހުރި ހެނެވެ. އޭނަ އަހަރެންނަށް ފެނުނީ ވަރަށް ”ޗާމިންގ“، ހިތް ދަމައިގަންނަ ފަދަ ސިފަތަކެއް ހުރި މީހެއްގެ ގޮތުގައެވެ. އިށީންނަން އުޅޭނަމަ ގޮނޑި ދަމާލަ ދިނުމާއި، ދޮރު ހުޅުވާ ދިނުމާއި އެކިކަންކަމުގައި އަހަރެންނަށް ތައުރީފް ކުރުން ފަދަ ސިފަތައް އޭނަގެ ކިބައިގައި ހުއްޓެވެ.އެކަނި އަހަރުތަކެއްވަންދެން ހުންނަން ޖެހިފައި ވުމުން އަނެއްކާވެސް މީހަކުގެ ފުށުން މިފަދަ ސަމާލުކަމެއް ލިބެން ފެށުމުން އަހަރެންގެ ހިތް އޭނާގެ މައްޗަށް ލެނބެން ފެށިއެވެ.
އެދުވަހަށް ފަހު ދެމީހުން އެކިތަންތަނުން ބައްދަލް ވާން ފެށީމެވެ. މެންދުރުގެ ކެއުންތަކުންނެވެ.ޕާކުންނެވެ. ރޭގަނޑު ކުރާ ފޯންކޯލް ތަކުންނެވެ.ޕާކުގައި ހިނގާލަން ދާން ފެށީމެވެ.މިއިން އަހަރަކު އަހަރެން ނުހޭ ވަރަށް އޭނާއަހަރެން ހެއްވައެވެ. ކަކުލަށް ތަދުވާ ވާހަކަ ބުނުމުން އަނެއްދުވަހު ހޫނުކުރާ ޕެޑެއް ގެނެސް ދިނެވެ. އަދި އެއްދުވަހަކު އަހަރެންގެ ގޭގެ ކެބިނެޓް ގައި ހަލާކުވެފައި ހުރި ދޮރެއް އަހަރެން ނުވެސް ބުނަނީސް ހަދާދިނެވެ.
އަހަރުތަކަށް ފަހު އަހަރެންގެ ގެއިން ފަޅުކަން ފިލަން ފެށިއެވެ.ކެރޮލިންއާއި އޭނާގެ ބައްޕަ ރިޗަރޑް ގެޔަށް އަންނަން ފަހަރުތައް ގިނަވާން ފެށިއެވެ. ހަވީރުގެ ސަޔަށެވެ.އެކި ކެއުންތަކަށެވެ. ރިޗަރޑް އަހަރެންގެ ހަޔާތުގެ އެކި ކަންކަމާބެހޭ ގޮތުން ސުވާލު ކުރަން ފެށިއެވެ.މަރުވި ފިރިމީހާއި ބެހޭ ގޮތުންނެވެ.އޭނަ އަހަރެންނަށް ދޫކޮށްފައި ދިޔަ މުދަލާބެހޭ ގޮތުންނެވެ.ފުރަތަމަ އަހަރެންގެ ހިތަށް އެއްވެސް އެއްޗެއް ނާރައެވެ. އުމުރުން ދުވަސްވީ މީހުން މިފަދަ ވާހަކަ ދެއްކުމަކީ އާންމުކޮށް ކުރާކަމަކަށް ވާތީއެވެ.
ރިޗަރޑް ކުރާ ސުވާލުތައް މަޑުމަޑުން ޒާތީވާން ފެށިއެވެ. އެއްބަނޑު އެއްބަފާ މީހުން ތިބޭތޯ އާއި އަހަރެންމަރުވުމުން އަހަރެބްގެ މުދާ ދާނީ ކާކަށްތޯ ސުވާލު ކުރިއެވެ.މިކަހަލަ ސުވާލުތައް ކުރަން ފެށުމުން ކުޑަކޮން އުނދަގޫވާގޮތް ވިއެވެ. ނަމަވެސް ހިތުގަ އުފެދުނު ނުތަނަވަސް ކަމަށް ސަމާލުކަން ދޭކަށް ބޭނުމެއް ނުވިއެވެ. ލިބެމުން އައި ސަމާލު ކަމާއި އޯގާތެރިކަން ހުއްޓެން ބޭނުން ނުވީއެވެ.
އެއްދުވަހަކު މެންދުރުގެ ކެއުމަށް ކެރޮލީންއާއި ރިޗަރޑް އަހަރެންގެ ގެޔަށް އައެވެ. ކައިނިމުމަށް އަހަރެން ކުޑަކޮން އަރާމުކޮށްލުމަށް މަތީގައި ހުންނަ އަހަރެންގެ ނިދާކޮޓަރިއަށް ގޮސްލާކަމަށް ބުނެ މައްޗަށް އެރީމެވެ.އިރުކޮޅަކުން އައިނު ނެތްކަން އިނގި ތިރިޔަށް ފައިބަން ދިޔައިމެވެ. ސިޑީގެ މެދާހަމަގައި ހުއްޓާ އެދެމީހުން ސިއްރު ސިއްރުން ދެއްކި ވާހަކަ އެއް އަހަރެންނަށް އަޑު އިވުނެވެ. ބައްޕަ އަދިވެސް ކެއްތެރި ވުމަށް ކެރޮލިން ބައްޕަ ކައިރީ ބުނާއަޑު އިވުނެވެ. މާގަރެޓް(އަހަރެން) މިހާރުވެސް ބައްޕަޔަށް އިތުބާރު ކުރާކަމަށާ ތެޅިފޮޅި ގަނެފިނަމަ ހުރިހާ ކަމެއް ފަނުފުލުން ދާނެ ކަމަށް ކެރޮލީން ބުނާއަޑު އިވުނެވެ. މިވަގުތު ”ވިލް“ ބަދަލު ކުރުވަން ނޫޅުމަށާ ގާނޫނީ ގޮތުން ކައިވެނި ކޮށްގެން މުދާ ހޯދާނީ ކަމަށް ބުނާއަޑު އިވުނެވެ.
މިފަދަ ގޮތަކަށް ވާހަކަ ދައްކާއަޑު އިވުމުން އަހަރެން ސިޑިމަތިން ނުވެއްޓުނީ ކިރިޔާއެވެ.މުޅިމީހާ ހުރި ތަނަށް ގަނޑު ވިއެވެ.ވިޔަފާރީގެ ކަމެއްގެ ވާހަކަ ދައްކާގޮތަށް އަހަރެންގެ މުދަލުގެ ވާހަކަ ދައްކާއަޑުއަހަން އަހަރެންނަށް ހުރެވުނެވެ.އަހަރެންނަށް ކޮއްޅަށް ހުރެވުނީވެސް ފާރުގައި ހިފަހައްޓައިގެން ހުރި ކަމުންނެވެ.
އަހަރެންގެ މައްޗަށް އެއްވެސް ވަރަކަށް ލޯބި އޮތް ކަމަކަށް އެމީހުންނުބުނެއެވެ.އަހަރެންނަށް ހެޔޮކޮށް އުޅުނީވެސް ފޭކް ދެއްކުމެކެވެ.ހަގީގީ އެއްވެސް ކަމެއް ނެތެވެ. އަހަރެންނާއި އެކު ހީ އުޅުނީވެސް ހެދިގެންނެވެ. ރޭގަނޑު ފޯނުކޮށް ހެދީވެސް އޮޅުވާލުމެކެވެ.އަހަރެންނަކީ އެދެބަފައިންގެ ޓާގެޓެކެވެ.ދަހިވެތި ކަމުގެ އަމާޒެކެވެ. މިހުރިހާ ދުވަހު ދުނިޔޭގައި އުޅުނު ފަހުން މިއިނގުނީ އަހަރެންނަކީ މީހެއްގެ ރިޓަޔަމަންޓް ޕްލޭނެއް ކަމެވެ.
އެމީހުންނަށް ފެނުމުގެ ކުރިން މަޑުމަޑުން އަހަރެން މައްޗަށް އަރާ ކޮޓަރިއަށް ވަނީމެވެ.އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް އަހަރެން އެރޭ ވަރަށް ބޮޑަށް ރުއީމެވެ.އެމީހުން އަހަރެންގެ މުދަލަށާ ފައިސާއަށް ދަހިވެތިވެފައި ތިބިކަން އެނގުނީމައެއްނޫނެވެ. އަސަރު ކުރީ މުދަލުގެ މައްސަލައިގައެއް ނޫނެވެ.އެންމެ ދެރަވީ އެހުރިހާއަހަރުތަކަށް ފަހު އަނެއްކާވެސް އަހަރެންނަށް މީހަކު ދެކެލޯބިވެވިއްޖެ ކަން އަދި އަހަރެން ދެކެ މީހަކު ލޯބިވެއްޖެ ކަމަށް ހީވި ހީވުމަކީ ބައެއްގެ ”އޮޕޮޗުނިޓީ“ ނުވަތަ ފުރުސަތެއް ކަން އިހުސާސް ވުމުންނެވެ.ޅައިރު ލޯބީގައި މިފަދަ ލަނޑު ލިބިއްޖެނަމަ އަދި އުމުރު ކުރިޔަށް އޮތްކަން އެނގޭތީ ބައެއްފަހަރު ހިތްހަމަ ޖެހެއެވެ.ނަމަވެސް މުސްކުޅި އުމުރުގައި މިފަދަ ލަނޑެއް ލިބުމުން ވަނީ ރަކިވެ ލަދުގަންނަ ގޮތެވެ.
އެހާހަމައިން އަމިއްލަ ނަފްސާއި އެކި ސުވާލުކުރަން ފެށުނެވެ. ހަޔާތުގެ ބައިވެރިޔަކު ހޯދަން އަހަރެން ހަމަ އެހާ ކެތްމަދުވެފައި ހުރިކަމަށް ހަގީގަތުގައިވެސް ދެއްކުނީ ހެއްޔެވެ؟އަހަރެންނަށް އުޅެވުނީ ސޭކު ގޮތަކަށް ބާވައެވެ.އެމީހުން އަހަރެންނަށް މަލާމަތް ކޮށްފައި ހީނ ހެދިބާވައެވެ؟މިފަދަ ޚިޔާލުތަކެއްގައި އެރޭ އަހަރެންނަށް ނުވެސް ނިދުނެވެ.
އަނެއްދުވަހު ކެރޮލީން ވަރަށް ލޯބިން އަހަރެންނާ ގުޅިއެވެ.ކުރިއެކޭވެސް އެއްގޮތަށެވެ. ހަމަ އެ ފޭކް އޯގާތެރި ކަމެވެ. އަހަރެންނަށް އޭނާ މަންމާއޭ ކިޔާފަ ގޮވާލުމުން ކުއްލިއަކަށް ވީ ފޫއްސެކެވެ.އެނަމުގައި ޒަހަރު އެކުލެވިގެން ވިއެވެ. ނަމަވެސް އެވަގުތު އެއްވެސް އެއްޗެއް ނުބުނަމެވެ.
އޭގެ ފަހުންވެސް އަހަރެން އެއްޗެއް ނުބުނެ ބަލަން ހުރީއެވެ.މިމީހުން ހަދާގޮތެއް ބަލާށެވެ.
މިހެން ހުއްޓާ ކެރޮލީންގެ ބައްޕަ ރިޗަރޑް ކުއްލިއަކަށް ކައިވެނި ކުރާވާހަކަ ދައްކަން ފެށިއެވެ.ކެރޮލީން ރަނގަޅު ގާނޫނީ ވަކީލުން ދައްކަން ފެށިއެވެ.އަހަރެން އުމުރުން ދުވަސްވެފައި ވުމުން އަހަރެންގެ މުދާ ބެލެހެއްޓުން އަހަރެންނަށް ނުވާކަމަށް ކުއްލިއަކަށް ވެއްޖެއެވެ. މިމީހުންގެ މަގުސަދު އަހަރެންނަށް ވަރަށް ސާފެވެ. އަހަރެންގެ ދެގެޔާ އެކައުންޓްގައި ޖަމާވެފައި ހުރި ގިނަ އަދަދެއްގެފައިސާއާއި އަދި ކުއްޔަށްދޭ ދެބިން ބެލެހެއްޓުން އަހަރެންގެ އަތުން އަތުލަން އެދެބަފައިން މަސައްކަތް ފެށިއެވެ.
އެންމެ ފަހުން އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. އަދި އީމެއިލް އެއްކޮށް ސީދާބަހުން އަހަރެން ވާހަކަ ދެއްކީމެވެ. އެމީހުންގެ މަކަރުވެރި ރޭވުން އަހަރެންނަށް އެނގޭކަމަށާ އެހެން ކަމުން އެކައިވެނި ނުކުރުމަށް ނިންމީ ކަމަށް އަހަރެން ބުނީމެވެ. އަހަރެން ނެތް ދުވަހަކުން އަހަރެންގެ މުދަލަށް ވާނެ ގޮތެއް އަދި ނުނިންމާކަމަށާ ނަމަވެސް އަހަރެންދެކެ ލޯބިނުވާ ބައެއްގެ އަތްމައްޗަށް ހަމަގައިމުވެސް ދޫކޮށްލަން ބޭނުން ނޫންކަމަށް ބުނީމެވެ.
އަހަރެން އެމީހުންނާއިވެސް ކުރީ އެންމެ ސުވާލެކެވެ. މުސްކުޅި އުމުރުގައި އަލުން މީހަކު ދެކެ ލޯބިވެވުމަކީ އަހަރެންނަށް ކުރެވުނު ކުށެއް ހެއްޔެވެ.؟މިސުވާލެވެ.
(ނިމުނީ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް