އިސްރާއީލުން ލުބުނާނުގެ ތާރީޚު ފޮހެލަނީ؟

Loading

Facebook
Twitter
WhatsApp

ލުބުނާނުގެ މުއްސަނދި ތާރީޚަށް އާ ނުރައްކަލެއް ކުރިމަތިވެފައި މިވަނީ، އެ ގައުމުގެ އެންމެ އަގުހުރި އާސާރީ އަދި ސަގާފީ ބިނާތަކުގެ ތެރެއިން ބައެއް ތަންތަން، ދެކުނުގައި އިސްރާއީލުން ފުޅާކުރަމުންދާ އަސްކަރީ ހަމަލާތަކުގެ ތެރޭގައި ތާށިވުމާ ގުޅިގެންނެވެ.މި ފަހަކަށް އައިސް މަސްރަހު އިތުރަށް ގޯސްވުމާ ގުޅިގެން ތާރީޚު އިލްމުވެރިންނާއި، އާސާރީ ދިރާސާވެރިން އަދި ސަގާފީ ތަންތަން ހިމާޔަތްކުރާ ޖަމާއަތްތަކުގެ މެދުގައި ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

އެއީ ނަބަޠިއްޔާ ސިޓީ ކައިރީގައި، ލުބުނާނުގެ ދެކުނު ފެންނަ ގޮތަށް ހުރި 900 އަހަރުވީ ބޯފޯޓް ކާސަލް އިސްރާއީލު ސިފައިން ހިފާފައިވާ ކަމަށް ރިޕޯޓްތައް ބުނުމާ ގުޅިގެންނެވެ. މި ކުރިއެރުން އައިސްފައިވަނީ އެތައް ދުވަހެއްގެ ވަރުގަދަ ހަނގުރާމައަށްފަހުގައެވެ. މިއީ ފާއިތުވި ދެ ދަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އިސްރާއީލުން ލުބުނާނުގެ އެންމެ އެތެރެއަށް އަސްކަރީ ގޮތުން ވަދެގަތް ފަހަރެވެ.ލިޓާނީ ކޯރުގެ މަތީގައި އުސްކޮށް ހުންނަ، އަދި އެ ސަރަހައްދުގައި ”ގަލްއަތުލް ޝަގީފް“ ގެ ނަމުން މަޝްހޫރުވެފައިވާ ބޯފޯޓް ކާސަލްއަކީ 12 ވަނަ ގަރުނުން ފެށިގެން އެ ސަރަހައްދު ބަލަހައްޓަމުންދާ ބިނާއެކެވެ. ގަރުނުތަކުގެ ތެރޭގައި މި ކިއްލާ ވަނީ އެކި ފަރާތްތަކުގެ ބާރުގެ ދަށަށް ގޮސްފައެވެ. އޭގެ ތެރޭގައި ކުރުސޭޑަރުންނާއި، އުސްމާނީ ޚިލާފަތުގެ ވެރިންނާއި، ފަލަސްތީނުގެ މުޖާހިދުންގެ އިތުރުން އިސްރާއީލު ސިފައިން ހިމެނެއެވެ. މިއީ އަދިވެސް ލުބުނާނުގެ ދެކުނުގައި ހުރި އެންމެ ފާހަގަކޮށްލެވޭ ތާރީޚީ ބިނާތަކުގެ ތެރެއިން އެކެކެވެ.ލުބުނާނަކީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ހަ ސައިޓެއްގެ އިތުރުން، އިންސާނީ ތާރީޚުގެ އެތައް ހާސް އަހަރެއް ރައްކާތެރިކޮށްދޭ އެތައް ސަގާފީ ބިނާތަކެއް ހުރި ގައުމެކެވެ. ކަމާބެހޭ ފަރާތްތަކުން ބިރުގަންނަނީ މީގެ ތެރެއިން ގިނަ ތަންތަނަށް މިހާރު ނުރައްކާ އޮތުމުންނެވެ.ސަގާފީ ވަޒީރު ޣައްސާން ސަލާމޭ އިންޒާރު ދެއްވި ގޮތުގައި، މިހާރު ކުރިއަށްދާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ތާރީޚީ ސޫރު ސިޓީ ހިމެނޭހެން އެތައް ތަރިކައަކަށް ވަނީ ”ބޮޑު ނުރައްކަލެއް“ ކުރިމަތިވެފައެވެ. ބައިރޫތުގެ ދެކުނުން ގާތްގަނޑަކަށް 83 ކިލޯމީޓަރު ދުރުގައި އޮންނަ ސޫރަކީ އެއްޒަމާނެއްގައި ފޮނީޝިއަން ހަޟާރާތުގެ އެންމެ މުހިންމު އެއް ސިޓީއެވެ. އަދި ފަހުން ގްރީކް، ރޯމަން އަދި ބައިޒަންޓައިން ވެރިކަމުގެ ދަށުގައި އެ ސިޓީ ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ.މި ސިޓީގައި ރޯމަން ޒަމާނުގެ ބޮޑެތި އާސާރުތައް ހުރެއެވެ. އޭގެ ތެރޭގައި ރޯމަން އެމްޕަޔަރ އިން ބިނާކުރި އެންމެ ބޮޑު އެއް ހިޕޮޑްރޯމް ނުވަތަ ”އަސް ރޭސް ޖަހާ ދަނޑު“ ހިމެނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި ފަހަކަށް އައިސް ދިން ބޮން އެޅުންތައް މި ތާރީޚީ ބިނާތަކާ ވަރަށް ކައިރިއަށް އަމާޒުވެފައިވުމުން، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެތީ ބިރުވެރިކަން ވަނީ އުފެދިފައެވެ.މި ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. އަންދާޒާ ކުރެވޭ ގޮތުގައި ސޫރާއި އެ ސަރަހައްދާ ކައިރި ރަށްތަކުން ގާތްގަނޑަކަށް 200,000 މީހުން ފިލައިގެން ގޮސްފައިވާއިރު، މުޅި ލުބުނާނުން އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައެވެ.ހިމާޔަތްކޮށްފައިވާ އެތައް ސައިޓެއް ހަނގުރާމައިގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ސައިދާ ކައިރީގައި ހުރި ފޮނީޝިއަނުންގެ ފަރުވާދޭ މަރުކަޒެއް ކަމަށްވާ ޓެމްޕަލް އޮފް އެޝްމުން، އާސާރީ ބަނދަރާއި މެދުޒަމާނުގެ ކިއްލާތަކަށް މަޝްހޫރު ސައިދާގެ ތާރީޚީ މަރުކަޒު، ރޯމަން އަދި ބައިޒަންޓައިން އަވަށެއްގެ ބާކީ ހުރި ބައިތައް ފެންނަން ހުރި ޝީމް އާސާރީ ސައިޓް، އަދި ހަސްބައްޔާގައި ހުރި ޝެހާބީ ސިޓަޑެލް ހިމެނެއެވެ.އެހެނިހެން މުހިންމު ބިނާތަކުގެ ތެރޭގައި، ފޮނީޝިއަނުންގެ ކުޅަދާނަ ރަސްކަލެއް ކަމަށްވާ ހައިރަމްއާ ގުޅުވޭ ގަބުރު ހައިރަމް މަގްބަރާއާއި، ތާރީޚުގެ ކުރީގެ ޒަމާންތަކަށް ނިސްބަތްވާ އިންސާނީ ހަރަކާތްތަކުގެ ހެކި ފެންނަން ހުރި ޝަވާކީރު އާސާރީ ސަރަހައްދު ހިމެނެއެވެ.ޔުނެސްކޯއިން ވަނީ ލުބުނާނުގެ އެތައް ސަގާފީ ސައިޓަކަށް ”އިތުރު ހިމާޔަތް“ ދީފައެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ދެވޭ އެންމެ މަތީ ދަރަޖައިގެ ގާނޫނީ ހިމާޔަތެވެ. ސަގާފީ މާހިރުން އިންޒާރު ދޭ ގޮތުގައި، ތަރިކަ ނައްތާލުމަކީ ހަމައެކަނި ފެންނަން ހުރި ބިނާތަކެއް ފޮހެލުމެއް ނޫނެވެ. އެއީ އަމިއްލަވަންތަކަމާއި، އިޖުތިމާއީ އެއްބައިވަންތަކަމާއި، އަދި ގައުމީ ހަނދާންތައް ބަލިކަށިކޮށްލާ ކަމެކެވެ.ހަނގުރާމަ ކުރިއަށްދާއިރު، އެތައް ހާސް އަހަރެއްވީ ލުބުނާނުގެ ތަހުޒީބުގެ އިއާދަނުކުރެވޭނެ ފަދަ މުހިންމު ބައިތަކެއް ގެއްލިދާނެކަމުގެ ބިރުވެރިކަން ދަނީ އިތުރުވަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް