އެމެރިކާގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމީ މަރުކަޒަކަށް ބަޔަކު ވަދެ ބަޑިން ހަމަލާދީ ތިން މީހަކު މަރާލައިފިއެވެ. ނަފްރަތުގެ ކުށެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާ މި ހާދިސާއާ ގުޅިގެން، އެމެރިކާގެ މުސްލިމް މުޖުތަމައުތަކަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. މި ހަމަލާ ދީފައިވަނީ ހޯމަ ދުވަހު، ސެން ޑިއޭގޯގެ މަޝްހޫރު އިސްލާމީ މަރުކަޒު ކަމަށްވާ ”އިސްލާމިކް ސެންޓަރ އޮފް ސެން ޑިއޭގޯ“ ގައެވެ.
މި މަރުކަޒަކީ މިސްކިތަކާއި ސްކޫލެއް ހިމެނޭ ތަނެކެވެ. ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، މި ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ބެލެވޭ އުމުރުން 17 އަހަރާއި 19 އަހަރުގެ ދެ ޒުވާނުން ފަހުން ފެނިފައިވަނީ އަމިއްލައަށް މަރުވެފައި އޮއްވައެވެ.ސެން ޑިއޭގޯގެ ޕޮލީސް ޗީފް ސްކޮޓް ވޯލް ވިދާޅުވި ގޮތުގައި، ތަހުގީގު ކުރިއަށްދާނީ މިއީ ނަފްރަތުގެ ސަބަބުން ދީފައިވާ ހަމަލާއެއްގެ ގޮތުގައި ބަލައިގެންނެވެ.ނޫސްވެރިންނާ ވާހަކަދައްކަވަމުން ވޯލް ވިދާޅުވީ، މަރުވި ތިން މީހުންނަކީ ވެސް ބޮޑެތި މީހުން ކަމަށާއި، ހާދިސާ ހިނގި ވަގުތު ސްކޫލް ތެރޭގައި ތިބި ކުދިންނަށް ޖިސްމާނީ އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެ މިސްކިތުގެ ސެކިއުރިޓީ ގާޑަކު ހިމެނެއެވެ. އޭނާއަކީ މި ހާދިސާ މިއަށްވުރެ ބޮޑު ކާރިސާއަކަށް ވިޔަ ނުދީ ހުއްޓުވުމުގައި އިސް ދައުރެއް އަދާކުރި މީހެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި އޭނާއަކީ އަޅުކަން ކުރަން ތިބި މީހުންނާއި ދަރިވަރުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަމިއްލަ ފުރާނަ ގުރުބާން ކުރި ބަތަލެއްގެ ގޮތުގައި ސިފަކޮށް، އިންޓަނެޓްގައި ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.ފުލުހުން ހާމަކުރި ގޮތުގައި، ހަމަލާ ދިނުމުގެ ގާތްގަނޑަކަށް ދެ ގަޑިއިރު ކުރިން ތުހުމަތު ކުރެވޭ އެކެއްގެ މަންމަ ވަނީ ފުލުހުންނަށް ގުޅައި، އޭނާގެ ދަރިފުޅު އަމިއްލައަށް މަރުވާން އުޅޭ ކަމަށާއި، ބައެއް ހަތިޔާރުތަކާއި އުޅަނދެއް ހިފައިގެން ގެއިން ގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. ތަހުގީގު ކުރާ ފަރާތްތަކުން މިހާރު ދަނީ މި ނުރައްކާތެރި ހަމަލާ ދިނުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.އެ މިސްކިތުގެ އިމާމް ތާހާ ހަސާނީ ވިދާޅުވި ގޮތުގައި، އެ މަރުކަޒަކީ ހުރިހާ ނަސްލެއްގެ މީހުން އެކުގައި ނަމާދުކޮށް، އުނގެނި، އަދި އުފާފާޅުކުރާ ސުލްހަވެރި ތަނެކެވެ. އަދި އަޅުކަންކުރާ ތަނަކަށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވަރަށް އަސަރާއެކު ވިދާޅުވިއެވެ.މި ހަމަލާ ދީފައިވަނީ އެމެރިކާގައި އިސްލާމްދީނާ ދެކޮޅު ވިސްނުންތައް (އިސްލާމޯފޯބިއާ) އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް އިންޓަނެޓާއި ސިޔާސީ މައިދާނުގައި މުސްލިމުންނާ ދެކޮޅު ވާހަކަތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެމެރިކާގެ ގިނަ ސިޔާސީ ފަރާތްތަކަކާއި އެކްޓިވިސްޓުން ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނިއު ޔޯކް ފަދަ ބޮޑެތި ސިޓީތަކުގެ މިސްކިތްތަކުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.ސެން ޑިއޭގޯގެ މޭޔަރު ޓޮޑް ގްލޯރިއާ ވިދާޅުވީ، އެ ސިޓީގައި ނަފްރަތަށް ޖާގައެއް ނެތް ކަމަށާއި، މުސްލިމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށާއި، މިއީ ވަރަށް ”ބިރުވެރި“ ހަމަލާއެއް ކަމަށެވެ.ކަމާބެހޭ ފަރާތްތަކުން އަދި މިހާތަނަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. އަދި ހާދިސާގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.
![]()
