ތައިވާން އަކީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއްކަމަށް އެގައުމުން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.
ތައިވާން އަކީ ޗައިނާގެ ދަށުގައިވާ ކޮލޮނީ އެއްކަމަށް ޗައިނާއިން ދައުވާ ކުރަމުންދާއިރު،ޗައިނާއަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތައިވާނުން މިނިވަންކަން އިއުލާން ކޮށްގެންނުވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.
އަދި ތައިވާން އަށް އެމެރިކާއިން ވިއްކާގޮތަށް އޮތް 11 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމާބެހޭގޮތުން އަދި ގޮތެއް ނުނިންމާކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ސެލްފް-ޑިފެންސް ނުވަތަ އަމިއްލަ ދިފާއުގައި ބޭނުންކުރާނެ ހަތިޔާރު ތައިވާން އަށް ފޯރުކޮށް ދިނުމަކީ ގާނޫނީ ގޮތުން އެމެރިކާގެ މައްޗަށް ލާޒިމް ކުރާ ކަމެއް ކަމަކަށް ވެއެވެ.ނަމަވެސް ޗައިނާއާއި އެކު އޮންނަ ގުޅުމަށް ބުރޫއަރާނެތީ މިކަން އެންމެ ފުރިހަމަޔަށް އެމެރިކާއަށް ނުކުރެވޭ ކަމަށް ވެއެވެ.
ތައިވާންގެ ރައީސް ލައި ޗިންގ ޓޭ ކުރިންވެސް ވިދާޅުވެފައިވަނީ ތައިވާން އަކީ އަމިއްލަ މިނިވަން ގައުމެއް ކަމަށް އެގައުމުން ދެކެމުން އަންނާތީ ރަސްމީކޮށް މިނިވަންކަން އިއުލާން ކުރުމުގެ ބޭނުމެއް އޮތްކަމަށް ދެކިވަޑައިނުގަންނާކަމުގައެވެ.
ހޮނިހިރު ދުވަހު ރައީސް ގެ ތަރުޖަމާން ބުނެފައިވާ ގޮތުގައި ތައިވާންގެ މިނިވަންކަން ”ސެލްފް އެވިޑަންޓް“ ކަމުގައެވެ.ނުވަތަ އެއީ އެންމެންނަށްވެސް ފެންނަން އޮތް ހަގީގަތެއް ކަމުގައެވެ.ހަމަ އެއާއެކުއެކީ ޗައިނާ އާއި ތައިވާން އާއި ދެމެދު އޮތް ގުޅުން މިހާރުވެސް އޮތް ގޮތަށް ތައިވާނުން ދަމަހައްޓާނެ ކަމަށް ބުނެފައިވެއެވެ.އެގޮތަކީ ޗައިނާގެ ކިބައިން މިނިވަންވެފައިވާކަން އިއުލާން ނުކުރުމާއި އެކު ޗައިގެ ދަށަށް ވެސް ނުގޮސް އޮތުމެވެ.
ތައިވާންގެ ގިނަ ރައްޔިތުންނަކީ ތައިވާން އަކީ ވަކި ގައުމެއް ކަމަށް ގަބޫލު ކުރާމީހުން ކަމަށް ވީނަމަވެސް ތައިވާން ޗައިނާގެ ދަށުގައި އޮތުމަށް ތާއީދު ކުރާބަޔަކުވެސް އެގައުމުގައި އެބަތިއްބެވެ.
މިކަމުގައި އެމެރިކާގެ ޕޮޒިޝަން އަކީ ތައިވާން އަކީ ވަކި ގައުމެއްގެ ގޮތުގައި ގަބޫލު ނުކުރުމެވެ.
ޗައިނާއަށް ކުރެއްވި ދަތުރު ފުޅުގައި ރައީސް ޝީޖިންގ ޕިން އާއި ބައްދަލް ކުރެއްވުމަށްފަހު ފޮކްސް ނިއުސް އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ތައިވާންއާއި މެދު އެމެރިކާއިން ގެންގުޅޭ ޕޮލިސީ ބަދަލު ނުވާ ކަމުގައެވެ. އަދި ރައީސް ޝީ ވެސް ތައިވާން އާމެދު ދެކިވަޑައިގަންނަވާ ގޮތް ބަދަލު ނުވާކަމަށާ މިނިވަންކަމާއި ދިމާއަށްދާ އެއްވެސް ހަރަކާތެއް ޝީ ބަލައި ނުގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ޗައިނާއިން ބުނަމުން އަންނަނީ ތައިވާން އަކީ މައިސަރުކާރުގެ ދަށުގައިވާ ޓެރިޓަރީ އެއްކަމަށާ ބޭނުން ވެއްޖެ ނަމަ ބާރުގެ ބޭނުންކޮށްގެންވެސް ތައިވާންގެ ކޮންޓްރޯލް ހޯދާނެ ކަމުގައެވެ.
![]()
