އެތައް މިލިއަން އަންހެނުންނަށް އޮޅިފައިވާ ބަލީގެ ނަމަށް ބަދަލެއް!

Loading

Facebook
Twitter
WhatsApp

އަހަރުތަކެއް ވަންދެން، ގުނާ އަދަދު ނުކުރެވޭހާ ގިނަ އަންހެނުން ކްލިނިކްތަކުން ނުކުމެގެން ދިޔައީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި، މާޔޫސްކަމާއި އެކުގައެވެ.

އެ މީހުންނަށް ދިމާވަމުންދިޔައީ މައްސަރުކަންތައް ގަވާއިދުން ނުވުމާއި، ކުއްލިއަކަށް ބަރުދަން އިތުރުވުމާއި، ފިލައިގެން ނުދާ ބޮޑެތި ބިހިތައް ނެގުމާއި، މޫނުގައި އިސްތިހާ ފެޅުމާއި، ބޯކޮޅުން އިސްތިރި ފޭބުމާއި، ދަރިމައިވުމުގެ ދަތިތަކާއި އަދި އަބަދު ވަރުބަލިވުން ފަދަ ކަންކަމެވެ. ނަމަވެސް، ގިނަ އަންހެނުންނަށް އިވެނީ އެއް ޖަވާބެކެވެ: ”ސްކޭން ރިޕޯޓް ނޯމަލް، އެހެންވީމާ ކަލޭގެ ގައިގައި ޕީ.ސީ.އޯ.އެސް އެއް ނެތް.“

މިހާރު ޑޮކްޓަރުން ބުނަމުންދަނީ މި މައްސަލަ ފެށިފައިވަނީ ބަލީގެ ނަމުން ކަމަށް ވެދާނެ ކަމަށެވެ.

ޒަމާނުއްސުރެ ”ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޯމް“ ނުވަތަ ޕީ.ސީ.އޯ.އެސް ގެ ނަމުން މަޝްހޫރުވެފައިވާ މި ބަލީގެ ނަން، މިހާރު ވަނީ ”ޕޮލިއެންޑޯކްރިން މެޓަބޮލިކް އޯވަރިއަން ސިންޑްރޯމް“ ނުވަތަ ޕީ.އެމް.އޯ.އެސް އަށް ބަދަލުކޮށްފައެވެ. މިއީ އެތައް އަހަރެއް ވަންދެން މި ބައްޔާ މެދު އޮތް ނުބައި ތަޞައްވަރުތަކާއި، ބަލި ދެނެގަތުމުގައި ހެދިފައިވާ ގޯސްތައް އިސްލާހުކުރުމަށް ކުރެވުނު ކަމެކެވެ. އަދި ތެދަށް ބުނާނަމަ، މިއީ ވަރަށް ބޮޑު ބަދަލެކެވެ.

ޕީ.ސީ.އޯ.އެސް ގައި ހިމެނޭ ”ސިސްޓް“ މި ލަފުޒުގެ ސަބަބުން ބަލިމީހުންނާއި ޑޮކްޓަރުންނަށް ވެސް އަހަރުތަކެއް ވަންދެން އޮޅުންތަކެއް އެރިއެވެ. ގިނަ އަންހެނުން ގަބޫލުކުރީ ބަލި ހުރިކަމަށް ނިންމޭނީ އޯވަރީގައި ހަގީގަތުގައި ވެސް ސިސްޓް ހުރެގެން ކަމަށެވެ. ނަމަވެސް މާހިރުން ބުނާ ގޮތުގައި ސްކޭންތަކުން ފެންނަ އެ ކުދި ތިކިތަކަކީ ހަގީގީ ސިސްޓްތަކެއް ނޫނެވެ. އެއީ ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ފުރިހަމައަށް ނުއުފެދި ހުންނަ ބިސްތަކެކެވެ.

ގިނަ މާހިރުން ހައިރާންކުރުވި ކަމަކީ، ބަލީގެ ބޮޑެތި އަލާމާތްތައް ހުންނަ ބައެއް އަންހެނުންގެ ސްކޭންތަކުން އެއްވެސް ސިސްޓެއް ނުފެނުމެވެ. މީގެ ސަބަބުން އެތައް ހާސް ބަޔަކަށް އަޅާނުލެވި، ބަލި ދެނެގަތުން ލަސްވެ، ނުވަތަ އެމީހުންގެ އަލާމާތްތަކަކީ ހަމައެކަނި ”ހީވާ ހީވުމެއް“ ކަމަށް އިހުސާސްކުރަން ޖެހުނެވެ.

ޑޮކްޓަރުން މިހާރު ބުނަނީ މި ބައްޔަކީ ހަމައެކަނި އޯވަރީއާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

ޕީ.އެމް.އޯ.އެސް މި ނަމުން ދޭހަކޮށްދެނީ، މި ބަލީގެ ސަބަބުން ހަށިގަނޑުގެ ގިނަ ނިޒާމުތަކަކަށް އަސަރުކުރާ ކަމެވެ. އޭގެ ތެރޭގައި ހޯރމޯން، މެޓަބޮލިޒަމް، ހަންގަނޑު، ދަރިމައިވުން، ނަފްސާނީ ދުޅަހެޔޮކަން، އަދި ހިތުގެ ދުޅަހެޔޮކަން ވެސް ހިމެނެއެވެ. އަލްޓްރާސައުންޑް ސްކޭން މުޅިން ނޯމަލްކޮށް ހުރި ނަމަވެސް، މި ބަލި ހުންނަ އަންހެނުންނަށް އިންސިއުލިން ރެސިސްޓެންސް، ހިތުގެ ބަލިތަކުގެ ނުރައްކާ، ހާސްކަން، ދިގު މުއްދަތުގެ މެޓަބޮލިކް މައްސަލަތައް އަދި ޑިޕްރެޝަން ފަދަ ކަންކަމާ ކުރިމަތިލާން ޖެހިދާނެއެވެ.

އެހެން ގޮތަކަށް ބުނާނަމަ، މިއީ ހަމައެކަނި ”އަންހެނުންގެ ދަރިމައިވުމުގެ މައްސަލައެއް“ ނޫނެވެ. މިއީ މުޅި ހަށިގަނޑަށް އަސަރުކުރާ ބައްޔެކެވެ.

މި ނަން ބަދަލުވުމާއެކު، ޑޮކްޓަރުން ބަލި ދެނެގަތުމުގައި މިއަށްވުރެ ފުރިހަމަ ގޮތްތައް ބޭނުންކުރަން ފަށާނެ ކަމަށް ބެލެވެއެވެ. ހަމައެކަނި އަލްޓްރާސައުންޑް ސްކޭނަށް ބަރޯސާވުމުގެ ބަދަލުގައި، ބަލީގެ އަލާމާތްތަކާއި، މައްސަރުކަންތަކުގެ ތާރީޚާއި، ހޯރމޯން ޓެސްޓުތަކާއި، އަދި މެޓަބޮލިކް އެސެސްމަންޓްތައް ބަލި ދެނެގަތުމުގައި ހިމަނަންޖެހޭ ކަމަށް މާހިރުން ބުނެއެވެ.

ގިނަ އަންހެނުންނަށް މީގެ މާނައަކީ، އެންމެ ފަހުން ބައްޔަށް އަވަސް ޖަވާބެއް ލިބި، އެކަށީގެންވާ ފަރުވާ ލިބުމެވެ.

ޕީ.އެމް.އޯ.އެސް އަށް ނަން ބަދަލުވުމަކީ މި ބައްޔާ ގުޅިފައިވާ އިޖުތިމާއީ ލަދުވެތިކަން ކުޑަކުރުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. މި ބަލި ހުންނަ ގިނަ އަންހެނުން މޫނުގައި އިސްތިހާ ފެޅުމާއި، ބިހި ނެގުމާއި، ދަރިމައިނުވުމާއި ނުވަތަ ބަރުދަން އިތުރުވުން ފަދަ އަލާމާތްތަކާ ބެހޭގޮތުން ވާހަކަދައްކަން ލަދުގަނެއެވެ. ސިއްހީ ގޮތުން މިއަށްވުރެ ސައްހަ ނަމެއް ބޭނުންކުރުމުން، މިކަމާ ބެހޭގޮތުން ހުޅުވާލެވިފައިވާ މާހައުލެއްގައި ވާހަކަދެއްކުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް މަގުފަހިވާނެއެވެ.

އަދި ފަހަރުގައި އެންމެ މުހިންމު ކަމަކީ، އަހަރުތަކެއް ވަންދެން އެމީހުންގެ ޝަކުވާތަކަށް އަޅާނުލެވި ތިބި އެތައް މިލިއަން އަންހެނުންނަށް ވަރުގަދަ މެސެޖެއް ދިނުމެވެ: ތިޔަ އަލާމާތްތަކަކީ ހަގީގަތެކެވެ.

ބައެއް ފަހަރު، އެންމެ ލަފުޒެއް ބަދަލުކޮށްލުމުން ވެސް މުޅި ބައްޔަކާ މެދު ދެކޭގޮތް ބަދަލުވެގެންދެއެވެ. އަދި ޕީ.އެމް.އޯ.އެސް އާއެކު ދިރިއުޅޭ އަންހެނުންނަށް، މި ބަދަލަކީ އެމީހުންނަށް އެންމެ ކުރީއްސުރެ ވެސް ހައްގުވާ އަޅާލުމާއި ފަރުވާ ލިބުމަށް އެޅޭ ފުރަތަމަ ފިޔަވަޅަށް ވެދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް