ބާސެލޯނާގެ ލަމީން ޔަމާލް، ލަ ލީގާގެ ކާމިޔާބީގައި ވިހުރުވާލީ ފަލަސްތީނުގެ ދިދަ!

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ސަމާލުކަން ހުއްޓުނު ވަގުތެއްގައި، ބާސެލޯނާގެ އެންމެ ޒުވާން އަދި އުންމީދީ ތަރި ލަމީން ޔަމާލް، ހޯމަ ދުވަހު ބޭއްވި ލަ މީގާ ކާމިޔާބީގެ އުފާފާޅުކުރުމުގެ ތެރޭގައި ފަލަސްތީނުގެ ދިދައެއް ހޫރުވައި، ފުޓްބޯޅައިގެ ކާމިޔާބީއާއެކު ސިޔާސީ ވަރުގަދަ މެސެޖެއް ދީފިއެވެ. ބާސެލޯނާގެ މަގުތަކަށް ގާތްގަނޑަކަށް 750,000 ސަޕޯޓަރުން ޖަމާވެ، ކްލަބުގެ ތަށީގެ ކާމިޔާބީ ފާހަގަކުރަމުން ދިޔައިރު، އުމުރުން 18 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ހުޅުވާލެވިފައިވާ ބަހެއްގެ މަތީގައި ހުރެ ދިދަ އުފުލާލާފައެވެ.

އަދި ފަހުން އެ މަންޒަރުތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރިއެވެ. މޮރޮކޯ ދަރިކޮޅުގެ މުސްލިމް ކުޅުންތެރިއެއްގެ މި އަމަލާއެކު، ގާޒާގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން އިންޓަނެޓުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.

ސީ.އެން.އެން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލަމީން ޔަމާލްގެ ހިތުގައި ފަލަސްތީނަށްޓަކައި އޮތް ލޯތްބާއި ގަދަރު ފެނި ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްގެ އަނގަ ޗޭވިއެވެ. އޭނާއަށް އެކަމެއް ހަޖަމެއް ނުކުރެވުނެވެ. އޭނާ ވަނީ އަންގާރަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. ”މިއީ އާންމުކޮށް އަހަރެން ގަޔާވާ ކަމެއް ނޫން،“ ޖަރުމަނުގެ ތަޖުރިބާކާރު ކޯޗު ފާޅުގައި ބުންޏެވެ. ”އަހަރެން އޭނާއާ ވާހަކަދެއްކިން. އަހަރެން ބުނިން އެއީ އޭނާ ބޭނުންވާ ގޮތް ކަމަށްވާނަމަ، އެއީ އޭނާގެ ނިންމުމެކޭ. އޭނާއަކީ މިހާރު ބޮޑު މީހެއް. އޭނާގެ އުމުރަކީ 18 އަހަރު.“ ފްލިކް އަވަހަށް ޓީމުގެ މައިގަނޑު މަގްސަދަށް ވާހަކަ އަނބުރާލިއެވެ: ”އަހަރެމެން ފުޓްބޯޅަ ކުޅެނީ މީހުން އުފާކޮށްދޭން. މިއީ އަހަރެން ދެކޭގޮތުގައި އަހަރެމެން ކުރަންޖެހޭ އެންމެ ފުރަތަމަ ކަންތައް.“ އޭނާގެ މި މިންގަނޑު ހިފެހެއްޓިފައިވާ ޖަވާބުން ހާމަވެގެންދިޔައީ، ޔަމާލް ފަދަ ތަރިން މަޝްހޫރުކަމުގެ ތެރޭގައި އަމިއްލަ ގަބޫލުކުރުންތަކާއި ފަންނީ ޒިންމާތަކާ ދެމެދު ހިފަހައްޓަންޖެހޭ ނާޒުކު ބެލެންސެވެ.

ޔަމާލްގެ މި އަމަލަކީ ކުޅިވަރުގެ ތެރެއިން ފެންނަމުންދާ އިހުތިޖާޖުތަކުގެ ރާޅުބާނީގެ ބައެކެވެ. އިސްރާއީލުން ގާޒާގައި ހިންގާ އޮޕަރޭޝަންތަކާ ދެކޮޅަށް ފުޓްބޯޅަ، ބައިސިކަލް ދުއްވުން އަދި ބާސްކެޓްބޯޅައިގެ ތެރެއިން ވެސް އެތައް ވަނީ އަޑުއުފުލާފައެވެ. އަދި އިސްރާއީލުން ބައިވެރިވާތީ ޔޫރޯވިޜަން ބޮއިކޮޓްކުރި ފަސް ގައުމުގެ ތެރޭގައި ސްޕެއިން ހިމެނެއެވެ. ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހަތުން އަންނަ ތަރިއެއްގެ ގޮތުގައި ބެލެވޭ ޔަމާލްއަށް މީގެ ކުރިން ވެސް ވަނީ މުސްލިމުންނަށް ނަފްރަތުކުރާ ޔަހޫދީންނާއި ކާފަރުންގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގޮތުން ސްޕެއިން އާއި މިސްރު ބައްދަލުކުރި އެކުވެރިކަމުގެ މެޗެއްގައި ”ނަސްލީ ތަފާތުކުރުމާއި ޖާހިލު“ ގޮވާންތަކަށް އޭނާ ވަނީ ފާޑުކިޔާފައެވެ. ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެއި 10 ގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ބައިވެރިނުވެވުނު ނަމަވެސް، އޭނާގެ ހުނަރުވެރިކަމާ މެދު ޝައްކެއް ނެތެވެ. އަދި އެނާގެ ހިތުގައި މުސްލިމުންނަށް އޮތް ރަހުމު ފެނި، ލަމީން ޔަމާލްއަކީ މުސްލިމުންގެ ހިތްތަކުގައި ހާއްސަ ޖާގައެއް ކަށަވަރުކޮށްފައިވާ ކުޅުންތެރިޔެއްކަން ޔަޤީނެވެ. އަދި ޖޫން-ޖުލައި މަހު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕްގައި އޭނާއަކީ ފާހަގަކޮށްލެވޭނެ ކުޅުންތެރިއަކަށް ވާނެއެވެ.

ސަޕޯޓަރުންނަށް މި އުފާފާޅުކުރުމަކީ ފުރިހަމަ އުފާވެރިކަމެކެވެ. ފްލިކްގެ އިރުޝާދުގެ ދަށުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި ހޯދުމުގެ އުފަލެވެ. ނަމަވެސް ޔަމާލް ދިދަ އުފުލުމުން، ފުޓްބޯޅައިގެ ބޮޑެތި މައިދާންތަކަކީ ދުނިޔޭގެ މައްސަލަތަކުގައި އަޑުއުފުލާ ތަންތަނަށް ވެފައިވާކަން ހާމަވެގެންދިޔައެވެ. ބާސެލޯނާގެ ކާމިޔާބީގެ ތެރެއިން، މި ޒުވާން ތަރީގެ އަމަލުން ހަނދާންކޮށްދެނީ: ކުޅިވަރުގެ ދުނިޔޭގައި ބަތަލުންނަކީ ހަމައެކަނި ލަނޑު ޖަހާ ބައެއް ނޫން ކަމާއި، އެއީ ބަހުސްތައް އުފައްދާ ބައެއް ވެސް ކަމެވެ.

މި ހާދިސާއާއެކު ޔަމާލްގެ ދަތުރު ހުނަރުވެރި ކުޅުންތެރިއަކުން، ފާޅުގައި ޚިޔާލުފާޅުކުރާ މީހަކަށް ބަދަލުވެއްޖެއެވެ. މަޝްހޫރުކަމުގެ ގޮންޖެހުންތަކާއެކުވެސް އޭނާގެ އަސްލު ގަބޫލުކުރުންތަކުގައި އޭނާއަށް ހިފެހެއްޓޭނެ ހެއްޔެވެ؟ ބާސެލޯނާގެ މި އުފާފާޅުކުރުމަކީ ހަމައެކަނި ކާމިޔާބީއެއް ނޫނެވެ. އެއީ ބައިބައިވެފައިވާ، ފޯރިގަދަ މި ދުނިޔޭގެ މަންޒަރެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް