ޗާގޯސްގެ މައްޗަށް މޮރިޝަސްގެ އިސްތިޤްލާލް އޮތުމަށް އިންޑިޔާއިން ތާއީދު ކުރާކަމަށް އެގައުމުން ބުނުމާއި ގުޅިގެން މިކަން އިތުރަށް ސާފު ކޮށްދޭން ޖެހޭ ކަމަށް ޗާގޯސްގެ ކަންތަކުގައި ވަކާލާތުކުރާ ރާއްޖޭގެ ގްރޫޕް ”ޕެން-ފޯ-ރައިޓްސް“ އިން ބުނެފިއެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ނިއުދިއްލީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ އިސްތިގުލާލު އޮތްކަމަށް އިންޑިޔާއިން ތާއީދުކުރާ ކަމަށް އެގައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ބުނި ބުނުމަކީ ހަމައެކަނި އާދައިގެ ޑިޕްލޮމެޓިކް ވާހަކައެއްގެ ގޮތުގައި ބެލެވެންނެތް ކަމަށާ މިއީ ގާނޫނީ، ތާރީޚީ އަދި ސަރަހައްދީ ގޮތުން ބޮޑެތި ނަތީޖާތަކެއް ނިކުމެދާނެ، ސިޔާސީ ގޮތުން ނާޒުކު ވަގުތެއްގައި ބުނެފައިވާ ސީރިއަސް ވާހަކައެއްކަމަށް އެފަރާތުން ބުނެފައި ވެއެވެ. އަދި މިއީ މިހާރުން މިހާރަށް ސާފުކޮށްދޭންޖެހޭ ކަމެއްކަމަށްވެސް ބުނެފައި ވެއެވެ.
”ޕެން-ފޯ-ރައިޓްސް“ އިން އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި ޑިޕްލޮމަސީގައި ވަގުތަކީ ވަރަށް މުހިންމު އެއްޗެކެވެ. މިއާއި އެކުއެކީ ޑިޕްލޮމަސީގައި ބޭނުންކުރާ ބަސްމަގަކީ އެއަށްވުރެ ވެސް މުހިންމު އެއްޗެއްކަމަށް ބުނެފައި ވެއެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ނިއުދިއްލީގައި ހުންނަވަނިކޮށް، މިފަދަ ކަނޑައެޅިގެންވާ ސާފު ތާއީދެއް ޗާގޯސްގެ މައްޗަށް މޮރިޝަސްއިން ކުރާ ދަޢުވާއާއި މެދު ހާމަކުރުމަކީ ވަކި ފަރާތަކަށް ނުޖެހޭ އަމަލެއް ނޫން ކަމަށް ”ޕެން-ފޯ-ރައިޓްސް“ އިން ބުނެފައި ވެއެވެ. އަދި މިއީ މޮރިޝަސްއަށް ޔަގީންކަން ދިނުމަށް، ނުވަތަ އިސްތިރާޖީ ބައިވެރިންނަށް އިޝާރާތެއް ދިނުމަށް، ނުވަތަ ސީދާ މާލެއަށް ދިން ސިޔާސީ މެސެޖަކަށް ވިޔަސް، މީގެ އަސަރުތައް ވަރަށް ސާފުކަމަށް ބުނެފައި ވެއެވެ. މިފަދަ ދަނޑިވަޅެއްގައި މިފަދަ ވާހަކައެއް ބުނުމަކީ، އެ ބުނާ އެއްޗަކާމެދު ސުވާލު އުފެދުމުގެ އިތުރުން، އެ ވާހަކައިގެ ސަބަބުން ހުރަސް އެޅޭ ކަންކަމާމެދު ވެސް ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށް ”ޕެން-ފޯ-ރައިޓްސް“ އިން ބުނެފައި ވެއެވެ.
އިންޑިޔާއިން މިހާރު ޖަވާބުދޭންޖެހޭ ސުވާލަކީ ސާދާ ސުވާލެއްކަމަށް ބުނަމުން، އެއީ އިންޑިއާއިން މޮރިޝަސްގެ ސިޔާދަތު ޗާގޯސްގެ މައްޗަށް އޮތުމަށް ތާޢީދު ކުރަނީ ކޮން އަސާސެއްގެ މަތީގައިތޯ،މި ސުވާލު ކަމަށް ބުނެފައި ވެއެވެ.
އިނގިރޭސިންގެ އަތްދަށުން މިނިވަންވުމުގެ ކުރިން، އިސްތިޢުމާރީ މޮރިޝަސްގެ އިދާރީ ބައެއްގެ ގޮތުގައި އޮތް ތަނެއް، ވަކިކުރުމަކީ އިސްތިއުމާރު ނައްތާލުމުގެ އުސޫލާ ޚިލާފު ކަމެއް ކަމަށް އިންޑިޔާއިން ދެކޭނަމަ، އެއީ ގާނޫނީ ބަހުސެއް ކަމަށް ”ޕެން-ފޯ-ރައިޓްސް“ އިން ބުނެފައި ވެއެވެ. ނަމަވެސް، ޗާގޯސްގެ އަސްލު މިލްކުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް އިންޑިޔާއިން ބުނާނަމަ، އެއީ މުޅިން ތަފާތު ދައުވާއެއްކަމަށާ އެކަމަށް ތާރީޚީ ހެކިތައް ބޭނުންވާ ކަމަށް ބުނެފައި ވެއެވެ.އަދި އެއީ ހަމައެކަނި ޑިޕްލޮމެޓިކް ގޮތުން ތަކުރާރުކޮށް ބުނާ ބަސްތަކަކުން ނިންމޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ.
”އިސްތިއުމާރު ނައްތާލުމާ ގުޅޭ ބަހުސެއްގައި ބަލަނީ، މިނިވަންކަން ދިނުމުގެ ކުރިން އިސްތިއުމާރީ ބާރަކުން އެ ގައުމެއްގެ އިސްތިޢުމާރީ އިދާރީ ސަރަޙައްދުގެ ބައެއް ގާނޫނާ ޚިލާފަށް ވަކިކޮށްފައިވޭތޯއެވެ. އެކަމަކު، އެއީ އެ ބިން އެންމެ ކުރިން ފެށިގެން ވެސް ތާރީޚީ ގޮތުން އެ އިސްތިޢުމާރީ އިދާރީ ސަރަޙައްދަށް ނިސްބަތްވާ ތަނެއްތޯ ކުރެވޭ ސުވާލުގެ ޖަވާބެއް ނޫނެވެ. އެއް ހުށަހެޅުމަކަށް ތާއީދުކުރުމަކީ، އޭގެ ޒާތުގައި އަނެއް ކަންތައް ސާބިތުވާ ކަމެއް ނޫނެވެ.“ ”ޕެން-ފޯ-ރައިޓްސް“ ގެ ބަޔާނުގައި ބުނެފައި ވެއެވެ.
އިންޑިޔާގެ ތަރުޖަމާނުގެ ވާހަކަތައް މާނަކުރަން އުނދަގޫވަނީ މި ހިސާބުން ކަމަށާ،
ޗާގޯސްއަކީ ތާރީޚީ ގޮތުންނާއި ފިޠުރީ ގޮތުން މޮރިޝަސްގެ ތަނެއް ކަމަށް އިންޑިޔާއިން މިހާރު ދައުވާކުރާނަމަ، ދެން އުފެދޭ ސުވާލަކީ: އެކަމުގެ ތާރީޚީ އަސާސަކީ ކޮބައިތޯއެވެ؟“ ބުނެފައި ވެއެވެ.
”މިކަމުގެ އަސްލު ރެކޯޑުތަކަށް ބެލުމެއްނެތި، ހަމައެކަނި މިޒަމާނުގެ ޑިޕްލޮމެޓިކް އިއްތިފާގު ތަކަށް ބުރަވެ ދެވޭނެ ސީރިއަސް ޖަވާބެއް ނެތެވެ. އެކަމާ ގުޅޭ މުއާހަދާއެއް އެބައޮތްތޯއެވެ؟ އިސްތިއުމާރުގެ ކުރިން ހިންގާފައިވާ އިދާރީ ހަރަކާތެއް އެބައޮތްތޯއެވެ؟ މޮރިޝަސްގެ އަސްލު ވަޒަންވެރިން އެތަނުގައި ތިބިކަމުގެ ހެކި އެބައޮތްތޯއެވެ؟ ނުވަތަ އިސްތިއުމާރީ އިދާރީ އިންތިޒާމުތަކުގެ ކުރިން، މޮރިޝަސްއަށް އެ ބިން މިލްކުވެފައިވާކަން އަންގައިދޭ ގާނޫނީ ލިޔުމެއް އެބައޮތްތޯއެވެ؟“ އެބަޔާނުގައި ސުވާލު ކޮށްފައި ވެއެވެ.
މިފަދަ އެއްވެސް ކަމެއް ނެތްނަމަ، އިންޑިޔާއިން މި ތާއީދުކުރަނީ ތާރީޚީ ގޮތުން ސާބިތުވާ ސިޔާދަތީ ދައުވާއަކަށް ނޫންކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ. އަދި އޭގެ ބަދަލުގައި އެ ތާއީދުކުރެވެނީ ފޮރުވިފައިވާ ސިޔާސީ މަޤްޞަދަކަށްޓަކައި، އިސްތިޢުމާރު ކުރެވުނު ސަރަޙައްދަކީ، އިސްތިއުމާރީ އިދާރީ ތަރިކައަކަށް ހެދުމަށް ކަމަށް ބުނެފައި ވެއެވެ.
”ޕެން-ފޯ-ރައިޓްސް“ ގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ޖިއޮގްރަފީއަށް އެކަނި ބަލައިލުމުން ވެސް މިކަމާ މެދު ވިސްނާލަން ޖެހޭ ކަމަށް ބުނެފައި ވެއެވެ.
”މޮރިޝަސްއަކީ އިންޑިޔާ ކަނޑުގެ ހުޅަނގު ދެކުނުގައި އޮތް އެފްރިކާގެ ގައުމެކެވެ. ޗާގޯސް އޮތީ އިންޑިޔާ ކަނޑުގެ މެދުތެރޭގައި، ދެކުނު އޭޝިއާގެ ކަނޑުގެ ސަރަހައްދުގައެވެ. އެއީ ރާއްޖޭގެ ތާރީޚީ އަދި ޤުދުރަތީ އިމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ޖިއޮގްރާފީއާ ގުޅިފައިވާ ޗާގޯސް-ލަކަޑައިވް ރިޖްގައި އޮތްތަނެކެވެ. މި ރަށްތައް މޮރިޝަސްއާ 2,000 ކިލޯމީޓަރަށް ވުރެ ދުރެވެ.“ ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.
”ޖިއޮގްރާފީއަކީ އެއަށް އެކަނި ބާރުލިބޭ އެއްޗެއް ނޫނެވެ. ނަމަވެސް، ސިޔާސީ ވާހަކަތަކަކީ ތާރީޚީ ގޮތުން ސުވާލު އުފެދޭ ކަންކަން ނޫންކަމަށް ދައްކަން އުޅޭއިރު، ޖިއޮގްރާފީއަކީ ވަރަށް މުހިންމު އެއްޗެކެވެ. ވަކި ސަރަހައްދެއްގެ ތެރޭގައި ހިމެނޭ ބިމެއް، އެތަނާ ދުރުގައި އޮތް އިސްތިއުމާރީ އިދާރީ އޮނިގަނޑަކަށް ނިސްބަތްވާ ތަނެއްގެ ގޮތުގައި ފަސޭހަކަމާއެކު ސިފަކުރާއިރު، އެކަމާ މެދު ސުވާލު އުފެއްދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.“ އެބަޔާނުގައި ވެއެވެ.
އިސްތިއުމާރީ އިދާރީ ފަސޭހައަކަށް ކުރި ކަންކަމަކީ ތާރީޚީ ސައްހަކަމެއް ކަމަށް ބަލައިގެން ނުވާނެކަމަށާ އިންޑިޔާގެ އަމިއްލަ ޑިޕްލޮމެޓިކް ތާރީޚަށް ބަލާއިރު، މިހާރު އިންޑިއާއިން ގެންގުޅޭ ސިޔާސަތަކީ އިތުރު މައްސަލަތަކެއް ކުރިމަތިވާ ކަމެއްކަމަށް ބުނެފައި ވެއެވެ.
”އިންޑިޔާއަކީ އިސްތިއުމާރު ނައްތާލުމުގެ ބަހުސްތަކާ ބީރައްޓެހި ގައުމެއް ނޫނެވެ. އދ. ގެ ޑިކޮލޮނައިޒޭޝަން ކޮމިޓީ (C-24) ގެ ފުރަތަމަ މުގައްރިރަކީ އިންޑިޔާއެވެ. އެގައުމަކީ އިސްތިއުމާރާ ދެކޮޅު، ސިޔާދަތީ މިނިވަންކަމަށް ވަކާލާތުކުރާ، އަދި ތާރީޚީ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލާ ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި މަޝްހޫރުވެގެން އައި ގައުމެކެވެ.“ އިތުރަށް ބުނެފައި ވެއެވެ.
”ޗާގޯސް މައްސަލައިގައި މިހާތަނަށް ހައްލުނުވެ އޮތް އެންމެ ބޮޑު އެއް ކަމަކީ ދިވެހިރާއްޖެއާ ގުޅޭ ކަމެކެވެ. އެއީ 1946 ވަނަ އަހަރުގެ، އ.ދ. ގެ ’ނޮން-ސެލްފް ގަވާނިން ޓެރިޓަރީޒް‘ (އަމިއްލަ އިޚްތިޔާރުގެ ވެރިކަމެއް ނެތް ސަރަހައްދުތަކުގެ) އޮނިގަނޑުން ދިވެހިރާއްޖެ ބޭރުކޮށްފައި އޮތް އޮތުމެވެ.“ ބަޔާނުގައި ވެއެވެ.
”މިއީ ހަމައެކަނި އިދާރީ އޮޅުމެއް ނޫނެވެ. މީގެ ސަބަބުން ފަހުން އުފެދުނު ގާނޫނީ ހުރިހާ އޮނިގަނޑަކަށް އަސަރުކުރިއެވެ. ޗާގޯސްއާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން ދެކޭ ގޮތް މީގެ ސަބަބުން ހަނިވެގެން ދިޔައެވެ. އަދި އެ ސަރަހައްދާ ތާރީޚީ ގޮތުން އެންމެ ބޮޑަށް ގުޅިފައިވާ އަވަށްޓެރި ގައުމު، އިސްތިއުމާރު ނައްތާލުމުގެ ބަހުސްތައް ފެށުމުގެ ކުރިން ވެސް އެ ބަހުސްތަކުން ބޭރުކޮށްލިއެވެ.“ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ ނަތީޖާއާ މެދު އިންޑިޔާއަށް އޮޅުމެއް އަރާފައި އޮވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.
”އިސްތިއުމާރު ނައްތާލުމުގެ ބަހުސްތައް ބައްޓަންކުރުމުގައި އެހީތެރިވި ގައުމެއްގެ ހައިސިއްޔަތުންނާއި، އިންޑިޔާ ކަނޑުގެ ނުފޫޒުގަދަ ބާރެއްގެ ހައިސިއްޔަތުން، އިނގިރޭސިން ދިވެހިރާއްޖެ އެ އޮނިގަނޑުން ބޭރުކުރި ސަބަބާ މެދު އިންޑިޔާއިން ދުވަހަކުވެސް ސުވާލުކޮށްފައި ނުވަނީ ކީއްވެތޯ ބުނެދޭންޖެހެއެވެ. އަދި އަސާސީ އިޖުރާއީ އުނިކަންތައްތަކެއް ހުރެމެ، އިސްތިއުމާރު ނައްތާލުމުގެ މަސައްކަތުގައި އިތުބާރު އޮތްކަމަށް އިންޑިޔާއިން ގަބޫލުކުރޭތޯ ވެސް ސާފުކޮށްދޭންޖެހެއެވެ.“ ބަޔާނުގައި ވެއެވެ.
”މިއީ ހަމައެކަނި އިލްމީ ޝައުގުވެރިކަމެއް އޮވެގެން ކުރާ ސުވާލުތަކެއް ނޫނެވެ. މިއީ އިންޑިޔާއިން ބުނާ އުސޫލުތަކުގެ ތެދުވެރިކަމާ ސީދާ ގުޅިފައިވާ ކަމެކެވެ.
ސިޔާސީ ފައިދާއެއް އޮތް ހިނދު އިސްތިއުމާރީ އޮޅުވާލުންތައް ގަބޫލުކުރަމުން، އަނެއްކޮޅުން އިސްތިއުމާރާ ދެކޮޅު އިންސާފުގެ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އުސޫލުތައް ހިފަހައްޓަނީ ހަމައެކަނި ފައިދާއެއް އޮންނަ ހާލަތްތަކުގައި ކަމަށްވާނަމަ، އެއީ އުސޫލެއް ނޫނެވެ. އެއީ ދެއްކުންތެރިކަމެވެ.
ހަމައެއާއެކު، މި މައްސަލައިގެ ވަށައިގެންވާ މައުލޫމާތު ފަތުރާ ގޮތާމެދު ވެސް ކަންބޮޑުވާންޖެހެއެވެ.“ ބަޔާނުގައި ބުނެފައި ވެއެވެ.
”ފާއިތުވި އަހަރުތަކުގައި، އިންޑިޔާގެ ބައެއް އިސްތިރާޖީ ދިރާސާވެރިންނާއި، މީޑިއާތަކުން ދަނީ ޗާގޯސް މައްސަލައަކީ ހަމައެކަނި މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އޮތް މައްސަލައެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. ތާރީޚީ ގޮތުން ހުރި އުނދަގޫ ކަންކަން ދަނީ ފޮރުވަމުންނެވެ. ކަނޑުގެ ސަރަހައްދުގެ ގުޅުންތަކަށް ފަރުވާކުޑަކޮށް، ރާއްޖެއާ ގުޅޭ ތާރީޚީ ހެކިތައް ދަނީ އެއްފަރާތް ކުރަމުންނެވެ.“
”މިއީ ތެދުވެރި އިލްމީ ދިރާސާއެއް ނޫނެވެ. މިއީ ވަކި ގޮތަކަށް ވާހަކަ ބައްޓަންކުރުމެވެ.
ގައުމުތަކަށް އެ ގައުމެއްގެ ސިޔާސީ މެސެޖުތައް ދިނުމުގެ ހައްގު އޮވެއެވެ. ނަމަވެސް، ތާރީޚީ ހަގީގަތްތައް އޮޅުވާލައި، އެއީ ތެދު މައުލޫމާތު ކަމަށް ދެއްކުމުގެ ހައްގެއް އެއްވެސް ބަޔަކަށް ނޯންނާނެއެވެ.“ ޕެން-ފޯ-ރައިޓްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ނުފޫޒުގަދަ ސަރަހައްދީ ބާރަކުން ފާޑުކިޔުންތަކަށް ފުރުސަތު ދޭންޖެހޭނެކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
”އިންޑިޔާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ދެއްކިވާހަކަޔާ މެދު ސުވާލު އުފައްދަންޖެހެނީ މި ސަބަބަށްޓަކައެވެ. އިންޑިޔާ ކަނޑުގެ ލީޑަރަކަށް ވާން އިންޑިޔާއިން ބޭނުންވާނަމަ، އެކަން ކުރަންޖެހޭނީ ހަމައެކަނި އަސްކަރީ ބާރަކުން ނުވަތަ ޑިޕްލޮމެޓިކް ހަރަކާތްތަކަކުން ނޫނެވެ. އެކަން ކުރަންޖެހޭނީ އިލްމީ ތެދުވެރިކަމާއި، ގާނޫނީ ހަމަހަމަކަމާއި، އަދި ސާފު ސިޔާސަތުތަކެއްގެ މައްޗަށް ބިނާކޮށެވެ.“
”އިސްތިއުމާރީ ބޭއިންސާފު ނައްތާލުމަށް ތާއީދުކުރުމަކީ އެއް ކަންތަކެވެ. ނަމަވެސް، ހައްލުނުވެ ހުރި އިސްތިއުމާރީ އޮޅުވާލުންތަކެއް އެހެން ގައުމެއްގެ ނަމުގައި ދެމެހެއްޓުމަކީ މުޅިން ތަފާތު ކަމެކެވެ.“
”ދިވެހިރާއްޖެއަށް މިކަމުގައި އިންޑިއާގެ ސާފު ބަހެއް ބޭނުންވެއެވެ. މި ސަރަހައްދަށް ތެދުވެރިކަން ބޭނުންވެއެވެ. އަދި އިސްތިއުމާރު ނައްތާލުމުގެ މަސައްކަތަކީ އޭގެ ސުލޫކީ ނުވަތަ ގާނޫނީ މާނަ ހިފެހެއްޓޭނެ ކަމަކަށް ވާނީ، އެއީ ތާރީޚީ ހަގީގަތްތައް ފޮރުވުމުގެ ބަދަލުގައި، އެ ހަގީގަތްތައް ހާމަކޮށްދޭނެ ނިޒާމަކަށް ވެގެންނެވެ. އެކަމަށް ހުރަސް އަޅާ ޤައުމެއް ކަމުގައި އިންޑިއާ ވެގެން ނުވާނެއެވެ.“ ”ޕެން-ފޯ-ރައިޓްސް“ ގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ރަސްމީ ދަތުރު ފުޅެއްގައި މިވަގުތު ހުންނެވީ ޑެލްހީގައެވެ.މިމަހުގެ 12އިން 14 އަށް ކުރިޔަށްދާ މިދަތުރުފުޅަކީ އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާސް ޑޮކްޓަރ ޖައިޝަންކަރުގެ ދައުވަތަކަށް ކުރައްވާ ދަތުރު ފުޅެކެވެ.
(ޕެންފޯ ރައިޓްސް ގެ ބަޔާނުގެ މައްޗަށް ލިޔެފައިވާ ލިއުމެއް)
![]()
