ޕާކިސްތާނާ އީރާން ގުޅިގެން ވިޔަފާރީގެ މުހިންމު ނިންމުންތަކެއް ނިންމައިފި

Loading

Facebook
Twitter
WhatsApp

ވިޔަފާރީގައި އީރާނަށް އެހީތެރި ވެދިނުމުގެ ގޮތުން ޕާކިސްތާނުން މުހިންމު ނިންމުން ތަކެއް ނިންމައިފި އެވެ. ސަރަހައްދުގެ ޓްރޭޑް މެޕަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމަށް ބެލެވޭ މުހިންމު ނިންމުމުގެ ދަށުން ޕާކިސްތާނުން ވަނީ އީރާނުން ތިންވަނަ ގައުމަކަށް ފޮނުވަން ބޭނުންވާ ވިޔަފާރި މުދާ، ޕާކިސްތާންގެ ސަރަހައްދު ހުރަސްކޮށް ގެންދިއުމުގެ ހުއްދަ ދީފައެވެ.

ޕާކިސްތާންގެ ކޮމާސް މިނިސްޓްރީން މިހާރުވެސް ވަނީ ޓްރާންސިޓް އޯޑަރ 2026 އަށް އަމަލު ކުރަމުން ގެންދިއުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް އަންގާފައެވެ.
މިބަދަލާއެކު ޕާކިސްތާންގެ އެއްގަމު ރޫޓް ތައް މެދުވެރިކޮށް އެހެން ގައުމުތަކުން އީރާނަށްވެސް މުދާ އެތެރެ ކުރެވޭނެއެވެ.
އީރާން އާއި ޕާކިސްތާންއާއި ދެމެދު ވިޔަފާރި ގުޅުންތައް ރަގަޅު ކުރުމާބެހޭ ވާހަކަ ތަކަކީ މިދިޔަ އަހަރުވެސް ކުރިޔަށް ގެންގޮސްފައިވާ މަޝްވަރާތަކެކެވެ. އީރާންގެ ރައީސް މައްސޫދް ޕެޒެޝްކިއާން މިދިޔަ އަހަރުގެ ފަހުކޮޅު އިސްލާމް އާބާދަށް ކުރެއްވި ދަތުރު ފުޅެއްގައި ވަނީ ދެގައުމު ދެމެދު 12 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ގައި ސޮއި ކުރައްވާފައެވެ.މިއެއްބަސްވުން ތަކުގެ އަމާޒަކީ ބައިލެޓަރަލް ޓްރޭޑް 3ބިލިއަން ޑޮލަރުން ދިހަ ބިލިއަން ޑޮލަރަށް އިތުރު ކުރުން ކަމަށް ދެގައުމުގެ އޮފިޝަލުން ވިދާޅުވެފައިވެއެވެ.
އެއްބަސްވުން ތަކުގެ ދަށުން ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ޕާކިސްތާނުން އެކސްޕޯޓް ކުރާ ހަނޑު، މޭވާ، އެއްގަމުމަސް ފަދަ ބާވަތްތަކުގެ ކޯޓާ އެތެރެކުރުމާއި ބޯޑަރު ސަރަހައްދު ތަކުގައި އިތުރު މާރުކޭޓް ތައް ގާއިމް ކުރުން ހިމެނެއެވެ.
ދުރު މުސްތަގްބަލަށް ޕްރޮޖެކްޓް ކޮށްފައިވާ ލަނޑުދަނޑި ތަކުގެ ތެރޭގައި އެއްގަމު މަގުންނާއި ކަނޑުމަގުން ދެގައުމު ދެމެދު މުދާ ބަދަލު ކުރެވޭ ގޮތަށް މިނިވަން އިކޮނޮމިކް ޒޯން ތަކެއް ގާއިމްކުރުން ހިމެނެއެވެ.
އީރާނާ ޕާކިސްތާނާ ދެމެދު މިފަދަ ވިޔަފާރީގެ އެއްބަސްވުން ތައް ގާއިމް ކުރުމަށް މީގެ ކުރިން ކުރެވުނު މަސައްކަތްތަކުންވެސް މާއެދެވޭ ނަތީޖާއެއް ލިބިފައި ނެތުމާއި އެކު ޑރ ޕެޒެޗްކިއާންގެ ދަތުރު ފުޅުގައި ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވެސްވަނީ ސޮއިކުރެވުނު އެއޯޔޫތައް ފުރިހަމަ އެއްބަސްވުން ތަކަކަށް ބަދަލު ކުރުމަށް ބާރު އަޅުއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް މިކަމަށްޓަކައި އުމްރާނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނެސް ބޯޑަރ ކްރޮސިންގ ތައް ޒަމާނީ ކޮށް،ޕޯޓް ފެސިލިޓީތަކާއި ރޭލު ލިންކްތައް އެޅުމަށް ބޮޑެތި އިންވެސްޓްމަންޓް ތައް ބޭނުންވާނެ ކަން ފާހަގަ ކުރައްވާފައި ވެއެވެ. ހަމަ އެއާ އެކުއެކީ ޕޮލިޓިކަލް ވިލް، ނުވަތަ ސިޔާސީ އިސްފަރާތްތަކުން އެކަމަށް ބޭނުންވުންވެސް ވަރަށް މުހިންމު ކަމަށް ވިދާޅުވެފައި ވެއެވެ.
އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން އީރާން އާއި އެކު ވިޔަފާރީގެ ގުޅުންތައް ކުރިޔަށްގެންދިއުމަށް އޮންނަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް