”ސަރޮގޭޓް މަމް“

Loading

Facebook
Twitter
WhatsApp

އަހަރެންގެ ފިރިމީހާގެ މަންމަ ގަނެފައިވާ ގެޔަކަށް އަގު އަދާކުރުމަށް ފައިސާ ހޯދުމަށްޓަކާ ފިރިމީހާ ބުނެގެން އަހަރެން ދެފަހަރު ސަރޮގޭޓް މަމް އަކަށް ވީމެވެ.އެއީ ދަރިން ނުލިބޭ ދެމަފިރިންގެ އެދުމަށް ފައިސާ ދީގެން އެމީހުންގެ ކުދިން ވިހެއުމެވެ. މިގޮތަށް ދެފަހަރު ވިހާ ނިމި އެމީހުންގެ ދަރަނިތައް އަދާކޮށް ހަމަ ނިމުނީ ފިރިމީހާ އަހަރެން ވަރި ކޮށްފަ އެއްލާލިއެވެ. އެހާގާތްގާތުގަ ވިހެއުމުގެ ސަބަބުން ސިފަ ހުތުރުވެ ބަލި ވެފައިވާ ހާލުގައި އިންދައެވެ.

އަހަރެންނާއި އަހުމަދު ކައިވެނިކޮށްގެން އަހަރުމެންގެ ދިރިއުޅުމުގެ ކަންތައް ވަރަށް އާދައިގެ ގޮތަކަށް ފެށިނަމަވެސް ކައިވެނިކޮށްގެން ވީ ހަތް އަހަރުގެ ތެރޭގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ގަބޫލު ކުރަމެވެ. އުޅުމަށް އާދައިގެ ކުޑަ އެޕާޓްމަންޓެއް ގަނެވިފައިވާއިރު ދެމަފިރިންނާއި 5 އަހަރުގެ ދަރިފުޅު ޖޭކަބްގެ ބޭނުންތައްވެސް ފުއްދާލެވެއެވެ.އެހެން ނަމަވެސް ފައިސާގެ ދަތިކަން އަބަދުވެސް އޮވެއެވެ.
ފަހަކަށް އައިސް މިހެން ބޮޑަށް ދިމާވަނީ ފިރިމީހާ އަހުމަދުގެ މަންމަގެ ސަބަބުންނެވެ. މަންމަ އަށް ނުގަނެވޭ ވަރުގެ އަގުބޮޑު ގެއެއް ގަނެގެން،އެގެޔަށް ދޭންޖެހޭ މޯގޭޖް ޕޭމަންޓްތައް ހޯދަނީ އަހުމަދު އަތުންނެވެ. ކޮންމެ މަހަކުވެސް އޮންލައިންކޮން މަންމަޔަށް ފައިސާ ފޮނުވާތަން އަހަރެންނަށް ފެނެއެވެ.އެކަމަކާ ހުރެ އަހަރުން ދާން ރޭވި އެތައް ޗުއްޓީ ދަތުރެއްވެސް ކެންސަލް ކުރަން ޖެހިފައި ވެއެވެ. އަހަރެން ޗުއްޓީގެ ވާހަކަ ބުނުމުން އަހުމަދު ބުނަނީ މަންމަގެ ޕޭމަންޓް އޭނދީ ދައްކަން ޖެހިފަ ކަމުގައެވެ.އެހެންވެ ނުދެވޭނެ ކަމުގައެވެ.
އެއްރޭ އަހުމަދު ނިދަން އަރަން އުޅެފަ ވަރަށް އާދައިގެ ގޮތަކަށް ބުންޏެވެ.“އަހަރެންގެ އޮފީގެ މީހެއްގެ ފެމިލީ މީހަކު ސަރޮގޭޓް މަމްއަކަށް ވެގެން ވަރަށް ފައިސާ ލިބުނު ކަމަށް ބުންޏެވެ.ސާރާ ވެސް އެގޮތަށް ސަރޮގޭޓް މަމްއަކަށް ވާންވީ ނޫންހެއްޔެވެ. އޭރުން މަންމަގެ ދަރަނި އެއްކޮން ދައްކާލެވޭނެއެވެ.އަދި އަންނަ އަހަރު އަހަރުންނަށް ޗުއްޓީ އަށްވެސް ދެވޭނެއެވެ.“
އޭނަބުނި އެއްޗެއް އަހަރެންނަށް އިހުސާސް ކުރެވުނީ އިރުގަނޑެއް ފަހުންނެވެ.އަދި ސުވާލުކުރީމެވެ. ”އަހުމަދު ތިޔަބުނަނީ އެހެން ބައެއްގެ ދަރިއަކު އަހަރެން ވިހާ ވާހަކަ ހެއްޔެވެ.؟“
އެވާހަކަ ދެއްކި އިރު ދުވަސް ގަނޑަކަށްފަހު އަހުމަދުގެ ލޮލުން އުފާވެރިކަމާއި އުންމީދު ފެނުނެވެ. އެހެންވެ އަހަރެންވެސް އަހުމަދު ދެކެލޯބިވާތީ އާއެނކޭ ބުނީއެވެ.
ފުރަތަމަ ދަރިފުޅު ވިހެއުމުގައި މާބޮޑު ދަތިތަކެއް ކުރިމައްޗެއް ނުވެއެވެ. ގަވާއިދުން ޑޮކްޓަރަށް ދައްކާ މިންހެޔޮ ކާނާ ބޭނުން ކޮށް ހެދުމުން ދަރިފުޅުގެ ސިއްހަތު ވަރަށް ރަގަޅެވެ. ވިހެއުމުގެ ކަންތައް ނިމުމުން އަހަރެން އެދަރިފުޅު އަހަރެންނަށް ފައިސާދިން ދެމަފިރިންނާ ހަވާލު ކުރީމެވެ. އަދި ބޭބީ އާއި ދިމާލަށް މާބޮޑަށް ނުބަލާ އަވަސް އަވަހަށް އަނބުރާލާފައި އެތަނުން ދިޔައިމެވެ.
އެފަހަރު ލިބުނު ލާރިން އަހުމަދުގެ މަންމަގެ ގޭގެ މޯގޭޖް ގާތްގަނޑަކަށް ނިމުނު ކަމަށް އަހުމަދު ބުންޏެވެ.
ނަމަވެސް ވިހޭތާ 6 މަސްވެސް ނުވަނީސް އަނެއްކާވެސް އޭނަ އެކަމަށް އެދުނެވެ. މިފަހަރު މަންމަގެ ކާރު ޕޭމަންޓާ ކާޑުތަކުގެ ދަރަނި ފިލުވުމަށް ކަމަށް ބުންޏެވެ. އަހަރެން ބުނީމެވެ. އަހަރެންގެ ހަށިގަނޑުގެ އެތެރެ ހުރީ ރޯފާރުގަނޑެއް ހެންނެވެ. އަދި ރަނގަޅަށް ހަމަޔަކަށް ނުވެސް އެޅެއެވެ. ކުރިން ދުވަހަކުވެސް ނުރިއްސާ ތަންތަނުގައި ރިހުންތައް އެހުރެއެވެ. ނަމަވެސް މިކަމުން އޭނަގެ ހިތަކަށް އަސަރެއް ނުކުރިއެވެ.އަހަރެނަށްވެސް ދަރިފުޅު ޖޭކަބް އަށްޓަކާވެސް އެހެން ގޮތެއް ނެތުމުން އެއްބަސް ވެވުނީއެވެ.
ދެވަނަ ފަހަރަށް ބަލިވެ އިނދެ އަހަރެން ވަރަށް ބަލިވިއެވެ. އެއްޗެއް ނުކެވި ހޮޑުލެވި ބޯ އަނބުރާ ގައިގަ ވަރެއްނެތި މިފަދަ އެތައް އުނދަގޫ ތަކެއް ވަމުން ދިޔައެވެ. އެހާހަމައިން އަހުމަދު އަހަރެންނާ ދުރުވާން ފެށިއެވެ.ގެސްޓް ރޫމަށް ނިދަން ދާންފެށިއެވެ. އަދި އަހަރެންނަށް އެހީތެރިވެދިނުމަށް އެދުނަސް ސާރާވެސް ގަބޫލުގަ ނޫންހޭ ތިޔަކަން ފެށީ، އަހަރެން ކުށްވެރި ނުކޮށް އެކަނި ކޮށްލާށޭ، އަހަރެންނަށް އިތުރު ކަންކަމެއް ނުކުރެވޭނެޔޭ ފަދަ އިބާރާތްތައް ބުނަން ފެށިއެވެ.
އެފަދަ ބަލި ހާރުގަ އުޅެ ދެވަނަ ދަރިފުޅު ވެސް ވިހައިފިއެވެ. ނަސީބު ރަގަޅު ކަމުން އަހަރެން ބަލިވި ނަމަވެސް ދަރިފުޅުގެ ސިއްހަތު ރަގަޅެވެ. އެދަރިފުޅު ގެ މަންމައާއި ބައްޕަ ތިބީ ވަރަށް އުފަލުންނެވެ. އަދި އަހަރެންނަށް ވަރަށް ގިނަ ހަދިޔާއާއި ދޭނެޖެހޭ ފައިސާދިނުމަށްފަހު ހިނގައްޖެއެވެ.
އޭގެ މަހެއްހާދުވަސް ފަހުން އީތަން އެއްރެޔަކު ބުންޏެވެ.“ވާހަކަ އެއް ދައްކާލަން އެބަޖެހެއެވެ.“ އަހަރެންނަށް އަދި ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮން ބުންޏެވެ.“މިކަން ދެން އަހަރެންނަށް ކުރިޔަކަށް ނުގެންދެވޭނެއެވެ.“ އަހަރެން ހައިރާންވެފައި ކޮންކަމެއްހޭ ސުވާލު ކުރުމުން ބުނީ ކައިވެނި ދެން ކުރިޔަށްގެންދަން ބޭނުން ނޫން ކަމުގައެވެ.
އޭނާދެއްކި އުޒުރަކީ އަހަރެންގެ ހަށިގަޑު ފަލަވާން ދޫކޮށްލާފައި ވާކަމަށާއި ނަލަހެދި ރީތި ވުމަށް މަސައްކަތް ނުކުރާތީ ސިފަ ހަޑިވެފައިވާ ކަމަށް ބުނެއެވެ. އަބަދު ބަލިވެ އުޅޭތީ ކަމަށް ބުންޏެވެ. އަދި އޭނާ މިހާރު އަހަރެންނަށް ހިތް ނުކިޔާ ކަމަށް ބުންޏެވެ.
ވަގުތުން އެރޭން އެރެޔަށް ފޮއްޓަކަށް އެއްޗެތި އަޅައިގެން އޭނަ ގެއިން ދިޔައެވެ. ފަހުން އިގުނު ގޮތުގައި އޭނަ ދިޔައީ އޭނަ ހިތާވެގެން އުޅޭ އަންހެން ކުއްޖާ ކައިރިޔަށެވެ.
އަހަރެން ދެދުވަސް ވަންދެން ރުއީމެވެ. އެކަމަކު ދަރިފުޅު ޖޭކަބް އަށްޓަކާ ތެދުވެ ހިއްވަރު ކުރަން ޖެހުނެވެ. ދެތިންދުވަސް ފަހުން ޖޭކަބް ސުވާލު ކުރަން ފެށިއެވެ.ބައްޕަ ކޮބާހެއްޔެވެ.ގެޔަށް އަންނާނީ ކޮން އިރަކުން ހެއްޔެވެ. އަހަރެން ބުނީމެވެ. ބައްޕަ ދެން އުޅޭނީ މަންމައާއި ދަރިފުޅާ އެކީއެއްނޫނެވެ.
ވަރިކުރުމަށްފަހު އަހުމަދު ވަނީ ދެމީހުން އެއްކުރި ހުރިހާ ފައިސާވެސް އަތުލާފައެވެ. އަހަރެން ވަޒީފާ އަކަށް ނުދާތީ އެފައިސާ އަހަރެންނަށް ހައްގުނުވާނެ ކަމަށް ބުނެއެވެ. އެކަމަކު ގޭތެރެ ސާފުކޮށް ކައްކާ އެއްޗެތި ދޮވެ ހެދުމަކީވެސް ދެމީހުންގެ ދިރިއުޅުމަށްޓަކާ ކުރާ ކަންތައް ކަމެއް އޭނަ ހަނދާނެއް ނެތެވެ. ނޯކަރުން ހޯދައިގެން އުޅުނު ނަމަ އެފައިސާ ބާކީ ނުކުރެވުނީސް ކަންވެސް އޭނާ އަކަށް ނޭގުނެވެ.
އަހަރެން ކިތަންމެ ވަރަކަށް މާޔޫސްވެ އުންމީދު ގެއްލިފައި ވީނަމަވެސް ދަރިފުޅަށް ޓަކައި ވަޒީފާ އަށް ދާންވެސް މަޖްބޫރު ވިއެވެ. ކުއްޖާގެ ޚަރަދަށް އަހުމަދު މަހުންމަހަށްދޭ ކުޑަ ފައިސާ ކޮޅުން ނުފުދޭތީއެވެ.
އެއްދުވަހަކު އަހަރެން އަދި އަހުމަދުގެވެސް ރައްޓެއްސަކު ފޯނުކޮށްފަ، މަޖާ ޚަބަރެއް އެބައޮތޭ ބުންޏެވެ. އޭނަ ބުނި ގޮތުގައި އަހުމަދު އަހަރެންނަށް ކަންތައް ކުރި ގޮތް އަހުމަދުގެ އޮފީހުގެ ބޮޑުމީހާ އަށް އެނގިގެން އަހުމަދު ވަޒީފާއިން ވަނީ ކަނޑާލާފަ އެވެ.މޯރަލް ވެލިއުގެ ގޮތުން އޭނަ ކުރީ އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް ކޮށްގެންވާނެ ފަދަ ކަމެއްނޫން ކަމަށާ، އެފަދަ މީހަކު ވަޒީފާ އަދާކުރާ ތަނަށްވެސް އެއްވެސް ލޯތްބެއް ކުލުނެއް ނޯންނާނެ ކަމަށް ވެރިމީހާ ބުނި ކަމަށް ވެއެވެ.
މީގެ އިތުރުން އޭނާ ހިތާވެގެން އުޅުނު ޒުވާން އަންހެން ކުއްޖާވެސް ހުރިހާ ލާރިތައް ހިފައިގެން ފިލާފައިވާކަމަށް ރައްޓެހި ކުއްޖާ ބުންޏެވެ.
މިޚަބަރުތައް އިވި އަހަރެންނަށް އުފާވާންވެސް ދެރަވާންވެސް ނޭގިފައި އެތައް އިރަކު އިނދެވުނެވެ. އަހަރެން ހިތަށް އެރިއެވެ. ފަރަންޖީން އެބުނާ ކަރުމާ އަކީ މީތާދޯއެވެ.
އަހަރެން ވިހޭ އެއްކުއްޖަކުގެ މަންމައާއި ބައްޕަ އަކީ ބޮޑު ސެލޫން އަކާއި ޖިމް އެއް ހިންގާ ދެމަފިރިންނެވެ. އެދެމީހުންނަށް އަހަރެންގެ ހާލުގެ ހަބަރު ލިބުމުން އަހަރެންނަށް ކޮފީއަކަށް ދައުވަތުދީ ރެސްޓޯރަންޓަކުން ބައްދަލުކޮށް ހާލުގެ ވާހަކައިން ސުވާލުކޮށް އޮޅުން ފިލުވާ ހެދިއެވެ. އަދި އެއްގޮތަކަށް ވެސް މީހާގެ ސިފަ ހުތުރުވާން ދޫކޮށްލައިގެން ނުވާނެ ކަމަށްބުނެ އެމީހުންގެ ސެލޫނުން ނާއި ޖިމުން ފްރީ މެމްބަރޝިޕް ދިނެވެ. އަދި އަހަރެން ބޭނުން ކޮންމެވަގުތަކު ކޮންމެ ޚިދުމަތެއް އެތަންތަނުން ލިބޭނެ ކަމަށް ބުންޏެވެ.
އެދެމަފިރިންގެ އެހީތެރިކަމާއެކު އަހަރެންގެ ޒުވާން ސިފަ އަނެއްކާވެސް އަހަރެންނަށް ލިބެން ފެށިއެވެ. އުމުރުން އަދި މިވީ ތިރީސްފަސް އަހަރެވެ. އެހެން ކަމުން މިއީ މާ އުނދަގޫ ކަމަކަށް ނުވިއެވެ.
އަހަރެންގެ ދުވަސްތައް މިހާރުވަނީ ގިނަ ކަންތައް ތަކަކުން ފުރިފައެވެ. ފޫހިކަމެއް ނުވަތަ ހިތްދަތި ކަމެއް އިހުސާސް ކުރާކަށް ނުޖެހެއެވެ. އަހުމަދު އުޅޭ ނޫޅޭ ގޮތެއް އަހަރެން ނުވެސް ބަލަމެވެ. ބަލާކަށް ނުވެސް ޖެހެއެވެ. އިވޭ ގޮތުގައި އަހުމަދު ވަނީ މަންމަގެ ގެޔަށް ބަދަލުވެފައެވެ. އެކަމަކު ވަޒީފާއެއްނެތި މާޔޫސްކަމުގައި އުޅެން ޖެހުމުން އޭނަވަނީ ފަލަވެ ސިފަގެއްލި ބޮލުގެ އިސްތަށިކޮޅުވެސް ފައިބަންފަށާފައެވެ.
އަހަރެން މިހާރު މިވިސްނަނީ ފޭސްބުކް އިން ދާދިފަހުން އަހަރެންނާއި ދިމާވި މީހެއް ކަމަށްވާ ފައްޔާޒް ހުށައެޅި ލޯބި ގަބޫލު ކުރުމާއި މެދުއެވެ. އޭނާއަކީ މާލޭގައި ގެހުރި އަތްމަތި ތަނަވަސް މީހަކަށް ވުމުގެ އިތުރުން އަހަރެން އެދޭފަދަ ދީންވެރި ތަޤްވާވެރި މީހެކެވެ. އޭނައާއި ގުޅިގެން ދަރިފުޅަށް ވެސް ރަގަޅު މުސްތަގްބަލެއް ހޯދާދެވޭނެއެވެ. އޭނާހުރީ އެކަމަށް އެދިގެންނެވެ.ސާރާގެ ދަރިފުޅުވާނީ ތިމަންނަގެވެސް ދަރިއަކަށް ކަމަށް ބުންޏެވެ.
ފައްޔާޒް އާއި އެކު މިރޭ ކެއުމަކަށް ދާން ދައުވަތު ދީފައި އޮތުމުން އެތަނަށްދާން ލާނެ ރީތި ހެދުމެއް ހޯދުމަށް ހެވިލާފައި ހުރެގެން ވޯޑްރޯބް ހުޅުވާލީމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް