އިންޑިޔާގައި ބާއްވަން ތައްޔާރު ވަމުންދާ އިންތިހާބަކަށް ކުރިމަތި ލާފައިވާ ބީޖޭޕީގެ ބައެއް ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށްޓަކާ ބޮޑު ރޯ މަހެއް ހިފައިންގެން ދޮރުން ދޮރަށް ހިނގަމުން ދާކަމަށް ޚަބަރު ލިބެއެވެ. މިފަދަ ކެންޑިޑޭޓުންގެ ސަޕޯޓަރުން ބެރު ޖަހާ ދުންމާރި ފުމެމުން ފަހަތުން އަންނަ ކަމަށް ވެއެވެ.
އިންތިހާބަކީ ވެސްޓް ބެންގޯލް އެސެމްބްލީ އަސް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބް ކަމަށްވާއިރު، މިހިސާބުގެ ގިނަ މީހުންނަކީ މަސްވެރި ކަމުން ކައިގެން އުޅޭ މީހުން ކަމަށް ވެއެވެ.
ކެންޑިޑޭޓުން މަހެއް އަތުން ހިފައިގެން ގޮސް މިދޭ މެސެޖަކީ ތިމަންނާއަކީވެސް ކަލޭމެންނާ އެކުގައިވާ މީހެއް ކަމުގެ މެސެޖް ކަމަށް ވެއެވެ.
ބެންގޯލް ގެ ރައްޔިތުންނަށް މަހަކީ ހަމަ އެކަނި ކެއުމަށް ބޭނުން ކުރާ އެއްޗަކަށް ވުމުގެ އިތުރުން މަހަކީ މުޅި އިގްތިސާދުގެ ލޭނާރު ކަމުގައިވެސް ބެލެވެއެވެ.
އިންޑިޔާގައި ސިޔާސީ ފަރާތްތަކަށް އޮންނަ ތާއީދުވެސް ކެއުމުގެ ބާވަތްތަކާ ގިނަ ފަހަރުވަނީ ގުޅިފައެވެ. މިސާލަކަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ މަސް ފަރިއްނުކުޅުއްވާ ބޭފުޅަކަށްވާއިރު ބީޖޭޕީގެ ގިނަ ސަޕޯޓަރުންނަކީ ވެސް ވެޖިޓޭރިއަނުން ނުވަތަ އެއްވެސް ބާވަތެއްގެ މަހެއް ނުކާ މީހުންނެވެ.
މުޅި އިންޑިޔާއަށް ބަލާއިރު ވަރަށް ގިނަބަޔަކީ އެއްވެސް ވައްތަރެއްގެ މަހެއް ނުކާ މީހުންނެވެ. ނަމަވެސް ވެސްޓް ބެންގޯލްގެ އިންތިހާބް އާއި ގުޅިގެން މަސް މިވަނީ ކެއުމުގެ ސުފުރާ ތަކުން ކައްސާލައިގެން ކެމްޕެއިން ހަރުގެ ތަކަށް ދަތުރު ކޮށްފައެވެ.
އިތުރު ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ވެސްޓް ބެނގޯލްގެ ޗީފް މިނިސްޓަރ މަމްތާ ބެނަޖީ ވިދާޅުވީ ވެސްޓް ބެންގޯލް ރައްޔިތުންގެ އާންމު ކެއުމަކީ މަސްރިހަޔާއި ބަތް ކަމަށްވާއިރު ބީޖޭޕީން މަސައްކަތް ފަށާފައިވަނީ މިގޮތް ބަދަލު ކުރަން ކަމަށާ ނަމަވެސް އެއީ ބަހުސެއްވެސް އޮތް މައްސަލަ އެއް ނޫން ކަމުގައެވެ. މަމްތާ ވިދާޅުވި ގޮތުގައި ބީޖޭޕީގެ ކެންޑިޑޭޓް ހޮވައިފިނަމަ ކަނޑުމަހާ އެއްގަމު މަހުގެ އިތުރުން ބިސް ކެއުން ވެސް މަނާކުރާނެ ކަމުގައެވެ.
ނަމަވެސް ބީޖޭޕީން މިކަން ދޮގުކުރެއެވެ.
”މަސް“ މި މައުޟޫއު އަކީ ކެމްޕެއިން ސްލޯގަންގެ ގޮތުގައި މޯދީވެސް ވަނީ ނަންގަވާފައެވެ. މޯދީ ވިދާޅުވީ 15 އަހަރު ދުވަހު ޗީފް މިނިސްޓަރުކަން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިނަމަވެސް މަމްތާ އަށް ވަނީ އަމިއްލަ ބޭނުންތަކަށް ފުދޭވަރަށް ވެސް މަސް ނުބޭނިފަ ކަމަށެވެ.މޯދީ ވިދާޅުވީ ވެސްޓް ބެންގޯލްގެ ބޭނުން ތަކަށް އެހެން ސްޓޭޓް ތަކުން މަސް އެތެރެ ކުރަން ޖެހިފައިވާ ކަމުގައެވެ.
ރައްދުގައި މަމްތާ ބެނަރޖީ ވިދާޅުވީ ބެންގޯލްގެ ބޭނުންތަކަކަށް ފުދޭވަރުގެ 80 އިންސައްތަ އަމިއްލަޔަށް އުފައްދާ ކަމުގައެވެ. މީގެ އިތުރުން ބެނަރޖީ ވިދާޅުވީ ބީޖޭޕީގެ ނުފޫޒުން ބިހާރު، އުއްތަރް ޕްރަދޭޝް އަދި ރާޖެސްތާންފަދަ ސްޓޭޓް ތަކުގައި މަސް ކެއުން ހުއްޓުވަމުން ދާ ކަމުގައެވެ. އަދި ޑެލްހީގައި މަސްވިއްކާ ފިހާރަތަކަށް ބީޖޭޕީން ހަމަލާތައް ދެމުންދާ ކަމަށްވެސް މަމްތާ ބެނަރޖީ ތުހުމަތު ކުރެއްވިއެވެ.
![]()
