”އޮއިލް ކްރައިސިސް“ އާއި ގުޅިގެން ޖަޕާނުން އޭޝިޔާގެ ގައުމުތަކަށް 10ބިލިއަން ޑޮލަރުގެ އެހީއެއް ދެނީ

Loading

Facebook
Twitter
WhatsApp

އީރާން ހަނގުރާމަޔާއި ގުޅިގެން މިހާރު ކުމަތިވެފައިވާ އޮއިލް ކްރައިސިސް ނުވަތަ ތެލުގެ ދަތިކަން ހައްލުކުރުމަށް ޖަޕާނުން ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކަށް 10ބިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައިވާކަން އެގައުމުން ހާމަ ކޮށްފިއެވެ.

ބޮޑުވަޒީރު ސަނާއޭ ޓަކައީޗީ މިކަން އިއުލާން ކުރައްވާފައިވަނީ ބުދަދުވަހު އޮންލައިންކޮށް އޭޝިޔާގެ ލީޑަރުންނާއި އެކު ބޭއްވެވި ބައްދަލް ވުމަކަށް ފަހުއެވެ.
ޕެޓްރޯލިއަމް ބޭނުންކޮށްގެން އުފައްދާ ބާވަތްތައް، ޚާއްސަކޮށް މެޑިކަލް އިކުއިޕްމަންޓް ޖަޕާނަށް އެތެރެ ކުރަނީ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމު ތަކުން ކަމަށް ވެއެވެ. ބޮޑުވަޒީރު ޓަކައީޗީ ފާހަގަ ކުރައްވާފައިވާ ގޮތުގައި ސަޕްލައި ޗޭންތަކުގެ ޒަރިއްޔާއިން ޖަޕާނުން ވަނީ އޭޝިޔާގެ ކޮންމެ ގައުމަކާއެކުވެސް ގާތް ގުޅުންތަކެއް އުފައްދާފައެވެ.
ޖަޕާނުން ހަމަޖައްސާދޭ އެހީގެ އަމާޒަކީ އޭޝިޔާގެ ގައުމުތަކުން ކްރޫޑް އޮއިލް އަދި ޕެޓްރޯލިއަމް ޕްރޮޑަކްޓް ތައް ގަތުމާއި ސަޕްލައި ޗެއިން ތައް ދެމެހެއްޓުމަށް އެހީތެރި ވުމެވެ.މިއާއިއެކުއެކީ ސްޓޮކްޕައިލް އިތުރު ކުރުމަށްވެސް އެފައިސާ އެހީތެރި ވެދޭނެއެވެ.
އޭޝިޔާގެ ގައުމުތަކުން ބޭނުން ކުރާ ތެލުގެ 90 އިންސައްތަޔަކީ ސްޓްރެއިޓް އޮފް ހޮރްމޫސް ހުރަސްކޮށް އުފުލޭ ތެލެވެ.އެހެން ކަމުން މިވަގުތު ހޮރްމޫސް ކަނޑުއޮޅި ބަންދު ކޮށްފަ އޮތުމުން އޭޝިޔާގެ ގައުމުތަކަށްވަނީ ތެލުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި 10 ބިލިއަން ޑޮލަރަކީ އާސިޔާން ގައުމުތަކުން ކްރޫޑް އޮއިލް ގަތުމަށް އެއްއަހަރުދުވަހު ހޭދަކުރާ ވަރާ ގާތް އަދަދެކެވެ.އެމިނިސްޓްރީން ބުނެފައިވާ ގޮތުގައި ޖަޕާން ސަރުކާރުގެ ނިންމުމަށް ފިލިޕީންސް،މެލޭޝިޔާ،ސިންގަޕޯ،ތައިލަންޑް،ވިއެޓްނާމް، ބަންގްލާދޭޝް އަދި ދެކުނު ކޮރެޔާ ފަދަ ގައުމުތަކުން ވަނީ މަރުހަބާ ކިޔާ ޝުކުރު އަދާކޮށްފައެވެ.
މިއެހީ ވެދޭނީ ޖަޕާނުގެ ތަފާތު އިންސްޓިޓިއުޝަން ތަކެއް މެދުވެރިކޮށެވެ.އޭގެ ތެރޭގައި ޖަޕާން ބޭންކް ފޯ އިންޓަނޭޝަނަލް ކޯޕޮރޭޝަން،އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް،ޖަޕާން އިންޓަނޭޝަނަލް ކޯޕޮރޭޝަން އޭޖެންސީ ފަދަ އިދާރާތައް ހިމެނެއެވެ. ބޮޑުވަޒީރު ޓަކައީޗީ ވިދާޅުވި ގޮތުގައި މިއެހީގެ ސަބަބުން ޖަޕާންގެ އަމިއްލަ އޮއިލް ސަޕްލައި އަށް އެއްވެސް ނެގެޓިވް އަސަރެއް ނުކުރާނެއެވެ.
ޚަބަރުތައް ބުނާ ގޮތުން 2025 ނިމުނު އިރު ޖަޕާންގެ ތެލުގެ ރިޒާވް ގައި 254 ދުވަހު އަމިއްލަ ބޭނުންތަކަށް ފުދޭވަރަށް ތެޔޮ ހުއްޓެވެ.ނަމަވެސް މުޅިދުނިޔެއަށްވެސް ކުރިމަތިވެފައިވާ އެނާޖީ ކްރައިސިސްގެ ސަބަބުން މި ރިޒަރވުން ބޭނުން ކުރަންވަނީ ޖެހިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް