ރައްޔިތުންގެ މުދަލާއި ފައީސާ ސަލާމަތް ކުރަން ބޭނުންނަމަ ވައްކަންކުރާ މީހަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގެންނަން ވޯޓު ނުދެއްވާށެވެ.
ވައްކަމުގެ ކުށް ސާބިތު ނުވިއަސް ރައްޔިތުންނަށް ވަގުންނޭ މިކިޔޭ މީހުންތައް ވަރަށް ރަނގަޅަށް އެނގެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ގާނޫނުއަސާސީގައި އެ އޮތް ގޮތަށް އޮވެގެން ރައީސް މީހާ ފާޅުގައި ވައްކަން ކުރިއަސް ރައްޔިތުންނަށް އެ ރައީސް މީހާ މަގާމުން ދުރުކުރެވޭކަށް ނެތެވެ. ރައްޔިތުންގެ ބާރުވެސް އެ ރައީސް މީހާ އެކި ރޭވުންތައް ރާވައިގެން ކަނޑުވާލައެވެ. ރައްޔިތުންނަށް އިޚުލާޞްތެރި ވެރިޔަކު ލިބޭނީ ފަސްބައި ސާފު ވެރިޔަކު ބަލައި ރައްޔިތުން ވެސް ޒިންމާދާރު ކަމާއިއެކު ދިރާސާ ކުރުމުންނެވެ. މިރާއްޖޭގައި ދައުލަތުން ވައްކަންކުރާ މީހުން މިހާރު ރައްޔިތުންނަށް ސާފުވާނެއެވެ.
މިހާރު ވެރިކަމުގައި ހުރީ ކިހާވަރެއްގެ ބޭފުޅެއްކަން އިތުރަށް ރައްޔިތުންނަށް ކިޔައި ދޭކަށް ނުޖެހޭނެއެވެ. އަރިހުގައި އެނބުރޭ މީހުންގެ ޙާލަތާއި މެދުވެސް ރައްޔަތުން ފުންކޮށް ވިސްނާން ޖެހޭނެއެވެ. ދައުލަތަށް ބޮޑުތަނުން ޚިޔާނާތްތެރިވެ ގައުމުގެ މުސްތަގުބަލް ވިއްކާލައި އަންނާން އޮތް ޖީލުތައް ދަރަނީގެ ތެރެއަށް ގަންބާލުމަކީ ރައްޔަތުންގެ މުސްތަގުބަލުގައި ހުޅުޖެހުން ފަދަ ކަމެކެވެ.
ވޯޓުން އަތްދޫކޮށްލުމަށްފަހު އެވޯޓުގަޑުން ގެއްލުންވިއަސް ކުރެވޭނެ ކަމެެއް ނުއޮންނާނެއެވެ. އެހެން ކަމާއެކު ތިމާގެ އިންތިޚާބީ ޙައްގަށް ރައްކާތެރިވާން އެބަޖެހެއެވެ.
ރާއްޖޭގެ ވެރިކަމަށް ރައްޔިތުން ވޯޓުލައިގެން ފިރުޢައުނަށް ވުރެ ނުލަފާމީހަކު ގެނުވުނަސް ރައްޔިތުންނަށް އެމީހާ ބޭލުގެ ބާރެއް ނެތެވެ. ބޭލޭނެ ގޮތެއް ނޯވެއެވެ. ދެކޮޅަށް ނުކުމެފިނަމަ އެއީ ބާގާވަތެއް ކަމަށް ބުނެ ހަބޭހަށް ކަރުނަގޭސް ތަކާއި އަދި ކަންފަތުގެ ތޫރިގޮށްވަ ކަހަލަ އަޑުތަކުން ވެސް ސަރުކާރުން ރައްޔަތުންނަށް ހަމަލާދެނިއެވެ. ފަސްއަހަރުދަވަސް ވަންދެން ރައްޔިތުން ބަނޑުގިނީގައިވެސް ޖެހެނީ ތިބޭށެވެ. މިކަމަކީ ރައްޔިތުން ނުކުމެ ރަނގަޅު ކުރަން ޖެހޭ ކަމަކެވެ. ރައްޔިތުންނަށް ހުވަފެން ދައްކައި އަވާމެންދުރު ދައްކައިގެން ވެރިކަމަށް އަރާ ރައްޔިތުން މުދަލާ ފައިސާ ކޮޅު ބޮޑެތި ޚިޔާނާތްވިމަވެސް ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނެތެވެ.
މިއީ ރައްޔިތުން ވެރިކަމަށް އަންނަން މަރުދޭ މީހާގެ ފަތިފުށް ބަލާލުމެއްނެތި ރިސާރޗް ނުކޮށް ޒިންމާދާރު ކަމެއް ނެތި ވޯޓު ދެވޭތީ ވާގޮތެކެވެ.
އެހެން ކަމާއެކު މިނޫން އެހެން ފަރުވާއެއް ރައްޔިތުން ހޯދަން އެބަ ޖެހޭ ނޫންތޯއެވެ.
ވެރިކަން ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނުއަސާސީ ގައި ބުނެފައިވާއިރު ރައްޔިތުން އުލުބައިންދައި ރައްޔިތުން އިރަށް ދޮންކުރަށް ރިޝްތުން ފުރިފާތިމިބި އެސަރުކާރަކަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި އަދި މީސްމީޑިއާ ކުރިމަތި ރައްޔަތުންނަށް އެފަދައިން ގޮވިޔަސް ރައްޔިތަކަށް ކުރެވޭނެ ކަމެއް ނޯވެއެވެ.
ވެރިމީހާ އަކީ އަނިޔާވެރި ޖައްބާރަކަށް ވެއްޖެ ނަމަ އޭނާގެ ކިބައިން ސަލާމަތް ވާނެ ގޮތެއްނުހޯދޭ ސިސްޓަމެއްގެ ތެރެއިން ވެރިކަމަށް މީހަކު ހޮވުމަކީ ރަނގަޅު ގޮތަކަށް ނުވާނެއެވެ. ރާއްޖޭގެ ސިފައިންނާ ފުލުހުން ނިވާފައްގަނޑަކަށް ހަދައިގެން ވެރިކަން ކުރުމުން މިދާ ސިޔާސަތު ނިމުމަކަށް ގެނެވެން އެބަޖެހެއެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިސްލާޙުކޮށް ރައްޔިތުންގެ ބާރު އަދިވެސް ވަރުގަދަ ކުރަން ޖެހެއެވެ. އެކަން ނުކުރެވޭހަ ހިނދަކު މި ބާއްވާ އިންތުޚާބުތައް ބޮއިކޮޓު ކުރުން ނޫންގޮތެއް ނެތެވެ.
އެއިރެއްގައި ހުންނަ ވެރިމީހާ ގާނޫނުއަސާސީއާއި ޚިލާފުވެ ވައްކަން ކޮށް ގައުމުލޫޓުވަމުން ދާއިރު ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނެތި ތިބެން ޖެހޭ ގޮތަށް ގާނޫނީ ސަރުކާރެއް ހިންގިގެން ނުވާނެއެވެ. އަންނަ ރިޔާސީ އިންތިޚާބު ފެށުމުގެ ކުރިން ރައްޔިތުން ނުކުމެ ރައްޔިތުންގެ ބާރު ހޯދާން ޖެހޭނެކަމަށް އަޅުގަނޑަށް ފެނެއެވެ. ވެރިޔަކު ހޮވޭނީ ރައްޔުތުން ވޯޓު ދިނިއްޔާތާއެވެ! އެހެން ކަމުން ވެރިކަން ކުރާގޮތް ރައްޔިތުންނަށް ކަމުނުދާނަމަ އެ ވެރިކަން ބަދަލުކުރެވޭނެ ފަސޭހަ ގޮތެއް ރައްޔިތުން ހޯދާން އެބަޖެހެއެވެ.
ނޫން ނަމަ ރައްޔިތުން ކުރަން ޖެހެނީ އަބަދު މުޒާހަރާށެވެ. ރައްޔުތުން މުޒާހަރާއަށް ނުކުތުމުން ސިފައިންނާއި ފުލުހުން ނެރެ ރައްޔުތުން ގައިގައި ތަޅާ އަނިޔާކޮށް ޖަލަށްލައި ފާޑު ފާޑުގެ ކެމިކަލް އިން ރައްޔިތުންގެ އަނގަޔާއި ލޮލަށް ސްޕްރޭ ކޮށް ހެދިގެންވެސް ނުވާނެއެވެ. އެހެނީ ބޭނުން ހިނދަކު މަގުތަކަށް ނުކުމެ ރައްޔިތުން މަދަނީ ބަސްނޭހުމަކީ ގާނޫނުން ރައްޔިތުންނަށް ލިބިދީފައިވާ ބިޔަ ޙައްގެކެވެ. މި ކަން ކަން ރައްޔިތުނަށް ރަނގަޅު ކުރެވެން ޖެހޭނެއެވެ. ރައްޔިތުން ބޭނުވެއްޖެ ހިނދެއްގައި ވެރިކަން ބަދަލު ކުރެވޭނެ ބާރު ރައްޔިތުންނަށް ނުލިބޭހާ ހިނދު ވޯޓު ދީގެން ނުވާނެއެވެ. އަދި ރިޝަތުން ދެ ލާރި ކޮޅަކަށް ހެއްލި ގައުމުގެ މުސްތަގުބަލް ކަފުންކޮށް ވަޅު ނުލުމަށް އާދޭސް ކުރަމެވެ. އެދޭ ރިޝްވަތުގެ ލާރިކޮޅަކީވެސް ތިބާގެ ބައިތުލްމާލުގެ ކުރިން ވަގަށް ނަގައިގެން ދޭ އެއްޗެއްކަން ދެނެބަލާށެވެ!
މި ގައުމަކީ އަޅުގަނޑުމެންގެ އެކަނި ގައުމެއް ނޫނެވެ. މި ގައުމަކީ އަންނާން އޮތް ދިވެހި ޖީލުތަކުގެ ވެސް ޙައްގެ ކެވެ. އެހެން ކަމާއެކު ބޮޑުވަރިހަމައިގާ ތިބެ ވަގުންނަށް މިގައުމު ވިއްކާ ނުލުމަށް އާދޭސް ކުރަމެވެ. ދޮގާއި މަކަރު ހަދައި ރައްޔިތުން އޮޅުވާލައިގެން ވެރިކަމަށް އައުން ނިމުމަކަށް ގެންނާން އެބަޖެހެއެވެ.
![]()

2 Responses
ތި ގޮވެލީގައިވެސް އެއްވެސް އުރައްޕެއް ނެތް. ވަގޭ ގޮވަނީވެސް އެއަށްވުރެ ބޮޑެތި ވަގުން. އިޚްލާޞްތެރިކަމާއި ހިތްވަރެއް ކުރިއްޔާ އިސްލާމީ ޝަރީޢަތަށް ނިކަން ގޮވާބަލަ.
ލިޔުން ބަރާބަރު. އެހެނަސް ތިލިޔުނުމީހާވެސް ދައުލަތުން އަދީބުމެންކަހަލަ ވަގުން ނަގައިފާވާ ފައިސާއިން މިލިޔަނެއްހާ ރުފިޔާ ދީފިއްޔާ އެއީ ރައްޔަތުން އަތުން ވަގަށް ނެގި ފައިސާކަން އެނގޭއިރުވެސް އޭގައި ނުހިފާނަންތޯއެވެ. އެއީ މައްސަލަޔަކީ1