ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނަށް އެހީތެރިވާ ދިވެހިންނަށް ފިޔަވަޅު އަޅަނީ

Loading

September 22, 2025
profile
Facebook
Twitter
WhatsApp

ގާނޫނާއި ގަވައިދާ ޚިލާފަށް ބިދޭސީންނަށް ވިޔަފާރިކުރަން އެހީތެރިވާ ދިވެހިން ހޯދައި ފިޔަވަޅު އަޅާނެ ކަމަށް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަޞީޙު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ފަޞީޙު ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ގިނަ ވިޔަފާރިތަކެއް ގަވައިދާ ޚިލާފަށް ހިންގާއިރު، މިފަދަ ވިޔަފާރިތަކުގެ ފަހަތުގައި ދިވެހިން ތިބޭކަން ފާހަގަކުރެވިފައި ވާކަމަށެވެ.

އެހެންކަމާއެކު، ގާނޫނުގައިވާ ގޮތުގެ މަތިން މިފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޞީޙު މި މޭރުމުން ވާހަކަފުޅުދައްކަވާފައި މި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގައުމީ ކެންޕޭނެއް ފައްޓަވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން، އެކަން ތަންފީޒުކުރުމުގެ މަރުހަލާ ކުރިއަށްދާނެ ގޮތާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާއޫދު ވިދާޅުވީ، ބިދޭސީންނާގުޅޭ ޤައުމީ އޮޕަރޭޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން، ފުރަތަމަ ފިޔަވަހީގައި މާލޭ ސަރަހައްދު ބަލައިފާސްކުރާއިރު، ދެން އެ މަސައްކަތް ކުރިއަށްގެންދާނީ އާބާދީ ބޮޑު، އިޤްތިޞާދީ ހަރަކާތްތައް ގިނަ ރަށްރަށުގައި ކަމަށް އޭނާ ވިދާޅުވިއެެވެ. އަދި އެއަށްފަހު ކުދި ރަށްރަށުގައިވެސް މިކަން ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ، މިހާރު މި ފަށަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެކި ކުށްކުށުގައި ޝާމިލުވާ ބިދޭސީން ހޯދައި އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކަމަށާއި، ކިތަންމެ ބޮޑު ތަޙުޤީޤެއް ކޮށްގެންނަމަވެސް ގާނޫނީ އިމުގެ ތެރެއަށް އެކަންކަން ގެނައުމަކީ އަމާޒު ކަމަށެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ ހުސްވި 2024ވަނަ އަހަރުގެ ތެރޭގައެވެ. މި މަސައްކަތުގައި މިހާތަނަށް، ގަވައިދާ ޚިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް، ޑީޕޯޓްވެސް ކޮށްފައިވެއެވެ.

Loading

One Response

  1. ބަންގާލުން ލައްވާ ޕޮލިހުންނާއި ސަފައިންވެސް ވަރަށްގިނަ ވިޔަފާރި ކުރުވާ ނޭންގޭ ޤައވާއިދުންކަމެއް ނުގައިވައިދުން ކަމެއް.. އުދަގޫވާނެ ތިކަން ހުއްޓުވަން ޕޮލހުންނާއި ސަފައިން ތިޔަފިޔަފާރި ބޭރުމީހުންލައްވާ ކުރުވާތި

Leave a Reply to ގަލަން Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް