ގަތަރުގައި ބޭއްވުނު އަރަބި އަދި އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުން

Loading

Facebook
Twitter
WhatsApp


ގަތަރުގައި އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ކުއްލި ބައްދަލުކުރެއްވުން ހިނގަމުންދިޔަ ކޮޓަރިކޮޅަށް ވަނުމުގެ ކުރިން އަޅުގަނޑުމެންނަށް މީޑިއާތަކުން އަބަދުވެސް ފާހަގަކުރެވޭ 2 ނުކުތާއެއް ކިއުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވާލާނަމެވެ.


އަރަބި އަދި އިސްލާމީ ގައުމުތައް ނުވަތަ އަރަބި-އިސްލާމީ ގައުމުތައް، އީރާނުގެ މަދަދު ލިބޭ ޓެރަރިސްޓުން، ސުންނީންނާއި ޝިޔާއިން މިއީ ހައްތާވެސް އިސްލާމީ އުންމަތް ބައިބައި ކުރުމަށް ބައިނަލް އަގްވާމީ މީޑިއާގައި ބޭނުންކުރާ ބަހުރުވައެއްކަން ފާހަގަ ކުރެވެއެވެ. އަދި ވަރަށް ގިނަފަހަރަށް އިސްލާމީ ގައުމުތަކުގެ ޚަބަރުތަކުގައި އެންމެ މުހިންމު ނުކުތާތައް އުނިކޮށްލައި ނުވަތަ މަފްހޫމް ގެއްލޭގޮތަށް އެޑިޓް ކޮށްލުމަކީވެސް އާންމު ކަމެކެވެ.
ގަތަރުގެ ވެރިރަށް ދޯހާއަށް އިސްރާއީލުން ހަމަލާދިނުމާ ގުޅިގެން އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިން އެ ގައުމުގައި ބޭއްވި ކުއްލި ބައްދަލު ކުރެއްވުން ފާހަގަވެގެން ގޮސްފައިވަނީ އިސްރާއީލުން ހިންގަމުން ގެންދާ އުދުވާނާ ދެކޮޅަށް އިސްލާމީ މުޖުތަމައުގައި ހިމެނޭ ފަސްދޮޅަހަކަށް މެމްބަރު ގައުމުން އެއް ޕްލޭޓްފޯރމެއްގައި ސާބިތުވެތިބިކަން ހާމަކޮށްދިނުން ކަމުގައެވެ.
އިސްރާއީލުން ގަތަރަށް ދިން ހަމަލާގައި އެ ގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ ހަމާސް ޖަމާއަތުގެ އިސްބޭފުޅުންގެ ތެރެއިން 6 ބޭފުޅަކުވަނީ ޝަހީދުކޮށްލާފައެވެ. އިސްރާއީލުގެ މި ޣައިރު ގާނޫނީ އުދުވާން މުޅިދުނިޔެއިން ގެންދަނީ ކުށްވެރި ކުރަމުންނެވެ.
ގަތަރުގައި ބޭއްވުނު އިސްލާމީ ގައުމުތަކުގެ ވެރިންގެ ބަސްފުޅު ހުރިނެތްގޮތް އަލްޖަޒީރާ އިންވަނީ ގެނެސްދީފައެވެ. ޚުލާސާގޮތެއްގައި އެ ވާހަކަފުޅުތަކަށް ބަލާލަމާ ހެއްޔެވެ!
ގަތަރުގެ އަމީރު، ޝައިޚް ތަމީމް ބިން ހަމަދު އަލް ސާނީ:
ގަތަރަކީ ހަމާސް ޖަމާއަތުގެ ބައެއް އިސް ބޭފުޅުންނާއި އަދި ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ އަނިޔާވެރި ގަތުލުއާންމު ހުއްޓުވޭނެގޮތެއް ހޯދުމަށް އެމެރިކާއިން އެކުލަވާލާފައިވާ އޮނިގަނޑުގެ މައްޗަށް މަޝްވަރާކުރުމަށްޓަކައި ހަމާސް ޖަމާއަތުގެ މަންދޫބުންވެސް ވަޑައިގެން ތިއްބެވި ގައުމެވެ. އިސްރާއީލުގެ ހަމަލާއިން ފާޅުކަން ބޮޑުގޮތެއްގައި ހާމަވެގެންދަނީ އިސްރާއީލުން ހަނގުރާމަހުއްޓަން ބޭނުން ނުވާކަމެވެ. ހަނގުރާމަ ހުއްޓާލައި އަސީރުން މިނިވަން ކުރަން އިސްރާއީލުން ޝައުގުވެރިވާނަމަ މަޝްވަރާތަކަށް ވަޑާއިގެން ތިއްބެވި މަންދޫބުން މަރާ ނުލާނެއެވެ. ހަމައެފަދައިން އިސްރާއީލުން އަހަރެމެންގެ ގައުމަށް ހަމަލާ ދެމުން ގެންދާއިރު އިސްރާއީލުގެ މަންދޫބުންނަށް އަހަރެމެންގެ ގައުމުން މަރުހަބާ ކިޔާނެ ގޮތެއްވެސް ބުނެބަލާށެވެ. ގަތަރުން މަސައްކަތް ކުރަމުން ގެންދިޔައީ އެކުވެރި މިސްރާއި އެމެރިކާގެ ބޭނުން ހިފައިގެން ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމް ކުރެވޭނެ މަގެއް ހޯދުމަށެވެ. އެކަމަކު ނަތަންޔާހޫގެ ސިއްރު ނިޔަތަކީ އަރަބިންގެ ބިންތަކަށްވެރިވެ ގަނެ ގްރޭޓަރ އިސްރާއީލެއް އުފަން ކުރުވުމެވެ. މިފަދަ ނުރައްކާތެރި ނިޔަތެއް ގެންގުޅޭ މީހަކާ އެކު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދެވޭނެގޮތެއް ނޯންނާނެއެވެ.
ތުރުކީގެ ރައީސް، ރަޖަބު ތައްޔިބު އުރުދުޣާން:

އަހަރެމެން ސުލަހަވެރިވެ އެކުގައި އުޅެވޭނެގޮތެއް ހޯދަން މަސައްކަތް މިކުރަނީ ހަމަނުޖެހުން އުފައްދައި ޔުނައިޓެޑް ނޭޝަންސްގެ ގަރާރުތަކަށް ކޮޅުފައިޖަހައި ޓެރަރިސްޓް ވިސްނުން އަށަގެންފައިވާ ގައުމަކާއެކުގައެވެ. އެ ގައުމާދޭތެރޭ ބައިނަލް އަގްވާމީ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ މަގެއް ނެތެވެ.
އިސްރާއީލުގެ ބޮޑުވަޒީރާއި އިސްވެރިންނަކީ އިންސާނުންގެ ލެއަށް ފެންބޮވައިގެންފައިތިބި ބައެކެވެ. އިސްރާއީލުގެ ވެރިން ދޯހާއަށް ދިން ހަމަލާއަކީ އިސްރާއީލުގެ އަސްލު ސޫރަ ދުނިޔެއަށް ހާމަކޮށްދިން ހަގީގަތެކެވެ. ފަލަސްތީނު ރައްޔިތުން ވިއްސި ވިހާލި ކުރަމުން ގެންދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަހަރެމެން ގުޅިގެން އިސްރާއީލާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅަންވީ ވަގުތު މި ޖެހުނީއެވެ. އިގްތިސާދީ ގޮތުން ދަތި ކުރުމަކީ އިސްރާއީލް ހަމަބިމަށް އެންމެ ފަސޭހައިން ތިރިކުރެވޭނެގޮތެވެ.
މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް ސީ ސީ:
އިސްރާއީލުން ގަތަރަށް ދީފައިވަނީ ބައިނަލް އަގްވާމީ ގާނޫނުތަކާ ދެކޮޅަށް ދީފައިވާ ނުރައްކާތެރި ހަމަލާއެކެވެ. އިސްރާއީލުގެ އަމަލުތައް މިގޮތަށް ދަމަހައްޓާނަމަ މެދުއިރުމަތީގެ ސަރަހައްދު އެއްކޮށް ބޮޑުވެގެންވާ ހަމަނުޖެހުމެއްގެތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ. އިސްރާއީލުން މިހާރު ކަންތައް ކުރަމުންގެންދާގޮތުން ބާރުގެ ބޭނުންކޮށްގެން އެ ގައުމުގެ ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ލިބި ނުދެވޭނެކަން އިސްރާއީލުގެ ރައްޔިތުން ދެނެގަންނަން ޖެހޭނެއެވެ. ސަލާމަތާ ރައްކާތެރިކަން ލިބޭނީ އެހެންގައުމުތަކުގެ މިނިވަންކަމާއި އިސްތިގްލާލަށްވެސް ހުރުމަތްތެރިކޮށް ހިތައިގެންނެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން:
އިސްރާއީލާ ދެކޮޅަށް އިސްލާމީ ގައުމުތަކުން އެއް އުންމަތެއްގެ ގޮތުގައި ތެދުވަން ޖެހެއެވެ. އިސްރާއީލުގެ އިތުރު ހަމަލާއަކަށް ފުރުސަތު ދީގެން ނުވާނެއެވެ. އަދި މިވަގުތު ގައްޒާއާއި ޔަމަނާއި ބެއިރޫތު ވީރާނާ ކުރަމުން ގެންދާތަން ނުބަލަން އަހަރެމެން ލޯމަރައިގެންވެސް ތިބެގެން ނުވާނެއެވެ. އަހަރެމެންގެ އެއްބައިވަންތަކަމަކީ ސުންނީ ޝިޔައީ ނުވަތަ އިސްލާމުންގެ ތެރޭގައި ހުރި ބައެއް އާދަކާދައިގެ ތަފާތު ތަކުގެ މައަޗަށް ބިނާކުރެވޭ އެއްޗަކަށް ވެގެން ނުވާނެއެވެ. އަހަރެމެންގެ އެއްބައިވަންތަކަން ބިނާ ކުރެވެން ޖެހޭނީ ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގެ އަލީގައި އިންސާނީ ކަރާމަތުގެ މައްޗަށެވެ. އިސްލާމީ އުންމަތުގެ އެއްބައިވަންތަ ކަމަށްޓަކައި ޒަޔަނިސްޓުންނާ ގުޅުން ކަނޑާލެވެން ޖެހޭނެއެވެ.
އިރާގުގެ ބޮޑުވަޒީރު، މުހަންމަދު ޝިޔާ އަލް ސުދާނީ:
އަރަބިންނާއި އިސްލާމީ ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަން ބިނާވެފައި އޮންނަންޖެހޭނީ އެއް އުންމަތެއްގެ ގޮތުގައެވެ. މިއަދު މެދުވެރިވަމުން މިދާ ކަންތައްތަކުގައި “ ކުށްވެރި ކުރުން “ ގެ ބަދަލުގައި “ އެކުގައިތިބެ ގުޅިގެން ހައްލުހޯދަން “ މަސައްކަތްކުރުމަށް ބަދަލުކުރަން މި ވަނީ ޖެހިފައެވެ. ޔުނައިޓެޑް ނޭޝަންސްގެ ސަލާމަތީ މަޖިލީހަށް ނުވަތަ އާންމު މަޖިލީހަށް ނުވަތަ ޔޫރަޕިއަން ކައުންސިލަށް އަދި މިނޫނަސް ބައިނަލް އަގްވާމީ ކޮޏްމެ ފޯރަމެއްގައި ވަކިވަކި ގައުމުތަކުގެ ބަދަލުގައި އިސްލާމީ އުންމަތުގެ ނަމުގައި ތަމްސީލުކުރަންޖެހޭ ވަގުތު މިއޮތީ ކުރިމަތިވެފައެވެ.
އިސްލާމީ އުންމަތުގެ ސަލާމަތާ ރައްކާތެރިކަމަކީ ބަހުސަށް ހުޅުވާލެވިފައިއޮތް އެއްޗަކަށް ވެގެން ނުވާނެއެވެ. ގަތަރަށް ދިން ހަމަލާއަކީވެސް މުޅި އިސްލާމީ އުންމަތުގެ އިންސާނީ ކަރާމަތާ ދެކޮޅަށް ދިން ހައްދު ފަހަނަޅާފައިވާ އުދުވާނެއްކަން އަންގަންޖެހޭނެއެވެ. ހަމައެފަދައިން ފަލަސްތީނަށްޓަކައި އަހަރެމެންގެ އަމިއްލަ މަގުޗާޓެއްވެސް އެކުލަވާލައި ތަންފީޒު ކުރުވަން ޖެހޭނެއެވެ.
ޖޯރޑްންގެ ރަސްގެފާނު، އަބްދު ﷲ 2 ވަނަ:
އިސްރާއީލުން ދޯހާއަށް ހަމަލާ ދިނުމުން އިސްރާއީލުގެ ނުރައްކާތެރިކަމަށް ނިމުމެއް ނެތްކަން ހާމަވެގެން ހިނގައްޖެއެވެ. ރަސްގެފާނުގެ ވާހަކަފުޅުގައި ހުޅަނގު އައްސޭރީގައިވެސް ޔަހޫދީން ވަޒަންވެރި ކުރަމުން ގެންދިއުމާދޭތެރޭ ނުރުހުން ފާޅުކުރައްވައި އަދި 2 ދައުލަތް އުފެއްދުމުގައި ތަންފީޒުކުރެވޭނެ ގޮތްތަކެއް ނިންމުމަށާއި ގައްޒާގައި ހިނގަމުންދާ ގަތުލު އާންމު ހުއްޓުވުމަށް ބާރު އަޅުއްވާފައި ވެއެވެ.
ފަލަސްތީނުގެ ރައީސް، މަޙްމޫދު އައްބާސް:
އިސްރާއީލުން އަހަރެމެންގެ ގައުމާއި އަހަރެމެންގެ ރައްޔިތުންނަށް ކުރަމުން ގެންދާ އަނިޔާއާއި ތަހަންމަލް ކުރަން ޖައްސަމުންގެންދާ ވޭނާއި ކެކުޅުން ނިމުމަކަށް ގެނައުމަށް ބައިނަލް އަގްވާމީ މުޖުތަމައުން ޒިންމާނަގަން ޖެހެއެވެ. އަހަރެމެންގެ ސަލާމަތާ ރައްކާތެރިކަމުގެ މަޝްވަރާ ތަކުގައި އިސްރާއީލުގެ ހައްދު ފަހަނަޅާފައިވާ ސަރުކާރު ބައިވެރި ނުކުރެވޭނެއެވެ. އެއީ މުޅި އިސްލާމީ އުންމަތުން އެކަތިގަނޑަކަށްވެގެންތިބެ ހާސިލު ކުރެވޭނެ ލަނޑު ދަނޑިއެކެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު، އަންވަރް އިބްރާހިމް

އިސްރާއީލުން ބޭނުންގޮތަކަށް ބޭނުންތަނަކަށް ހަމަލާދީ ގަތުލު އާންމު ހިންގަމުންދާއިރު އަހަރެމެންނަށް ކުރެވޭހާވެސް ކަމަކީ ނުރުހުންފާޅުކޮށް ބަޔާނެއް ނެރުމެވެ. އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވަން އެކުގައިތިބެ އަޅަމުން ގެންދާ ފިޔަވަޅެއް ނެތެވެ. ނުރުހުން ފާޅުކޮށް ބަޔާންނެރުމަކުން އިސްރާއީލުގެ މިސައިލްތަކެއް ނުހުއްޓުވޭނެކަން އެނގިއްޖެއެވެ. އަހަރެމެންގެ ބައްދަލުކުރުމުންތަކުން އެއްވެސް ރަނގަޅު ނަތީޖާއަކަށް ނުދެވުމުގެ ސަބަބުންމެލޭޝިޔާގެ ރައްޔިތުން ތިބީ ފޫހިވެފައެވެ.
އަންވަރުގެ ވާހަކައިގާ ވިދާޅުވެފައިވަނީ ސިޔާސީ ގުޅުން ކަނޑާލައި ހަރުކަށި އިގްތިސާދީ ފިޔަވަޅުތަކެއް އަހަރެމެން އެކުގައިތިބެ އިސްރާއީލާ ދެކޮޅަށް ކަށަވަރު ކޮށްގެން ނޫނީ ފަލަސްތީނުގެ މައްސަލަށް އަދި އިސްރާއީލުން ހިންގަމުން ގެންދާ އުދުވާންތަކަށްވެސް ނިމުމެއް ނާންނާނެއެވެ.
އިންޑޮނޭޝިއާގެ ނައިބު ރައީސް، ޖިބްރާން ރަކަބުމިންގް ރާކާ:
ފަލަސްތީނަށް މެދުވެރިވެފައިމިވަނީ ހަމައެކަނި ފަލަސްތީނަށް ކުރިމަތި ވެފައިވާ މައްސަލައެއް ނޫނެވެ. އެއީ ބައިނަލް އަގްވާމީ ގާނުނުތަކުގެ ދަށުން އެންމެހާ އިސްލާމީ ގައުމުތަކާއި ރައްޔިތުންނަށް ލިބެންޖެހޭ އިއްޒަތާއި އަބުރަށް އަރައިގަންނަމުން ދިއުމެކެވެ. މި ބައްދަލު ކުރުމަކީ ހަމައެކަނި އިސްރާއީލު ގެ ހަމަލާތައް ކުށްވެރިކޮށް ބަޔާނެއް ނެރެން އެއްކުރެވުނު ބައްދަލު ކުރުމަކަށް ވެގެން ނުވާނެއެވެ. މި ބައްދަލު ކުރުމުގެ ޒަރީއާއިން ޔުނައިޓެޑް ނޭޝަންސްގެ ގަރާރުތައް ފުރިހަމަޔަށް ތަންފީޒު ކުރުންނޫން އެހެން ގޮތެއް އެ ޖަމާއަތަށް ލިބިފައި ނުވާކަން އަންގާދޭން ޖެހޭނެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު، ޝާހްބާޒް ޝަރީފް:
ޕާކިސްތާނުން އަބަދުވެސް ގަތަރުގެ ހިމާޔަތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި އިސްރާއީލުން ގަތަރަށް ދިން ހަމަލާ ކުށްވެރިކުރައްވައި ވާހަކަ ދެއްކެވިއެވެ. ހަމައެއާއެކު މެދުއިރުމަތީގައި އިސްރާއީލުން ހިންގަމުން ގެންދާ އަނިޔާވެރި އުދުވާން ކުށްވެރިކުރައްވައި ޕާކިސްތާނުން މެދުއިރުމަތީގެ ސުލްހައާއި 2 ދައުލަތް އުފެއްދުމުގައި ކުރެވިދާނެ ކޮންމެ ކަމަކަށް ތައްޔާރުކަންވެސް ހާމަކުރެއްވިއެވެ.
ގަލްފް ކައުންސިލް ކޯރޕަރޭޝަން:
އިސްރާއީލުން ހިންގަމުންގެންދާ އުދުވާން ހުއްޓުވުމަކީ އެމެރިކާގެ މަސްއޫލިއްޔަތެކެވެ. ގަތރުގައި ބޭއްވޭ މި ބައްދަލުވުމުގައި ނިންމޭ ކަންތައް އެމެރިކާއިން ތަންފީޒުކޮށްދޭން ޖެހޭނެކަން ދޭހަވާ މޭރުމަކުން ޖީ ސީ ސީގެ ފަރާތުން ވާހަކަދެއްކެވި ޖާސިމް މުޙަންމދު އަލްބުދައިވީ ވިދާޅުވިއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯއޮޕަރޭޝަން
މި ބައްދަލުވުމަކީ އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ އަނިޔާވެރިކަމާދެކޮޅަށް ހުރިހާ މުސްލިމުން އެކުވެރިކަންމަތީ ތިބުމަށް ލިބުނު ރަނުގެ ފުރުސަތެއްކަމަށް ވިދާޅުވެ އެ ޖަމާއަތުގެ އާންމު ސެކްރެޓަރީ ހުސައިން ބްރަހްމިން ތާހާ ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިސްރާއީލުން ގަތަރަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށް ވިދާޅުވެ އިސްރާއީލާ ދެކޮޅަށް ހުރިހާ މުސްލިމް ގައުމުތަކުން އެއްބަސްވާ އަދި އެއަށް ބަދަލު ނުގެނެވޭނެ ގަރާރެއް ކަނޑައެޅުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެ ގަރާރު ތަންފީޒު ކުރުމުގައި ބައިނަލް އަގްވާމީ ދުނިޔެއަށް ފިއްތުން ކުރިމަތި ކުރަންވެސް ވިދާޅުވިއެވެ.
ފަލަސްތީނުގެ މައްސަލާގައި ބައިނަލްއަގްވާމީ އިދާރާތަކުން ނިންމާފައިވާ ގަރާރު ތަކާ އެއްގޮތްވާގޮތުގެ މަތިން 2 ދައުލަތް އުފެއްދުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯއޕަރޭޝަނުން ކުރަމުންގެންދާ ތާއީދު ދަމަހައްޓަވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަ އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
އެރެބް ލީގްގެ ޢާންމު ސެކްރެޓަރީ އަހްމަދު އަބްދުލް ޣައިތު:
ފަލަސްތީނުގެ ބިމަށް ވަގަށް ވެރިވެގަނެގެން އުޅޭ އިސްރާއީލޭ ކިޔުނު ދައުލަތުން ފަލަސްތީނުގެ ރައްޔިތުން ބަނޑަށް މަރަމުން އެމީހުންގެ ގެދޮރު ތަޅާ ސުންނާފަތިކޮށް އެމީހުންވިއްސިވިހާލި ކުރަމުން ގެންދާ އިރު އެތަން ބަލަން ތިބުމަށް ނިމުމެއް ގެންނަން ޖެހިއްޖެއެވެ. އެގޮތަށް ބަލަންތިބުމުން އިސްރާއީލުގެ އަނިވެރިކަމުގައި އަހަރެމެންނަށްވެސް ބައިވެރިވެވެނީއެވެ. ނަތީޖާއެއްގެ ގޮތުން އިސްރާއީލުން ބޭނުންވާ ކޮންމެ ކަމެއް މިނިވަންކަމާއެކު ކުރަމުން އެ ގެންދަނީއެވެ. އިސްރާއީލުގެ އަނިޔާވެރިކަން ބަލާ އަދުލު އިންސާފު ކަނޑައެޅޭ ތަނެއް ނުފެނެއެވެ. ބައިނަލް އަގްވާމީ ގާނޫނުތަކާއި ޔުނައިޓެޑް ނޭޝަންސްގެ ގަރާރުތައް ތަންފީޒުކުރުމަށް ދުނިޔެ އޮތީ ނުކުޅެދިފައެވެ. ދުނިޔެ އަނެއްކާވެސް ހިލައިގެ ޒަމާނަށް އެނބުރި ދާކަހަލައެވެ.
ކޮންމެއަކަސް ގަތަރުގެ ބައްދަލުވުމުން އަރަބި ގައުމުތައް އެއްސަފަކަށް އަތުވެދާނެ ކަމުގެ އުންމީދެއްވެސް ލިބިއްޖެކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ. ބައެއް ޚަބަރުތަކުގައި ބައެއް އަރަބި ގައުމުތަކުން އީރާނާ ދޭތެރޭ ދެކެމުން އައިގޮތްވެސް ކޮންމެވެސް ވަރަކަށް ގާތް ގުޅުމަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ ކޮޅުމަތިވެސް އުދަރެހުން ދައްކާލައިފިކަން ފާހަގަ ކޮށްފައިވެއެވެ.. އިސްލާމީ ގައުމުތަކުންވެސް ނޭޓޯ ސްޓައިލްގެ މިލިޓްރީ އެއްބައިވަންތަކަމެއް އުފެއްދުމުގެ ވިސްނުން އުފަންވެއްޖެކަން މީޑިއާތަކުގައި އެންމެ ގަދަ ރަތްއަކުރުން ވަނީ ފާހަގަކޮށްފައެވެ.

Loading

2 Responses

  1. ޢަރަބި ސަމިޓަކުން އެކިޔާ އޯ. އައި. ސީ ގެ ސަމިޓަކުން އިސްލާމް ދީނަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެކަން އެމީހުން މިދިޔަ 30 އަހަރު އެވަނީ ދައްކާފައެވެ. އޭގެ ޖަލްސާއަކަށް ދެ އަހަރުދުވަހު ފަލަސްތީނުގެ ބަނޑަށް މަރުވާ ކުދީނަށް ކާންދީ އިތުރުވާނެއެވެ. އެމީހުން ދެކޭގޮތުގައި އެއިރެއްގައި އެތަންތަނުގައި ވެރިކަން ދަމައިގަނެވިގެން އުޅޭ ވެރިޔަކީ އިސްލާމީ ވެރިޔކެވެ. ބޮޑު ޖޯކް ގްރޫޕެކެވެ. ވީމާ ހަމަ ދާނީ ޖަމަލު ފޮޑިޔަށެވެ. ވަރަށް އަޑު ބާރުވާނެއެވެ. ވަހެއް ނުހުންނާނއެވެ. ދެރަކަމުގެ ކޮޅެއްވެސް ނެތެވެ!

  2. އަގުބޮޑު ކޯޓްލައިގެން އަގުބޮޑު އެންމެހާ އެއްޗެއް ބޭނުންކޮށްގެ އުޅޭ ނިކަމެތި ބައިގަނޑެކެވެ. ރަސޫލާގެ އުންމަތް މި މާތް އިސްލާމީ އުންމަތް މިވެރީގެ ސަބަބުން ލަދުގަނެފިއެވެ. އާރެއް ބާރެއްނެތް އުސް ޢިމާރާތުގެ އަހުލުވެރި ބައެކެވެ. ދެ ހަރަމްފުޅުވެސް މިމީހުނަށް ޙިމާޔަތް ނުކުރެވޭހާ ބަލިކަށި ބައެކެވެ. ގައުމުގެ މީހުން މައިތިރިކޮށްގެން ގެންގުޅުމަށް އެމެރިކާ އާއި ބައިޢަތު ހިފައިގެން އެބިންތަކުގައި އެ ކުއްފާރު އެމެރިކާގެ މިލިޓަރީ ބޭސްތައް ހަދައިގެން އެމީހުން ބޯ އެއްޗެއް ބޮއިގެން ލާއެއްޗަކަށް ލައިގެން އުޅޭ ލަދެއްނެތް ޑިކްޓޭޓަރ ތަކެކެވެ. ދައްކާނީ ﷲ އާއި ރަސޫލާގެ ވާހަކައެވެ. އުޅޭނީ ޙަލާލެއް ޙަރާމެއް ނުބަލައި އެހެން މުސްލިމުންނަކީ އެމީހުންގެ އަޅުންކަމުގަދެކިގެނެވެ. ޔަމަނުގައިވެސް ތި ސަޢޫދީ އާއި އިމާރާތުން އެމެރިކާއާއި ގުޅިގެން ކިތައް ލައްކަ މީހުން މަރައިފާވެތޯއެވެ. ވަރަށް ނުލަފާ ބަޔެކެވެ. މާތްﷲ ހެޔޮލަފާ ބަޔެއްގެ އަތްމައްޗަށް މިއުންމަތް ބަދަލުކޮށްފާންދޭވެ. އާމީން!

Leave a Reply to ޖާވިދު ޙުސޭން Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް