އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށްޓަކައި ޞިއްޙީ ޚިދުމަތްތެރިން ގުޅިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންފި

Loading

September 10, 2025
profile
Facebook
Twitter
WhatsApp

އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށްޓަކައި ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން ގުޅިގެން މަސައްކަތްކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެދިވަޑައިގެންފިއެވެ.

އެކަމަނާ މިކަމަށް އެދިވަޑައިގެންފައިވަނީ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އުފަންވާ ކުދިންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް މަސައްކަތްކުރައްވާ ޚިދުމަތްތެރިންގެ މަސައްކަތް ފާހަގަކުރައްވައި އެކަމަނާ ވަނީ، ރާއްޖޭގައި އުފަންވާ ކުދިންގެ ޞިއްޙަތާބެހޭ ދާއިރާގައި ވަރަށް ހިތްދަތި ކަންކަން ދިމާވެފައިވާކަން އެ ދާއިރާގެ ތާރީޚީ ލިޔުންތަކުން ހާމަވާކަން ފާހަގަކުރައްވާފައެވެ.

އެކަމަނާ ވަނީ، މި ދާއިރާއަށް މިހާރުވެސް ކުރިއެރުންތައް ބޭނުންވާކަން ފާހަގަކުރައްވައި، ތަނާއި ޖާގަ، އަދި އިންސާނީ ހުނަރާއި ޤާބިލުކަން އެކަމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ޞިއްޙީ ދާއިރާގައި ޢިލްމާއި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ގޮތް ޚާއްޞަކޮށް ފާހަގަކުރެއްވޭ ކަމަށާއި، މީގެ ތެރޭގައި، އަލަށް އުފަންވާ ކުދިންނާ ގުޅުންހުރި ކަންކަމަށް ޚާއްޞަކޮށް ތަޢާރަފުކުރެވިފައިވާ ޓެކްނޮލޮޖީ ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި، މިފަދަ ކޮންފަރެންސުތަކުގައި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން، ރާއްޖޭގައި އެފަދަ ކަންކަން ތަންފީޒުކުރުމަށް މަގު ފަހިވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިއަދުގެ ކޮންފަރެންސުގެ މައުޟޫޢަކީ ކޮންމެ ދިވެއްސެއްގެ ހަޔާތާ ގުޅިފައިވާ މައުޟޫޢެއްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ، ކޮންފަރެންސުގައި ކުރެވޭ މަޝްވަރާތަކާއި ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ދެ ދުވަހަށް ކުރިއަށްގެންދާ މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.

Loading

One Response

Leave a Reply to ހަސަން މުފީދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް