ގާނޫނާއި ގަވާއިދާ އެއްގޮތަށް ހަރަކާތްތައް ހިންގަން އީސީން އެމްޑީޕީ އާއި ޕީއެންއެފްއަށް އަންގައިފި

Loading

Facebook
Twitter
WhatsApp

އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސިޔާސީ ހަރަކާތްތައް ނުހިންގުމަށް އެމްޑީޕީއާ ޕީއެންއެފް އަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.


އީސީން ނެރުނު ނޫސް ބަޔާނުގައި ބުނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓްއިން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކުގައި ޢާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، ޢާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޙަރަކާތްތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ޤާނޫނުތަކާއި ޤަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިޔުން އެދި އީސީން ޕާޓީތަކަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެކޮމިޝަނުން ހާމަކުރެއެވެ.

އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން ވަނީ ބަޔާންކޮށްފައެވެ.
އަދި ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ހިންގަމުންދާ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގާފައިވެއެވެ.
މި ސިޓީގައި ސުލޫކީ މިންގަނޑާ ޚިލާފަށް ޕާޓީތަކުގެ ވެރިންނާއި، މެންބަރުންނާއި، ޕާޓީތަކަށް މަސައްކަތް ކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑު ނުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަމާއި، ނަފުރަތު އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށާއި އަދި ޤާނޫނަކުން ހުއްދަ ކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ނުބޭއްވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
މިގޮތުން މިކަންކަން ނުކޮށް ޤާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް އެ ކޮމިޝަނުން މަރުހަބާ ކިޔާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް