އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މާލީ އިންޒާރާއެކުގައިވެސް އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ނުހުއްޓާނެކަމަށް އެގައުމުގެ އޮފިޝަލުން ކަށަވަރު ކޮށް ވިދާޅުވެއްޖެއެވެ. އަދި އިންޑިއާގައިހުރި ތެޔޮ ސާފުކުރާ ކާރުޚާނާތަކުން ރަޝިޔާގެ ސާފުނުކުރާތެޔޮ ގަތުން ހުއްޓާލުމަށް ނުވަތަ ގަންނަ މިންވަރު މަދުކުރުމަކަށްވެސް ސަރުކާރުން އަންގާފައި ނުވާނެކަމަށް އިންޑިއާގެ ރަސްމީ ފަރާތްތަކްށް ހަވާލާދީ ނިއު ޔޯރކް ޓައިމްސްގައި ބުނެފައިވެއެވެ.
އެމެރިކާގެ ވިސްނުން ހުރިގޮތް އެނގިއްޖެ ކަމަށާއި އެކަމާބެހޭގޮތުން މަޝްވަރާ ކުރެވެމުންދާކަމަށް އިންޑިއާ ޚާރިޖިއްޔާގެ ތަރުޖަމާނު ޝްރީ ރަންދިރް ޖައިސްވާލް ހުކުރުދުވަހު ނިއު ދިއްލީގައި ބޭއްވުނު ނިއުސް ކޮންފަރެންސެއްގައި ވަނީ ވިދާޅުވެފައެވެ.
އަދި އިންޑިއާއަށް ތެޔޮގަތުމާއި ގަންނާނެ މިންވަރާކާއި ގަންނާނެ ފަރާތަކާބެހޭގޮތުން ވާހަކަދެއްކުމަކީ އެ މަނިކުފާނަށް ހުޅުވިފައިވާ ފުރުސަތެއް ނޫންކަމަށާއި އެހެންނަމަވެސް އިންޑިއާއިން ހަކަތަ އާއި އެހެނިހެން ވިޔަފާރިކުރުމުގައި ބައިނަލް އަގްވާމީ މާރކެޓްގެ އަގުތަކާއި ލިބެންހުރި ލުއިފަސޭހަތަކަށް އަބަދުވެސް ރިއާޔަތްކުރާނެއެވެ.
އެމެރިކާއާއެކު އުފެދިފައިވާ ހާލަތާބެހޭގޮތުން އެއީ ވަރަށް ހައްސާސް ވާހަކަތަކެއް ކަމަށާއި މީޑިއާއަށް އަންނަ ކޮންމެ ވާހައެއް އެއީ ތެދުކަމަށް ނުވަތަ ދޮގު ކަމަށްވެސް ވެދާނެކަމުގެ އިޝާރާތެއް ކުރައްވައި އެ ކަމާ ގުޅޭގޮތުން ޝްރީ ރަންދީރް ޖައިސްވާލް އިތުރަށް ވާހަކަފުޅުދައްކަވަން ބޭނުންނުވާކަން ދޭހަވިއެވެ.
އިންޑިއާއަށް ރަޝިޔާގެ ތެޔޮ އެތެރެކުރުން ނުހުއްޓުވައި އިންޑިއާގެ އުފެއްދުންތައް އެމެރިކާއަށް އެތެރެކުރާނަމަ މިހާރު ކަނޑައަޅާފައިވާ އިމްޕޯރޓް ޑިއުޓީގެ އިތުން މާލީ ގޮތުންވެސް އިންޑިއާއަށް ދުއްތުރާ ކުރާނެކަން ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް މާލީގޮތުން ދުއްތުރާ ކުރައްވާނެ މިންވަރު ހާމައެއް ނުކުރައްވައެވެ. އަދި އިންޑިއާއާ ދޭތެރޭ އަޅާ މިކަހަލަ ފިޔަވަޅަކުން އެ ގައުމަށް މާ ބޮޑު އަސަރެއް ކުރާނެކަންވެސް ޔަގީން ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
ރަޝިޔާގެ ސާފުނުކުރާތެޔޮ ގަތޮމާބެހޭގޮތުން އިންޑިއާގެ ބަހަކީ އެއީ ދިގުމުއްދަތުގެ ކޮންޓްރެކްޓްތަކެއްގެ ދަށުން ކުރެވެމުންދާ ކަމެއް ކަމަށާއި ހަމަ ބުނާއިރަށް އެކަން ނުހުއްޓުވޭނެކަމަށެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާގުޅިގެން ރައީސް ޕޯޓިންއަށް އިތުރު ފިއްތުންތައް ކުރިމަތިކޮށްގެން ވިޔަސް ހަނގުރާމަހުއްޓުވުމުގެ ބޭނުމުގައި ރަޝިޔާއާއެކު ވިޔަފާރިކުރަމުންގެންދާ ބޮޑެތި އިގްތިސާދުތަކަށް އިތުރު ފިޔަވަޅު އެޅުމަށް ހުޅަނގު ގައުމުތަކުން ބޭނުންވެއެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑިއާވެސް ހިމެނެއެވެ.
އިންޑިއާއަކީ އަހަރެމެންނާ އެކުވެރި ގައުމެންނަމަވެސް އެގައުމުގެ ޓެރިފް މަތިކަމާއި ހަރުކަށި ގަވައިދުތަކާއި އުފުލަން ނުކުޅަދާން ސިޔާސަތު ތަކުގެ ސަބަބުން އެކުގައި ވިޔަފާރީކުރުން އޮންނަނީ ވަރަށް އުދަނގޫ ކަމަކަށް ވެފައެވެ. އަދި ޗައިނާ ފިޔަވައި އެންމެ ގިނައިން ރަޝިޔާގެ ތެޔޮ ގަތުމުގެ އިތުރުން ފަހަކަށް އައިސް ގިނައަދަދެއްގެ މިލިޓްރީ ސާމާނު ވެސް ރަޝިޔާއިންވަނީ ގަނެފައެވެ. ޓްރަމްޕްގެ ޓުރުތު ސޯޝަލް މީޑިއާގައި އިންޑިއާއާއި ބެހޭގޮތުން ވިދާޅުވެފައި ވެއެވެ.
މިދިޔަ ހުކުރު ދުވަހު އިންޑިއާއިން މީގެ ފަހުން ރަޝިޔާގެ ތެޔޮ ނުގަންނާނެ ކަމަށް އުންމީދުކުރައްވާ ކަހަލަ އިބާރާތަކުންވެސް ޓްރަމްޕް ވަނީ ވާހަކަފުޅު ދެއްކަވާފައެވެ.
ބައެއް އެހެން ޚަބަރުތަކުގައި ހާމަކޮށްފައިވާ ގޮތުން ރަޝިޔާއިން އިންޑިއާއަށް އެތެރެކުރާ ސާފު ނުކުރާ ތެޔޮ އިންޑިއާގެ ރިފައިނަރީތަކުން ސާފުކުރުމަށްފަހު ޔޫރަޕްގެ ބައެއް ގައުމުތަކަށްވެސް އެކްސްޕޯރޓް ކުރަމުން ގެންދެއެވެ. ބައިނަލް އަގްވާމީ ވިޔަފާރިއަކީ މިގޮތަށް ގުޅި ލާމެހިފައިވާއެއްޗަކަށްވަފައި އިންޑިއާ ފަދަ ބޮޑު އިގްތިސާދަކާ ކުޅުމަކީ އެމެރިކާއަށްވެސް ފަސޭހަކަމަކަށް ނުވާނެއެވެ.
One Response
ރަށިޔާގެ ތެޔޮ އިންޑިޔާއަށް ވިއްކާ ހެއު އަގުގައި އެމެރިކާގެ ތެޔޮ އިންޑިޔާއަށް ވިއްކަން އެމެރިކާއިން އެއްބަސް ވަނިކޮން ތިޔަކަން ޙައްލުވީއެވެ.