އީރާނުގެ މިސައިލް ހަމަލާތަކުން އިސްރާއީލު ރައްކާތެރިކުރުމަށްޓަކައި އެމެރިކާގެ އަތުގައި ހުރި ތާރމަލް ހައި އޮލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ސްޓޮކްގެ ގާތްގަނޑަކަށް %20 ހޭދަކުރަން ޖެހުނުކަން ހާމަވެއްޖެއެވެ. އޭގެ އަގު އަންދާޒާ ކުރެވިފައިވަނީ 800 މިލިއަން އެމެރިކާ ޑޮލަރ ކަމުގައެވެ.
ތާޑް ދިފާއީ ނިޒާމަކީ ހައި އޮލްޓިޓިއުޑް ބެލިސްޓިކް މިސައިލްގެ ހަމަލާއިން ރައްކާތެރިކަން ލިބިގަނެވޭ ހަތިޔާރެއް ނަމަވެސް މިޒަމާގު ޓެކްނޯލޮޖީގައި އީރާނަ ފަދަ ގައުމުތަކުން އުފައްދާ މިސައިލްތަކުން ދިފާއުވުމަށް މާބޮޑު ބޭނުމެއް ނުކުރެވޭކަމަށް ބުނެއެވެ.
ޖޫން 13 އިން ޖޫން 24 އަށް ކުރި ހަނގުރާމައިގާ އެމެރިކާއިން ބޭނުންކުރި 8 ވަނަ ތާޑުގެ ބެޓެރީން އިންޓަރސެޕްޓަރތައް ބޭނުން ހިފަން ޖެހުނުލެއް ގިނަކަމުން އޭގެ ނުކުޅެދުންތެރިކަންވެސް ހާމަވެގެން ދިޔައެވެ.
1990 ވަނައަހަރު ލޮކްހީޑް މާރޓިން އިން އެމެރިކާގެ މިލިޓްރީއަށް ތާޑް ފަރުމާކޮށްދީފައިވަނީ ފިނި ހަނގުރާމައިގެފަހުން އުތުރު ކޮރެއާ އަދި އީރާނުފަދަ ގައުމުތަކުން އުފައްދަމުން ގެންދާ ނިއުކްލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ކުރު އަދި މެދު ރާސްތާ ބެލިސްޓިކް މިސައިލުން ދިފާއުވެ ގަތުމުގެ ނިޒާމެއްގެ ގޮތުގައެވެ.
އެމެރިކާގެ ބައިވެރިން މިސައިލްގެ ހަމަލާތަކުން ރައްކާތެރިކޮށްދިނުމުގައި ފުރަތަމަ ދުވަސް ތަކުގައި ތާޑް އިން ވަރަށް ރަނގަޅު ނަތިޖާ ލިބިގެން ދިޔައެވެ. އެ ދުވަސްވަރު އުތުރު ކޮރެއާގެ އުފެއްދުމަކީ ނޯޑޮންގް އެވެ. އަދި އީރާނުން އުފެއްދީ ޝަހާބު މަރުކާގެ މިސައިލް އެވެ. އެހެންންމަވެސް މިސައިލް ޓެކްނޯލޮޖީ ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާ ބާރު ދުވެއްޔެއްގައެވެ. ފުރަތަމަ އަހަރު ތަކުގައި އުފެއްދި ބެލިސްޓިކް މިސައިލްވެސް ކާމިޔާބު ކަމާއެކު ތާޑް އިން ޖައވުތެރޭގައި ހަލާކު ކޮށްލަމުން ގެންދިޔައެވެ. އެހެންނަމަވެސް އޭގެފަހުން އެމެރިކާއާއި ދެކޮޅު ގައުމުތަކުން ކުރިއަރާފައިވާ ޓެކްނޯލޮޖީގެ ބޭނުން ކޮށްގެން ތާޑް ދިފާއީ ނިޒާމުން އެކަށީގެންވާ ގޮތެއްގައި އިންޓަރސެޕްޓް ނުކުރޭނެ ބެލިސްޓިކް މިސައިލް އުފައްދަން ފަށައިގަތީއެވެ. އީރާނުގެ ހަމަލާތައް ދިފާއުކުރުމުގައި ތާޑްގެ ހަރަކާތްތައް އެންމެ ބޮޑަށް ސިފަކުރެވެނީ މަދިރި އައިނެއް މަތަކުރަން އިލޮށި ފައްޗެއް ބޭނުންކުރުމާ އެއްފަދަ ގޮތަކަށް ކަމުގައި މިސާލު ޖަހާފައި ވެއެވެ. ބައެއް މިސައިލް ނައްތާލެވުނުއިރު ބައެއް މިސައިލް އޭގެ އަމާޒަށް ވާސިލުވެގެން ދިޔައީއެވެ. ތާޑް ފަރުމާ ކުރެވިފައިވަނީ 40 ކިލޯ މީޓަރާއި 150 ކިލޯމީޓަރގެ އުސްމިނުގައި އަންނަ ބެލިސްޓިކް މިސައިތަކަށް ސުޕަރސޯނިކް ދުވެލީގައި ގޮސް ހަމަލާދީ ނައްތާލާ ގޮތަށެވެ. އެއަށްވުރެން ތިރިން ދަތުރުކުރާ މިސައިލްތައް އަތުލައިގަތުމުގައި މާ ބޮޑު ކާމިޔާބީއެއް ހާސިލު ކުރެވިފައެއް ނެތެވެ.
މި ހުސްވި މޭމަހުގެ ތެރޭގައި ހޫތީ މުޖާހިދުން އިސްރާއީލަށްދިން ބެލެސްޓިކް މިސައިލްގެ ސަބަބުން ތާޑްގައި ހުރި ސީދާ އަމާޒަށް ދިއުމުގެ ސެންސަރތަކުގައި ހިމެނޭ އުނި ކަންތައްތަކެއް ވަނީ ފާހަގަ ކުރެވިފައެވެ. އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި އެއްވެސް މަގްސަދެއް ހާސިލު ނުކުރެވި އިސްރާއީލުން އުދުއްސާލެވުނު ތާޑް އިންޓަރސެޕްޓަރތަކުގެ އަގު 800 މިލިއަން ޑޮލަރަށް އަރައިގެން ދިޔައީ އިންޓަރސެޕްޓަރ ތަކުގައި ހުރި ސެންސަރތަކުން ބަރާބަރަށް އަމާޒަށް މަގު ނުދެއްކުމުގެ ސަބަބުންނެވެ. އެއިން ކޮންމެ އިންޓަރސެޕްޓަރެއްގެ އަގަކީ ގާތްގަނޑަކަށް 15 މިލިއަން އެމެރިކާ ޑޮލަރެވެ.
ޖޫން 18 ވަނަ ދުވަހު އީރާނުން ތެލް އަވީވަށް ދިން މިސައިލް ތަކުގެ ހަމަލާ ދިފާއުކުރުމަށްޓަކައި ގިނަ އަދަދެއްގެ އިންޓަރސެޕްޓަރ އިސްރާއީލުން ބޭނުންކުރިއެވެ. އެކަމަކު ފަހުން އެނގުނުގޮތުގައި އީރާނުގެ ހަމަލާގައި ބޭނުންކުރި ގިނަ މިސައިލްތަކަކީ ފޭކް މިސައިލްތަކެކެވެ. އެ މިސައިލްތައް ހަލާކުކޮށްލުމަށް ގިނަ އަދަދެއްގެ އިންޓަރސެޕްޓަރ ބޭކާރުގޮތުގައި ބޭނުން ކުރެވުނީއެވެ. މިއީ ހަމަލާދިނުމުގައި އީރާނުން ބޭނުންކުރާ ނުރައްކާތެރި އުކުޅެކެވެ.
ޖޫން 13 އިން 24 އަށް ކުރިއަށް ދިޔަ ހަނގުރާމައި އިސްރާއީލާއި އެމެރިކާގެ މިލިޓްރީ ހުދޫދު ކިތަންމެ ރަނގަޅަކަށްވެސް އީރާނުން އަންދާޒާ ކޮށްފިކަން ގަބޫލު ކުރަންޖެހެއެވެ. އީރާނުގެ ފައްތާޙް-1 މަރުކާގެ މިސައިލުން ދިފާވުމަށްޓަކައި އެމެރިކާގެ ދިފާއީ ނިޒާމް އިތުރަށް ތަރައްގީ ކުރަންޖެހޭކަމަށް ތަޖްރިބާކާރުންގެ ރައުޔުގައި ބުނެފައިވެއެވެ.
One Response
11 ދުވަހުން 800މިލޔަން ޑޮލަރު. އެމެރިކާ އިން ހަމަ ޕްރިންޓްކޮށްކޮށްފާ ޚަރަދު ކުރަންވީނޫންތޯއެވެ. ހޭ އަހާލާނެ މީހުންވެސް އެހާ މަދެއްނޫންތޯއެވެ. އެމީހުން ފައިސާ ޕްރިންޓްކޮށްފާ ގައުމުުގައުމު ފުނޑާލަން އެބޭނުން ކުރާތަން މިހާރު ކިތަކެއް ގަރުނު ވެދާނެތޯއެވެ.