ނައިފަރު މުޙައްމަދު ސަމީރު، އެބޭފުޅާ ލިޔުއްވި ”ދިވެހި ޤައުމިއްޔަތު“ މި ލިޔުމުގައި ބަޔާން ކުރައްވާފައި ވެއެވެ: ”މި ރާއްޖޭގެ ރަށްތަކުގައި، ރުއްތަކުގެ ހިޔާވަހިކަމުގެ ދަށުގައި ކަނޑުންނާއި އެއްގަމުން އަނގަމަތިކޮށް ދެއްވާފައިވާ ޚަޒާނާތަކުން ދިރިއުޅުން ހަމަޖައްސަމުން، އަމިއްލަ ވެރިކަމެއް މިނިވަންކަމާ އެކު ، އިސްލާމްދީނުގެ އަލީގައި ކުރަމުން، އަމިއްލަ ބަހަކުން ވާހަކަދައްކައި ލިޔަމުން ދާ ބަޔަކީ ދިވެހީންނެވެ.
މި ދެންނެވި އަޞްލު އުޞޫލުތައް ރާއްޖޭގެ އަތޮޅުތަކުންވާ ރަށްތަކުގެ ދަރީން ގައި ހުރުމަކީ އެއީ ދިވެހި ޤައުމިއްޔަތެވެ.“
އާދެ! ޙަޤީޤީ ޤައުމިއްޔަތަކީ ކޮބައިކަން، ގިނަ ދިވެހީންނަށް މިއަދު ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. އެހެނީ، މިއަދު އެ ބުނާ ޤައުމިއްޔަތަކީ، ދިވެހި ލިބާހެއް ލައިގެން ދުވަހެއް ފާހަގަ ކޮށްލުމެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެެއީ ހަމައެކަނި ޤައުމު ދެކެ ލޯބިމުވެ. ނުވަތަ ދިވެހި ބަހާއި އަދަބިއްޔާތުގެ ވާހަކަ ދެއްކުމެވެ. ނުވަތަ ދިވެހި ޘަޤާފަތާއި ތަރިކައިގެ މަޢުލޫމާތު އެނގުމެވެ.
މިއީ ވެސް ދިވެހީންނަށް މުހިއްމު ކަންކަމެވެ. އެހެން ނަމަވެސް، މިއީ ޙަޤީޤީ ދިވެހި ޤައުމިއްޔަތެއް ނޫނެވެ. ޙަޤީޤީ ދިވެހި ޤައުމިއްޔަތަކީ މަރްޙޫމް މުޙައްމަދު ސަމީރު އެ ވިދާޅުވާ ޤައުމިއްޔަތެވެ. ދިވެހިވަންތަކަމެވެ. ނުވަތަ ޔޫސުފު މުޙައްމަދުފުޅުގެ ލަވައިގައި ވިދާޅުވާ ދިވެހިއްޔަތެވެ. އަޅުގަނޑު، އެބޭފުޅަކަށް ނުހަނު އިޙްތިރާމް ކުރައްވާ އުސްތާޛަކު އަޅުގަނޑު ގާތުގައި ވިދާޅުވިއެވެ :
“ ޤައުމިއްޔަތު ގެ ވާހަކަ ދައްކާ އިރު، އެންމެ ފުރަތަމަ ވެސް ވިސްނަންވީ، އެބަހުގެ އަޞްލަކީ ކޮބައި ކަމެވެ. އެހެނީ އަޞްލުން އުފެދިފައިވާ ތަކެއްޗަށްވުރެ، އަޞްލު މާ ބާރުގަދަވާނެއެވެ. އެހެންކަމުން، ޤައުމިއްޔަތެއް މި އުފެދެނީ ”ޤައުމު“ އަށް ”އިއްޔަތު“ އެއް ގުޅިގެންނެވެ. އެހެން ވީމާ ދެން ކުރަން ވީ ސުވާލަކީ، ”ޤައުމު“ އަކީ ކޮބައިތޯއެވެ. ޤައުމަކީ، އެބަޔަކު ދިރިއުޅޭ ފަސްގަނޑެއް ނޫނެވެ.
އެއީ އެ ފަސްގަނޑު ވަށައިގެންވާ ކަނޑުފަޅެއް ވެސް ނޫނެވެ. އެއީ އެ ފަސްގަނޑާއި ކަނޑުފަޅު އެކުލެވޭ ތިމާވެށްޓެއް ވެސް ނޫނެވެ. ޤައުމަކީ މާދަރީ ބަހެއްގެ ގޮތުގައި އެއް ބަހަކުން ވާހަކަ ދައްކާ މީހުންގެ ޖަމާޢަތެކެވެ. ޤައުމިއްޔަތަކީ އެމީހުންނާއި، އެމީހުން ދިރިއުޅޭ ފަސްގަނޑާއި، އެމީހުންގެ ދައުލަތަށް ޓަކައި އުފެދޭ މަފްހޫމެކެވެ. ޤައުމިއްޔަތަކީ، އެމީހުންގެ ރާއްޖޭގެ ތިމާވެށީގައިވާ، ކަނޑުފަޅުތަކުން ވަށާލެވިފައިވާ ފަސްގަނޑުގެ މަތީގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮންމެ ފަރުދަކަށް ވެސް މުހިއްމު މަފްހޫމެކެވެ.
ޤައުމުގެ މާނައިގައި ހިމެނެނީ މީހުންކަން އެނގޭ އެންމެ ބޮޑު ހެތްކަކީ، ކުރީގައި ލިޔެފައިވާ އެކި ލިޔުންތަކުގައި، ދިވެހީންގެ ”ރާއްޖެ ކުޑަ ކަމަށާއި ޤައުމު މަދު“ ކަމަށް ބަޔާންކޮށްފައި ހުންނާތީއެވެ. ޤައުމިއްޔަތަކީ މީހުންނާއި އެމީހުންގެ ފަސްގަނޑާއި އެމީހުންގެ ކަންކަން ހަމަޖައްސައި ހިންގުމަށް އޮންނަ ނިޒާމުގެ މަސްލަހަތުގައި ހިފަހައްޓަން ޖެހޭ އެންމެހައި ސިފަތަކެވެ. ދިވެހީންނަށް ދިވެހީންގެ ކަނޑުތަކުންނާއި ދަނޑުތަކުން ބަނޑުފުރާނަ މުއްތި ކުރެވޭން ވާނެއެވެ. ބޭރުން ގެނެވޭ ތަކެތި ނުލިބޭނެ ދުވަހެއް އަޔަސް، މި ރާއްޖެއިން ލިބޭން ހުންނަ އެއްޗަކުން ދިރިއުޅުން ހަމަޖައްސަން އެނގެން ވާނެއެވެ.
އެހެންކަމުން ޤައުމިއްޔަތު ދިރުވައި އާލާކުރުމަކީ، އިސްވެ ބަޔާން ކުރެވުނު ކަންތައްތައް ހާޞިލު ކުރުމަށް މަސައްކަތް ކުރުމެވެ.“
އެހެންވީމާ ސުވާލަކީ، ލިޔުންތެރިޔާ ބަޔާންކުރައްވާފައިވާ ފަދައިން، މިއަދު އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ވަށައިގެންވާ ޚަޒާނާއިން ދިރިއުޅުން ހަމަޖެއްސޭހެއްޔެވެ؟ ނުވަތަ ހަމަޖައްސަން އެނގޭ ހެއްޔެވެ؟ އުސްތާޛު ވިދާޅުވި ފަދައިން، އަޅުގަނޑުމެންގެ ޤައުމިއްޔަތު ޚަޤީޤަތުގައި ވެސް ދިރުވައި އާލާ ކުރެވޭ ހެއްޔެވެ؟
ނިކަން ވިސްނަވައި ބައްލަވާށެވެ! އަޅުގަނޑުމެންގެ މި ޤައުމުގެ ނިޒާމު މި ދަނީ ރަނގަޅަށް ތޯއެވެ؟ އަޅުގަނޑުމެންގެ އަމިއްލަ ފަސްގަނޑުން އަޅުގަނޑުމެންނަށް ލިބެންޖެހޭ މިންވަރަށް މަންފާ ހޯދޭ ހެއްޔެވެ؟ ހޯދަން އެނގޭ ހެއްޔެވެ؟ އަޅުގަނޑުމެންގެ ޒުވާން ފަރުދުން ހަރުދަނާ ބަޔަކަށް ވަމުން އެބަ ދޭތޯއެވެ؟ ޤައުމުގެ ދަރީން ހަރުދަނާ ބަޔަކަށް ހެދުމަށް ކުރަން ޖެހޭ ކަންކަން ނިޒާމެއްގެ ތެރެއިން ކުރިޔަށް އެބަ ދޭ ހެއްޔެވެ؟
މިއަދު ރާއްޖޭގައި މަހަށްދާ އޮޑިއަކަށް އަރާނޭ ދިވެހި ޒުވާނުންނެއް ނެތެވެ. ޅަ އިރުގައި ދިވެހި ކުދިން މަސްވެރިންނަށް ހެދުމަށް ހުރަސްތައް ވަނީ އެކި ދައުލަތުގެ އިދާރާތަކުގެ އުޞޫލުތަކުން ކަނޑައަޅާފައެވެ. ދަނޑުވެރިކަމާއި މަސްވެރިކަން ކުރާނޭ ދަނޑުކަނޑުވެރީން އުފެއްދޭނެ ނިޒާމެއް ނެތެވެ. ކަނބުރުވެރިކަން ދަންނަ، ކިއްސަރުވަޑާން ކުރަން ދަންނަ، ނުވަތަ އަދި އެންމެ ކުޑަމިނުން، އެން ދަމަން ބޭނުންކުރާ ދާގަނޑު ހަދަން އެނގޭ ވަރުގެ ޒުވާނުން، މިއަދަކު މި ޤައުމަކު ނެތެވެ…
އެހެންކަމުން، ޤައުމިއްޔަތަކީ، ޤައުމީ ލިބާސް ލައިގެން ބަނޑިބަނޑި ލައްވައި ދުވަހެއް ފާހަގަ ކޮށްލުން އެކަންޏެއް ނޫނެވެ. ޙަޤީޤީ ޤައުމިއްޔަތަކީ، ބޭރުން މި އެތެރެކުރާ ތަކެތި ނުލިބޭ ޙާލަތުގައި ކާބޯތަކެތި އަމިއްލައަށް، މި ފަސްގަނޑުގައި އުފައްދައިގެން، ފުދިގެން ކައި އުޅުމުގެ ޤާބިލްކަން ވެސް ހުރުމެވެ.
އިންޖީނަށް އަޅާ ތެޔޮ ހުސްވުމުން، ރިޔާ ނަގައިގެން އޮޑިފަހަރު ދުއްވަން ވެސް އެނގުމެވެ. ދޯނިފަހަރު ބަންނާނޭ ފައިބަރު ނުލިބުމުން، ކުރީޒަމާނުގައި އަޅުގަނޑުމެންގެ ކާބަފައިން އޮޑި ބަނދެ އުޅުނު ގޮތަށް އޮޑި ބަންނަން ވެސް އެނގުމެވެ. އެއީ ޙަޤީޤީ ދިވެހި ޤައުމިއްޔަތެވެ.
أقول قولي هذا
السلام عليكم ورحمة الله وبركاته
ލިޔުއްވީ : (- އިބްރާހީމް ނާބިތު ޢަބްދުއްރަޙުމާނު – )
2 Responses
ގައުމިއްޔަތަކީވެސް ދެން މިހާރުގެ ސްޓައިލްއަށް ދެއްކުންތެރިކަމެއް. ދުވަސް ފާހަގަ ކޮށްލައި ކަރަދުގަނޑެއް ކޮށްލައިފާ ބެސްޓް ފޮޓޯ އާއި ޚަބަރު. އިބްރާހީމް ނާބިތުގެ މިލިޔުން ވަރަށް ކަމުދިޔަ.
ޝުކުރިއްޔާ
ވަރަށް ފުރިހަމަ ލިޔުމެކެވެެ. ނެތެމުން އުވެމުންދާ ހަޤީޤީ ޤަޢުމިއްޔަތުގެ މައްޗަށް ޖަޒުބާތީ ނަޒަރަކުން ލިޔުންތެރިޔާ އަލިއަޅުވާލައިފައި ވަނީ ވަރަށް ފުރިހަމައަށެވެ. އުފަން ފަސްގަނޑުން ނާބިތު ފަދަ ޒުވާން ލިޔުންތެރިޔެއް އުފެދުނީތީ ހަމްދާއި ޝުކުރުކުރާ ހާލުގައި ނާބިތުއަށް ތިކުރަމުންދާ ބުރަބޮޑު ބިޔަ މަސައްކަތުގައި އިތުރު ކާމިޔާބަށް އެދި ހިތްވަރުގެ ގުލްދަސްތާއަކުން މަރުޙަބާ ކިޔަމެވެ.